ޕީއެންސީގެ ބޮޑު ޖަލްސާ އަކީ މުއިއްޒުގެ ވަރަށްބޮޑު ހުވަފެނެކެވެ. މިހާތަނަށް ބޭއްވޭ އެންމެބޮޑު ޖަލްސާ އަށް ހަދަން މުއިއްޒު މަސައްކަތް ކުރެއްވީ އަރުވާ ޖައްސަވައި ވަތަށް ފައިބައިގެންނެވެ. އެޖަލްސާ އަށް މީހުން ގެނައުމަށް ރާއްޖޭގެ ތާރީޚު ގައި ވެސް ނުކުރާވަރުގެ ބޮޑު ހޭދައެއް ކުރިއެވެ. ބައެއް ފަރާތްތަކުން ބުނީ 50 ނުވަތަ 60 މިލިއަން ރުފިޔާ ޚަރަދު ކުރި ކަމަށެވެ. މިހާތަނަށް ދުވަހަކު ނާޅާވަރަށް ރަށްރަށަށް ފްލައިޓްތައް އެޅިއެވެ. ޖަލްސާ ފެށެން ކުޑަތަން ވިއިރު ވެސް މީހުންނައިގެން ލޯންޗްތައް ދިޔައީ މާލެ އަންނަމުންނެވެ. ފުރަތަމަ ފަހަރަށް މޯލްޑިވިއަންގެ އެންމެ ބޮޑު ފްލައިޓް އައްޑޫ އަށް ދަތުރުކުރީ މީހުން ގެނައުމަށެވެ.
ކުރި ހޭދައިގެ އަދަދު ގުނެނީ މިލިއަނުންނެވެ. ސަރުކާރުގެ ހުރިހާ ބާރާއި ނުފޫޒު ތައްމިނަށް ބޭނުންކުރި އެވެ. އިދިކޮޅަށް ވާހަކަ ދައްކަމުންއައި އެތައް ބައެއްގެ ވާހަކަތައް ބަސްބުނި ހިނދުން ފިކުރު ބަދަލު ކުރުވިއެވެ. ފިލްމީ ތަރިންނާއި ލަވަކިޔާ މީހުންނަށް ވަޒީފާ ދީގެން އެމީހުން ކުރިން ދައްކަމުން އައި ވާހަކަތައް ދިމާ އިދިކޮޅަށް ބަދަލު ކުރުވާ ޖަލްސާގެ އިސްތިހާރަށް ނެރުނެވެ. މިހުރިހާ ކަމެއް މުއިއްޒާއި ސަރުކާރުން ކުރީ އެޖަލްސާ އަކީ ރެކޯޑަކަށް ހެދުމަށެވެ. ސަރުކާރާ އިދިކީލި އަޑުތައް ކަނޑުވާލައި ސަރުކާރާ ދިމާލަށް ނަޒަރު ހިންގުވާލުމަށެވެ. ދެއަހަރު ފުރެމުން އައި ސަރުކާރުގެ މޮޅު ވާހަކަ ރައްޔިތުން ލައްވައި ދެއްކުވުމެވެ. ސަރުކާރުގެ ކާމިޔާބީ ރައްޔިތުންނަށް ވިސްނައިދިނުމަށެވެ.
ޖަލްސާ ބާއްވައިފި އެވެ. ކަށްވަޅުގެ ދެ މަހާނަ ގައު ސިފަވާ ގޮތައް ފުރަތަމަ ހެދި ފަސްމަންޒަރަށް ފާޑު ކިޔަން ފެށުމުން، ފަހު ވަގުތު ޖަލްސާގެ ސްޓޭޖަށް ބަދަލުވެސް ގެނެސްގެންނެވެ. މުއިއްޒު ގަބޫލުކުރައްވާ ގޮތުންނަމަ 13000 މީހުންނައިގެން ރެކޯޑް އަދަދަކަށް މީހުން އެއްވިއެވެ. އެކަމުގެ ބޯ ގުނައިގެން ހިސާބު ހެދި މީހުން ބުނީ އެތަނުގައި ތިބީ ފަސް ހާހެއްހާ މީހުން ކަމަށެވެ.
މުއިއްޒު ގެ "އެ ބޮޑު ޖަލްސާ" ބޭއްވި ފަހުން ހަފުތާ އެއް ހަމަވާން ކައިރި ވަނީ އެވެ. ޖަލްސާ ގެ އަޑެއް ނެތެވެ. އެރެއިން ފެށިގެން ވެސް ޖަލްސާގެ ވާހަކަ އެއް ނުދައްކަ އެވެ. މުއިއްޒު ގެ ކާމިޔާބުގެ ވާހަކައެއް ނީވެއެވެ. ޖަލްސާއަށް ދިޔަ މީހުންގެ ގިނަކަމުގެ ވާހަކަވެސް ދައްކާ އުޅެނީ މަދުބައެކެވެ. އަމުދުން ރައްޔިތުންގެ ހިތްތަކާ ކުޅެލާނަމޭ ހިތަށް މުއިއްޒު ވިދާޅުވި "އަންނަ ރޯދަމަހުގެ ކަރަންޓްބިލް 400 ރުފިޔާއަށް ހެދުމާއި މަސްދަޅުކޭސް ބަހާ ވާހަކަ"ވެސް ވަޔަކު ނުހިފިއެވެ. ކުރުކޮށް ފޮނިކޮށް ބުނަންޏާ ހަފުތާއެއް ނުވަނީސް އެޖަލްސާގެ އަޑު އެއްކޮށް ކެނޑިއްޖެއެވެ.
ޖަލްސާގެ އަޑު ކެނޑުނު ނަމަވެސް ފަތުއަޑުކިޔާފައި އިވޭ ޖަލްސާގެ އެހެން ވާހަކައެއް އެބައޮތެވެ. އަދިވެސް ހުއްޓުމެއްނެތި ވައިގާ ހިފައިގެން ބާރަށް ދެކެވޭ އެހެން ވާހަކައެއް އެބައޮތެވެ. ފޭސްބުކް ހުޅުވާލިއަސް ބަންޑުންވާ ވަރަށް އެވާހަކައެވެ. އޮންލައިން ނޫސްތަކާއި ޓީވީ ޗެނަލްތަކުގައިވެސް އެވާހަކައެވެ. ޓިކްޓޮކް ލައިވް ތަކާއި ވަކިވަކި މީހުންގެ ކޮމެންޓްތަކުގައިވެސް އެވާހަކައެވެ.
އެ ޖަލްސާ ގައި އަސަރުން ފުރިގެންވާ ފަދަ ވާހަކަތަކަކުން އެންސްޕާގެ އެމްޑީ އަދި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެއްކި ޖަޒްބާތީ ވާހަކަތަކެވެ. ގިނަބަޔަކު ގަބޫލުކުރާގޮތައް ހީނާ އެރޭ ހުށަހަޅައިދިން ހީނާ ޑްރާމާގެ ވާހަކައެވެ.
އެއްބަޔަކު ބުނަނީ ހީނާ ހުރީ ވަގުތަކަށް ބަލަބަލައެވެ. އެފަދަ ފުރުސަތެއްގެ އިންތިޒާރުގައެވެ. އެންސްޕާއިން ހެދިކަމަށް ބުނާ ޓީވީގެ ކަންތައް ގަނޑުގައި ރައްދެއް ދޭށެވެ. ހީނާ އެމީހަކާ ހެދި ކުރިން މަރުދިން ޔާމީނުގެ ޕީއެންއެފްގެ ޖަލްސާތަކުގައި ދައްކާ ވާހަކަތަކަށް ރަނގަޅަށް ޒުވާބު ދިނުމަށެވެ. ހީނާ އެބޭނުންކުރީ އެފުރުސަތެވެ. އެޖަލްސާގައި ސީދާ ނަން ނުބުންޏަސް ޔާމީނަށާއި ޔާމީންގެ ޓީމަށް ހީނާ ކުރުދޮށިން ދިނެވެ. ރަތްމަހަކަށް ނުގޮވާހާ އެއްޗެހި ގޮވާލިއެވެ. ޕީއެންސީގެ މީހުންގެ ބަހުންނަމަ އޮންނާނީ ހެޔޮވަރު ވަރަކަށް ޔާމީނަށާއި ޕީއެންއެފަށް ދީފައެވެ.
އެކަމުގައި ހީނާ ކުޅުނީ އަންހެން ކާޑެވެ. އަންހެނަކަށް ވީތީކުރި ފުރައްސާރައެއް ކަމަށް ބުނެއެވެ. އަސަރުން ފުރިގެންވާފަދަ ގޮތަކަށް ހީނާ ދެއްކީ އޭނާގެ ސިއްހީ ހާލަތާވެސް ގުޅުވައިގެން އިދިކޮޅު މީހުން އެއްޗެހި ކީ ކަމަށް ބުނެއެވެ. އެއީ ބަލައިގަނެވޭ ވަރަށް ވުރެ ދަށުދަރަޖައިގެ ކަމެއްގެ ވާހަކައެއްގެ ގޮތުގައެވެ.
މީހުން އެވާހަކަ ދައްކާން ފެށީ އެހެން ވެގެންނެވެ. ހީނާ އެކުޅުނު ކާޑުންނެވެ. މީހުން ފާޑުކިޔަނީކީ ހީނާއަކަށް ނޫނެވެ. ހީނާ އަންހެނަކަށް ވީތީ އެއްވެސް ނޫނެވެ. ހީނާގެ މަގާމަށެވެ. އެމަގާމުގައި ހުރި މީހަކު ކަންކުރި ގޮތަށެވެ. އެމަގާމުގައި ފިރިހެނަކު ހުރެގެން އެފަދަ ކަންކަން ކުރިއަސް ފާޑުކިޔާނެއެވެ. މީހުން ބުނަނީ އެވާހަކައެވެ. އެވަރުގެ ސިޔާސީ މަގާމަކަށް އަންނާންވާނީ އެފަދަ ފާޑުކިއުންތައް ހަޖަމް ކުރެވޭވަރުގެ މީހެކެވެ. އަދި އެފަދަ ފާޑެއް ކިޔަން ފުރުސަތު ނުލިބުނު ނަމަ އެވާހަކަތަކެއް ވެސް ނުދެކެވުނީހެވެ. އެ ދިމާކުރުންތަކެއް ނާންނާނެއެވެ.
ގިނަބަޔަކު އެންމެ އަޅައިގަތް އަނެއް ކަމަކީ ހީނާގެ ސިއްހީ ހާލަތާ ގުޅުވާ ދެއްކި ވާހަކައެވެ. ދިވެހިންނަކީ އެހާ ހިތްނުބައި ބައެއް ނޫނެވެ. މީހެއްގެ ސިއްހީ ހާލަތާ އެމީހެއްގެ ގުދުރަތީ އުނިކަމަކާ ހަޖޫ ޖަހާ ވާހަކަ ދައްކާވަރަށްވުރެ ދިވެހިންނަކީ ރޯފިލާފައިވާ އަދި ގޮތެއް ހުރި ބައެކެވެ. އެކަމަކު މީހުން ވިސްނައިދެމުންދިޔައީ ހީނާ ވެސް ތަހައްމަލު ކުރަމުންދާ ސިއްހީ ހާލަތުގައި އެހެން މީހަކުވެސް އުފުލާނެ ވޭނުގެ ވާހަކައެވެ. އެކަމަށް އާސަންދަ އާއި އެންސްޕާ އިން ފަރުވާ ލިބުމުގައި ދަތިކަމެއް އުޅޭ ނަމަ އެމީހުން ތަހައްމަލު ކުރާނެ ހިތްދަތިކަމުގެ ވާހަކައެވެ. އެފަދަ މީހުންގެ އާއިލާތަކުން އުފުލާނެ ބުރަ އާއި ވިސްނާނެ ވިސްނުންތަކުގެ ވާހަކަ އެވެ. އެވާހަކަތައް އަމާޒު އެކުރީކީ ހީނާ އަކާ ނޫނެވެ. އެންސްޕާ ގެ އެމްޑީއާ އެވެ. އެ ކަންކަން ކުރަން ހުރި މީހާއަށެވެ.
ކޮންމެއަކަސް ހީނާގެ ޖަޒްބާތީ އެ ޑްރާމާގެ ވާހަކަ އަދިވެސް ނުނިމެއެވެ. އެކިގޮތްގޮތައް އެކި މީހުން އެދަނީ އެކި ޕްލެޓްފޯމްތަކުގައި އެވާހަކަ ދައްކަމުންނެވެ. އެކަމުގެ ހިޔަނި މުއިއްޒުގެ އެ ޖަލްސާ އަށް އެވަނީ ސީދާ ސީދަލަށް އެޅިފައެވެ. މުއިއްޒު މިލިއަނުން މިލިއަނުން ހަރަދުކުރި އެޖަލްސާ ގެ އަޑު އެވަނީ ހީނާގެ ސަބަބުން ކެނޑިފަ އެވެ. ރެކޯޑް ހަދަން މުއިއްޒު ބޭއްވި އެ ޖަލްސާ އެވަނީ ބޮޑު ފްލޮޕަކަށް ވެފައެވެ. ހަމަ ހީނާގެ ޑްރާމާގެ ސަބަބުންނެވެ.