Advertisement
ކ. މާލެ
|
21 ނޮވެންބަރ 2025 | ހުކުރު 18:14
ކުރީގެ ސުޕުރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު
ކުރީގެ ސުޕުރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު
ރާއްޖެއެމްވީ
ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވުން
ޖޭއެސްސީ އިން އުޅެނީ މުޅި ޖުޑީޝަރީ ސަރުކާރުގެ މުށުތެރެ އަށް ލައިދޭން: ސުއޫދު
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށިއިރު އެކަން ރަސްމީކޮށް ހާމައެއް ނުކުރޭ
ސިވިލް ކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަތަކެއް ބަލައި މަގާމުން ވަކިކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ކޯޓުތަކު ގެ ފަނޑިޔާރުން ގެ މައްސަލަތައް ބަލައި، ބައެއް ފަނޑިޔާރުން މަގާމުން ވަކި ކުރަނީ މުޅި ޖުޑީޝަރީ ސަރުކާރު ގެ މުށުތެރެ އަށް ލުމުގެ ބޭނުމުގައި ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

11 މެމްބަރުން ގެ މައްޗަށް އެކުލެވޭ ހައިކޯޓު ގެ 5 ފަނޑިޔާރެއް ގެ މައްސަލަ ޖޭއެސްސީ އިން ބަލަން ފެށި ނަމަވެސް އެކަން ޖޭއެސްސީ އިން ރަސްމީކޮށް ހާމަ އެއް ނުކުރެ އެވެ. މި ކަމާއި ގުޅޭ ގޮތުން ޖޭއެސްސީ ގެ ބަހެއް ހޯދުމަށް މި ނޫހުން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާ ގޮތް ނުވެފަ އެވެ.

ރާއްޖެ އެމްވީ އިން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މައްސަލަ ބަލަމުންދާ ފަނޑިޔާރުން ގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހުސައިން މަޒީ، ދުފާތިމަތު ފަރުހީޒާ، ފަނޑިޔާރު މުހައްމަދު ނިޔާޒު، އަދި ފަނޑިޔާރު ދީބާނާޒު ފަހުމީ އާއި ގުޅުން ހުރި މައްސަލަތަކެވެ.

މިކަމުގެ ކަންބޮވުުން ފާޅުކޮށް ސުއޫދު އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ ސިވިލް ކޯޓުގެ ދެ ފަނޑިޔާރެއް ގެ މައްސަލަތަކެއް ބަލައި މަގާމުން ވަކިކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސުއޫދު ވިދާޅުވީ މިއީ އަދުލު އިންސާފު ގެ އިތުރުން ޖުޑީޝަރީ ނިޒާމުގެ ފުރިހަމަ ކޮންޓްރޯލް ހޯދައި އެ ނިޒާމު ސަރުކާރު ގެ މުށުތެރެ އަށް ގެންދިއުމަށްޓަކައި ރޭވިގެން ކުރާ މަސައްކަތް ތަކެއް ކަމަށެވެ.

ސުއޫދު ވިދާޅުވީ މުއައްސަސާ ތަކަށް މިއަށް ވުރެ ރަނގަޅަށް ކަންކަން ވާން ޖެހޭ ކަމަށެވެ. އަދި މައްސަލަ ބަލަމުންދާ ފަނޑިޔާރުން އެ މަގާމުތަކުން ވަކިކުރަން ހުށަހެޅި މައްސަލަތަކަކީ އެއްވެސް އަސާސެއް ނެތް އަދި ސިޔާސީ މަގްސަދެއް ގައި ބަލަމުންދާ މައްސަލަތަކެއް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ޖޭއެސްސީ އިން ވަނީ މި މައްސަލަތަކާއި ގުޅިގެން ފަނޑިޔާރުން އެ އިދާރާ އަށް ހާޒިރުކުރުމު ގެ އިތުރުން ބައެއް ފަނޑިޔާރުންނަށް އެ އިދާރާ އަށް ހާޒިރުވުމަށް ނޯޓިސް ވެސް ފޮނުވާފަ އެވެ.

މިފަދަ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަން ފަށާފައި ވާއިރު މިއީ ފަނޑިޔާރު ގެ އަށް ނުފޫޒު ފޯރުވުން ކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރެ އެވެ. މީގެ އިތުރުން ބައެއް ފަނޑިޔާރުންނަށް ރިޓަޔަރ ކުރުމަށް ބާރު އަޅަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ރިޓަޔަރ ކުރައްވަން ނިންމަވާފައިވާ ފަނޑިޔާރުން ގެ ތެރޭގައި ހައި ކޯޓުގެ އެންމެ ތަޖުރިބާ ހުރި އެއް ފަނޑިޔާރު ކަމަށް ވާ މުހައްމަދު ނިޔާޒު ހިމެނެ އެވެ. އޭނާ އަކީ ޖޭއެސްސީ ގެ މެންބަރުކަން ވެސް އަދާކުރައްވާ ބޭފުޅެކެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ގެ މައްސަލަ ވެސް ބަލާ ޖޭއެސްސީ އިން ވަނީ އެ ފަނޑިޔާރުން ވަކިކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ބެންޗު ގައި ތިއްބަވާ ހަތް ފަނޑިޔާރުން ގެ ތެރެއިން ހަތަރުު ފަނޑިޔާރުން އައްޔަނު ކުރައްވާފައި ވަނީ މުއިއްޒު އެވެ.

- ކޮމެންޓް