Advertisement
ކ. މާލެ
|
17 ނޮވެންބަރ 2025 | ހޯމަ 16:55
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ރާއްޖެއެމްވީ
ޑރ. އަހުމަދު އަބްދުﷲ ދީދީ
ޚިޔާލު ހޯދާ ވޯޓަކީ ބައެއްގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރަން ނަގާ އެއްޗަކަށް ވެގެން ނުވާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
ސަރުކާރުން ހުށަހެޅި އިސްލާހުގެ ބޭނުމަކީ ޕާޓީން ވަކިކުރުމުން މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި ބަދަލު ސައްހަކުރުން

ޚިޔާލު ހޯދުމުގެ ވޯޓަކީ ވަކި ބައެއްގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރަން ނަގާ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުالله ދީދީ ވިދާޅުވެއްޖެ އެވެ.

ޕާޓީން ވަކި ކުރިޔަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނީ އާންމު ވޯޓަކުން މެންބަރު ކަމުން ވަކި ކުރަން ރައްޔިތުންނަށް ފެނިއްޖެ ނަމަ ކަމަށް ހަދަން ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.

އެކަމާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އަހްމަދު އަބްދުﷲ ވިދާޅުވީ މެންބަރުން ވަކިކުރުމާ ގުޅޭ މާއްދާއަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބޭނުމަކީ ގާނޫނު އަސާސީގެ ސިފަތަކާ ޚިލާފަށް، ޕާޓީން ވަކިކުރުމުން މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ މާޗް މަހު ގާނޫނުއަސާސީއަށް ގެނައި ޣައިރު ދުސްތޫރީ ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިފައި އޮއްވާ އެ ބަދަލު ސައްހަކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ރެފެރެންޑަމް އަކުން ވިއަސް ގާނޫނުގެ އަސާސީ ސިފަތަކާ ޚިލާފަށް ފާސްކޮށްފައިވާ ދުސްތޫރީ ނައްސެއްގެ މައްޗަށް ބިނާކޮށް ކުރާ އެއްވެސް ކަމަކަށް ދުސްތޫރީ އަދި ގާނޫނީ ޝަރުއިއްޔަތު ލިބިގެން ނުދާނެ ކަމަށެވެ. އަދި އެއީ އެކަމުގައި ބަހުސެއް އޮތްކަމެއް ނޫން ކަމަށެވެ.

މެންބަރަކު ނިސްބަތްވާ ޕާޓީއެއްގެ ނިންމުމެއްގެ މައްޗަށް ބިނާކޮށް، ނުވަތަ އިސްނެގުމަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ވަކިކުރުމަށް "ރިކޯލް އެލެކްޝަން" އަކަށް ދިއުމަކީ ދުސްތޫރީގޮތުން ސައްހަ އިޖުރާއަތެއް ނޫން ކަމަށް ވެސް ޑރ. އަހްމަދު އަބްދުﷲ ވިދާޅުވި އެވެ.

ސަބަބަކީ "ރިކޯލް އެލެކްޝަން" ގެ މަފްހޫމް ތަތުބީގުކުރާ ދުސްތޫރީ ނިޒާމްތަކުގައި އެ އިޖްރާއާތު ހިންގާގޮތަށް ބަލާއިރު، އެކަންކުރާ ގޮތަކީ ވަކި އިންތިޚާބީ ދާއިރާއަކުން ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރަކު އެ ދާއިރާގެ ރައްޔިތުންގެ މަސްލަހަތަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެ މެންބަރަކު މަސައްކަތް ކުރަނީ ޕާޓީގެ މަސްލަހަތަށާއި މާލީގޮތުން ނުފޫޒުގަދަ މަހުޖަނުންގެ މަސްލަހަތަށް ކަމަށް އެދާއިރާގެ ރައްޔިތުންނަށް ގަބޫ ލުކުރެވިއްޖެ ނަމަ، އެ ދާއިރާގެ ކަނޑައެޅޭ ވަކި ނިސްބަތެއްގެ ރައްޔިތުންގެ ހުށަހެޅުމަކަށް، އަދި ކަނޑައެޅޭ ވަކި އަދަދަކަށް ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކި ކުރުމަށް އެ ދާއިރާގެ ރައްޔިތުންގެ މެދުގައި ވޯޓު ނެގުން.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުالله ދީދީ

މިގޮތަށް ނަގާ ވޯޓުން އެ މެންބަރު ވަކިކުރުމަށް ފާސްވެއްޖެނަމަ އެ ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި އެ ވަކިކުރެވުނު މެންބަރަށް ވެސް ބައިވެރިވުމުގެ ހައްގު ލިބޭ ކަމަށް ވެސް ޑރ. އަހްމަދު އަބްދުﷲ ވިދާޅުވި އެވެ. އަދި ދެވަނަ ފަހަރަށް އިންތިޚާބު ވެއްޖެނަމަ، ކުރިން ޑިޕޮޒިޓް ކުރި ފައިސާ އެ މެންބަރުގެ އިންތިޚާބީ ކެމްޕޭނަށް ހިނގި ޚަރަދުގޮތުގައި އެ މެންބަރަކަށް ލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ކަމުން ވަކި ޚާއްސަ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ގާނޫނު އަސާސީގެ ސިފަތަކާ ޚިލާފަށް ބޭނުން އިރަކު އެ ބަދަލުކޮށް އިސްލާހު ކޮށްގެން ނުވާނެ ކަމަށް ވެސް ޑރ. އަހްމަދު އަބްދުﷲ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރެފެރެންޑަމް އަކީ އެއްވެސް ހާލެއްގައި ހުދުމުހުތާރު ނިޒާމަކުން ހިންގާ ޣައިރު ދުސްތޫރީ އަމަލުތައް ފޮރުވުމަށްޓަކައި ނުވަތަ އެނޫންވެސް ޝަހުސީ މަސްލަހަތުތައް ހިމާޔަތް ކުރުމަށްޓަކައި ނަގާ އެއްޗަކަށްވެގެން ނުވާނެ ކަމަށެވެ.

- ކޮމެންޓް