ދެމީހަކު އެއްވިއަސް އެވާހަކައެވެ. ރަށްރަށުގައި ވެސް އެނޫން ވާހަކައެއް ނުދައްކައެވެ. ކެނޑިނޭޅި ރެއާ ދުވާލު އިވެމުން ދަނީ ލަވަޔާއެކު ޕިކަޕް ދުއްވާ އަޑެވެ. ގޭގެ އަށް ވެސް ހިނގަނީއެވެ. އެންމެ ޅަކުދިންނަށް ދޫނުކޮށް ކުލަ އުނގުޅައިގެން ހަރުމީހުން ވެސް ގޭގެ އަށް ވަންނަނީއެވެ. ލަވަވެސް ކިޔަނީއެވެ. ޓިކްޓޮކާއި ފޭސްބުކުގައި ވެސް އެނޫން އެއްޗެއް ނެތެވެ. މަގުތައްފުރާ ބެނާ ތަކެވެ. ފިލްމު ކުޅޭ މީހުންނާއި ލަވަ ކިޔާ މީހުންވެސް ނެރެގެން ޑްރާމާ ވެސް ކުޅުވަނީ އެވެ.
ބުދަ ދުވަހުން ފެށިގެން ރަށްރަށުން އެދަނީ ދަތުރަށް ފުރަން ފޭލި ބަންނަމުންނެވެ. މާލެ އަންނާނެ ލިސްޓްތަކަށް މީހުން ހަމަކޮށް އިތުރަށް އެލިސްޓަށް މީހުން ޖެއްސޭތޯ ބަލަމުންނެވެ. ކުންފުނިތަކުގެ މީހުންނަށް އިތުރުގޮތެއް ނެތެވެ. މަހާ ސިންތާ ތަކާއި ބައްދަލުވުންތައް އިންތިޒާމު ކޮށްފައި އޮތީ ސީދާ އެރެއާ ދިމާވާ ގޮތަށެވެ. ދީނީ ތާކިހާ އަޅައިގެން ސިޔާސީ ކާޑު ކުޅޭ ސަލަފަށް ވެސް މުހިއްމުވީ އެކަމެވެ. އެޗްޑީސީއާ ގުޅިގެން ބާއްވަން ނިންމާފައި އޮތް ދަރުސް ފަސްކޮށްފިއެވެ. ހެލްތު އެކްސްޕޯ އޮތީ ބުރާސްފަތި ދުވަހު ފަށާގޮތައް ތިންދުވަހު ބާއްވާ ހޮނިހިރު ދުވަހު ނިންމާށެވެ. އެވެސް މުހިއްމެއް ނުވިއެވެ. އެރެއާ ދިމާވާތީ ހުކުރު ދުވަހު އެކަން ވެސް ކެންސަލެވެ. އެބުނާ އެއްވުމަކަށް ދަތި ނުވާ ގޮތައް ކުނި ނަގާ ގަޑިތައް ވެސް ވެމްކޯ އިން ބަދަލު ކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ އިރުފެނުން ތޮޅިލުމާއެކު އަންނާން އެފެށީ ފްލައިޓްތަކެވެ. ރަށްރަށުން މީހުން އަންނަ ފްލީޓްތަކެވެ. އިންތިޒާމްތަކާ މެދު ބުނާނެ އެއްޗެއް ނެތަސް އެކުރަނީ ހާދަ ބޮޑު ޚަރަދަކޭ ހިތައް ނާރާ ވަރެއް ނޫނެވެ. އެއަރޕޯޓާއި ހަމައިން ހަވާލު އެވަނީ ބޮޑުންނެވެ. ޕްރައިވެޓް ހަޔަރގެ ބަސްތަކުގައި ފުރަތަމަވެސް އެގެންނަނީ ހަރުގެ ދޮރުމައްޗަށެވެ. ތަނަކަށް ހިނގައިގަނެވެނީވެސް ފޮޓޯ ނަގައި ވީޑިއޯކޮށް ޑްރާމާ ކުޅުމައްފަހުގައެވެ. މީހުން ގެނައީކީ ތިޔަހެނެއް ނޫނެވެ. އެންމެ އުތުރުން 500 ވެސް ރަށުގައި ނޫޅޭ ތުރާކުނުން އެކަނިވެސް 80 އަށްވުރެ ގިނަ މީހުން ގެނައި ކަމަށްވެ އެވެ. ބޮޑެތި ރަށްރަށުގެ އަދަދުތައް އަދި އުޅެނީ މާ މަތީގަ އެވެ.
ތިޔަހީވީ ރަނގަޅަށެވެ. ހުކުރުދުވަހު ސަރުކާރު ހިންގާ ޕީއެންސީން ބާއްވާ ބޮޑު ޖަލްސާއެވެ. އެޖަލްސާގެ ބޯ ގިނަ ކުރަން ސަރުކާރާއި މުއިއްޒު ނުކުރާ ކަމެއް ނެތެވެ. ސަރުކާރަށް ތާއީދު އޮތްކަން ދައްކަން މުޅި ސަރުކާރާއި މުއިއްޒު އެއުޅުއްވަނީ ވަތައް ފައިބައިގެންނެވެ. މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވާ ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޖަލްސާއަށް ހެދުމަށެވެ. ރެކޯޑް ހެދުމަށް މަރުދޭ މުއިއްޒު އަނެއްކާ އަނެއް ރެކޯޑް ހެދުމަށެވެ.
"މަވެސް ދާނަމޭ" ބުނެ ޕީއެންސީ ޕްރޮމޯޓް ކުރާ ބޮޑު ޖަލްސާގެ ސޯޝަލް މީޑިޔާ ޕޯސްޓްތައް އޮހެނީއެވެ. ނޫނޭވާ ކުޅަދާނައެވެ. ހާދަހާވަރެކެވެ. އެކަމަކު މުޅިން އެހެން މަންޒަރެއްވެސް ދަނީ ފެންނަމުންނެވެ. އެޕޯސްޓްތަކަށް ކުރާ ކޮމެންޓްތަކުން ފެންނަނީ މުޅިން އެހެން ޓްރެންޑެކެވެ. އެޕޯސްޓްތައް ހިމަނައިގެން ދެން ކޮށްފައިހުންނަ ޕޯސްޓްތަކުގައި ހުންނަނީ މުޅިން އެހެން ވާހަކަތަކެކެވެ. ފަތުއަޑުކިޔާފައި ވައިގާ ހިފަނީ އެޕޯސްޓްތަކެވެ.
އެއްބަޔަކު ބުނެއެވެ. މަވެސް ދާނަމެވެ. އެކަމަކު ދާނީ ކަމެއް ނުކޮށް ބިލިއަން ރުފިޔާގެ ބަޖެޓްތައް ހުސްކޮށްލިގޮތް އަހާލާށެވެ. އަނެއް ބަޔަކު ބުނެއެވެ. މަވެސް ދާނަމެވެ. މަ ދާނީ އާސަންދަ ނުލިބޭތީއެވެ. އެންސްޕާ އިން އޯޑަރުކުރި މަގޭ ބޭސްކޮޅު ލިބޭނީ ކޮންދުވަހަކުންތޯ އަހާލާށެވެ. އަދި އެބުނާ ބެންކޮކު އާސަންދަ ލިބޭނީ ކޮންދުވަހަކުންތޯ އަހާލާށެވެ. ތިރިވެފައިވާ ޑޮލަރެއް ލިބޭނީ ކޮންތާކުންތޯ އަހާލަންށާއި ތަކެތީގެ އަގު ހެޔޮކޮށް ލިބޭނީ ކޮންތާކުންތޯ ބަލާލާށެވެ. ބިލިއަނުން ހުސްކުރި ބަޖެޓުން މަގޭ ރަށަށް ކަމެއް ނުވީ ކީއްވެތޯއާ ބޯހިޔާވަކިކަމަށް ޚާއްޞަކުރި އަހަރު ނިމެންދާއިރު އެންމެ ގާބުރިއެއްވެސް ނުބޭއްވީ ކީއްވެތޯ އޮޅުން ފިލުވާލާށެވެ. އެމްޑީޕީ ސަރުކާރުން ވިއްކާލި ކަނޑު ހޯދަން ކަމެއް ނުކުރަނީ ކީއްވެތޯ ބަލާލާށެވެ. އިންޑިއާއާއެކު ހެދި ގޮތްނޭނގޭ އެއްބަސްވުންތައް އާކޮށް، އައުޓްކުރި އިންޑިޔާގެ ބޮޑުވަޒީރު މޯދީގެ އުނގަށް އެރުނީ ކީއްވެތޯވެސް އަހާލާށެވެ. ހާމަކުރާން އައި އެއްބަސްވުންތައް ފޮރުވައި އެއްވެސް އެއްޗެއް ހާމަނުކޮށް ގައުމީ ސަލާމަތަށް ޓަކައި މިހާރު ހުރިހާ ކަމެއް ފޮރުވަނީ ކީއްވެތޯ އަހާލާށެވެ. ކާފަގެ މަސްބެހުމަށް މުޅި މާލިއްޔާ ގާތްމީހުންނަށް ބަހާލައި ދައުލަތް ލޫޓުވަމުންދަނީ ކީއްވެތޯ އަހާލަން ދާން ބޭނުންވާމީހުންވެސް މަދެއް ނޫނެވެ.
ކޮންމެއަކަސް ސަރުކާރާއި މުއިއްޒުގެ މަސައްކަތުން މިފަހަރު ހެންވޭރުކޮޅަށް މީހުން އެއްކުރާނެއެވެ. ވަޒީފާތަކާއި ފައިސާގައި ބާރުހުރިއްޔާ އެކަން މިފަހަރު ނުވެއްޖެނަމަ އެއީ ގޯހެކެވެ. މީހުންނައިގެން އާޓިފިޝަލް ބީޗް ފުރި މުޅި ހެންވޭރުކޮޅަށް މާލެ އަރި އަޅާލަފާނެއެވެ. އެއީ މުއިއްޒަށް ލިބިދާނެ ފަޚުރަކަށް ވެދާނެއެވެ. އެކަމަކު ހަމައެއާއެއްކޮށް ރޯ ބުހުތާނު ދޮގު ހެދުމާއި އެންމެ ކުރީކޮޅު އޮފް ކެނޑުނު ވެރިމީހާގެ ލަގަބުވެސް ލިބިގެންދާނީ ހަމަ މުއިއްޒަށެވެ. ކިތައްމެ ދޮންކުރިއަސް ދުނބުރިއެއް އަނބަކަށް ނުވާނެއެވެ. ނުފޫޒުތަކަށް ބިރުން މީހުން އެއްވެދާނެއެވެ. އެކަމަކު އެއީކީ ހިތުލޯތްބެއް އަދި ތާއީދަކަށްވެސް ނުވާނެއެވެ.