ރައްޔިތުން ދިރިއުޅުމުގެ އަގު ތިރި ކުރުމަށް ދެމުން އަންނަ ސަބްސިޑީ، ރައްޔިތުންގެ ފައިދާ އަށް ބޭނުން ކުރުމުގެ ބަދަލުގައި ކުންފުނިތައް ނާގާބިލު ވުމުގެ ސަބަބުން އެ ފައިސާގެ ބައެއް ކުންފުނި ހިންގަން ބޭނުން ކުރާ ކަމަށް އޮޑިޓަރ ޖެނެރަލް ހާމަ ކުރައްވައިފި އެވެ.
ރައީސް މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ސަރުކާރު ކުންފުނިތައް ހިންގުން ހަރުދަނާ ކޮށް އެފިޝަންޓް ކުރާނެ ކަން ހިމެނިފައިވީ ނަމަވެސް 2024 ވަނަ އަހަރު ވެސް ކުންފުނިތައް ހިންގުމުގައި އެއްވެސް އިސްލާހެއް ގެނެސްފައި ނުވާކަން މިކަމުން ދޭހަވެއެވެ.
މި ހިނގާ ނޮވެމްބަރު މަހު އޮޑިޓަރ ޖެނެރަލް ނެރުއްވި "ރިވިއު އޮފް ބަޖެޓް ޕޮސިޝަން ރިޕޯޓް 2024" ގައި ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅިގެން ޚިދުމަތުގެ ނުވަތަ ތަކެތީގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓުމުގެ ސަބަބުން ކުންފުނިތަކަށް ލިބޭ މާލީ ގެއްލުންތަކުގެ ބަދަލު ދިނުމަށް އިންޑައިރެކްޓް ސަބްސިޑީ ދެމުން އައި ނަމަވެސް، މި ސަބްސިޑީ އަކީ އެ ކުންފުނިތަކުގެ ހިންގުމުގެ ނާގާބިލުކަމަށް ޙައްލު ހޯދައިދިނުމަށް ދޫކުރާ ސަބްސިޑީތަކެއް ނޫން ކަން ފާހަގަ ކޮށްފައި ވެއެވެ.
އެހެން ނަމަވެސް ކުންފުނިތައް ހިންގުން ނާގާބިލު ވުމުގެ ނަތީޖާއެއްގެ ގޮތުން، ސަބްސިޑީ ގެ ގޮތުގައި ދޫކުރާ ފައިސާ ބޭނުން ކުރަނީ ހަމައެކަނި އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އެކަންޏެއް ނޫން ކަމަށް އޮޑިޓަރ ޖެނެރަލް ގެ ރިޕޯޓު ގައި ވެއެވެ. "އެއާ ޚިލާފަށް، ކުންފުނިތައް ހިންގުމުގައި ހުރި ނާގާބިލުކަމުގެ ސަބަބުން ކުރަންޖެހޭ ޚަރަދުތަކަށް ވެސް،" އެ ފައިސާ ބޭނުން ކުރާ ކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ކުންފުނިތައް ހިންގުމުގައި ހުރި މިފަދަ ނާގާބިލުކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔާ އަށް ކުރިމަތިވާ ބުރައަށް ރިއާޔަތް ކޮށް، 2024، އަދި 2025 ވަނަ އަހަރުގެ ބަޖެޓުގައި މިފަދަ ބައެއް ސަބްސިޑީތައް އުވާލައި، އޭގެ ބަދަލުގައި ސީދާ ފައިސާގެ އެހީ ހައްގުވާ ފަރާތައް ދިނުމުގެ ނިޒާމެއް ތަޢާރަފު ކުރުމަށް ފިނޭންސް މިނިސްޓްރީން ރާވާފައިވާ ކަމަށް ބުނި ނަމަވެސް، މި ސިޔާސަތުތައް ތަންފީޒުކޮށްފައި ނުވާކަން އޮޑިޓަރ ޖެނެރަލް ފާހަގަ ކުރައްވާފައިވެއެވެ.
2024 ވަނަ އަހަރު ސަބްސިޑީ ފައިސާ ގެ ގޮތުގައި 3.9 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ކުންފުނިތަކަށް ދޫކޮށްފައިވާއިރު، އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ އެސްޓީއޯ އަށެވެ. އެއީ ތެލުގެ ސަބްސިޑީގެ ގޮތުގައި ދިން 1.9 ބިލިއަން ރުފިޔާ އާއި އަސާސީ ކާބޯތަކެތީގެ ސަބްސިޑީގެ ގޮތުގައި ދިން 469 މިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ކަރަންޓު ސަބްސިޑީގެ ގޮތުގައި ފެނަކަ އަށް 552 މިލިއަން އަދި ސްޓެލްކޯ އަށް 172 މިލިއަން ރުފިޔާ ދީފައި ވެއެވެ. އޭގެ އިތުރުން މަސްވެރިކަމުގެ ސަބްސިޑީގެ ގޮތުގައި މިފްކޯ 371 މިލިއަން ދީފައިވެއެވެ. ޓްރާންސްޕޯޓް ސަބްސިޑީގެ ގޮތުގައި އެމްޓީސީސީ އަށް 213 މިލިއަން، ނަރުދަމާ ސަބްސިޑީގެ ގޮތުގައި ފެނަކަ އަށް 155 މިލިއަން އަދި ކުނީގެ ސަބްސިޑީގެ ގޮތުގައި ވެމްކޯ އަށް 81 މިލިއަން ރުފިޔާ ދީފައިވެއެވެ.
މީގެ އިތުރުން، 2024 ޑިސެމްބަރު 31 ގެ ނިޔަލަށް، ދައުލަތުގެ ގިނަ ކުންފުނިތަކަކުން ސަރުކާރަށް ދައްކަންޖެހޭ ލޯނުތައް ގަވާއިދުން ދައްކަމުން ނުދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން، އޮން-ލެންޓް ލޯނުގެ ގޮތުގައި ނުދައްކާ 3,665 މިލިއަން ރުފިޔާ އަދި ޓްރެޜަރީ ލޯނުގެ ގޮތުގައި ނުދައްކާ 764 މިލިއަން ރުފިޔާ އެބަހުއްޓެވެ. ނުދައްކާ ހުރި މި ފައިސާގެ ބޮޑު ބައެއް ޒިންމާ ވަނީ އެމް.އޭ.ސީ.އެލް، ސްޓެލްކޯ، އެޗް.ޑީ.ސީ، ފެނަކަ، އެމް.އާރު.ޑީ.ސީ އަދި ޕީ.އެސް.އެމް އިންނެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައި ވަނީ ސަރުކާރުގެ ކުންފުނިތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރަށް ބަރޯސާ ވެފައިވާ ކަމަށެވެ. އެ ގޮތުން ހިންގުމަށް ދޫކުރާ ފައިސާ އާއި ސަބްސިޑީ އާއި ލޯނުގެ ގޮތުގައި ދޫކުރާ ފައިސާ ހިމެނެ އެވެ.