ސަރުކާރާ އިދިކޮޅު ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން މަޖލީހުގެ 12 މެންބަރުން ދައްކާ ވާހަކަތައް އަޑު އަހާލަން ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ބިރު ގަންނަ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާ ގައި މެންބަރު މައުރޫފް ވިދާޅުވީ، ސަރުކާރުގެ ޕާޓީ ޕީއެންސީ އަށް ސުޕަ މެޖޯރިޓީ އެބައޮތް ކަމަށާއި، ނަމަވެސް އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންނަށް ފުރުސަތު ދޭން ނުކެރޭ ކަމަށެވެ.
މެންބަރު މައުރޫފް ވިދާޅުވީ، ސިޔާސީ މަސައްކަތް ކުރަން ދަންނަން ޖެހޭ ކަމަށާއި، ހަޖަމް ކުރަން ވެސް ދަސް ކުރަން ޖެހޭ ކަމަށެވެ.
ފުރުސަތު ދޭން ބިރު ނުގަނޭ. މިތާގައި ސުޕަރ މެޖޯރިޓީ އެބައޮތް......އަޑު އަހާލަން ކެރެންވާނެ. ގައުމުގެ ވެރިކަމާ މިއަދު ހަވާލުވީ ދެ އަހަރު ވެގެން އައިރު ދިވެހި ރައްޔިތަކަށް ކޮށްދެވުނު ކަމެއް ނެތުނީމަ ނުކުމެ މިތަނުގައި އެންމެ 12 މެންބަރުން ދައްކާ ވާހަކަ ހުއްޓުވާލަން މަސައްކަތް ކުރާކަށް ނުޖެހޭ. ކެތްކޮށްލަން ޖެހޭނެ. ސިޔާސީ ކަންކަން ކުރަން ދަންނަންޖެހޭނެ. އެނގެން ޖެހޭނެ. ހަޖަމް ކުރަން ދަސް ކުރަން ޖެހޭނެ. އަޅުގަނޑުމެންނަށް ވާހަކަ ދައްކަން ކެރޭނެ.
މެންބަރު މައުރޫފް ޒާކިރު![]()
މީގެ އިތުރުން މެންބަރު މައުރޫފް ވަނީ ކުރިއާލައި ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދު ތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވާލަން ޖެހޭކަން ފާހަގަކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ހަނި ނުކުރެވޭނެ ކަމަށާއި، އެކަމާއި ދެކޮޅަށް ވާހަކަ ދައްކަނީ ޖަންގަލީގެ އުސޫލުން ވިސްނާ ބޯދާ ބައެއް ކަމަށެވެ.
މެންބަރު މައުރޫފް ވިދާޅުވީ މުޒާހަރާ ކުރުމާއި ހަޅުތާލު ކުރުމަކީ އަސާސީ ހައްގެއް ކަމަށާއި ޚާއްސަކޮށް މަސައްކަތު މާހައުލުގައި ހަޅުތާލު ކުރުމަށް ގާނޫނެއް ހަދައިގެން ހުރަސް ނޭޅޭނެ ކަމަށެވެ. އެގޮތުން މަސައްކަތްތެރިޔަކު ރިސޯޓެއްގައި އޭނާގެ މަސައްކަތު މާހައުލުގައި ހަޅުތާލު ކުރާނަމަ އެކަން ގާނޫނެއް ހަދައިގެން ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު މައުރޫފް ވިދާޅުވީ، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މުއާހަދާތަކާއި ހިލާފަށް، ހައްގުތައް ދިނުމާއި ދެކޮޅަށް މަޖިލީހުގައި ވާހަކަ ދެއްކުމަކީ ކަންބޮޑުވާ މައްސަލަ އެއް ކަމަށެވެ.