އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުން ސިފައިންގެ އައު އިމާރާތްތަކާއި ޓްރެއިނިން މަރުކަޒުތައް އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ނަސްރު ދުވަހުގެ ޖަލްސާ ގައި، ރައީސް މުއިއްޒު ވިދާޅުވީ، ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް މި އަހަރުގެ ބަޖެޓުން ވެސް ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށާއި، އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުން ވެސް ގިނަ ކަންތައްތަކެއް ކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތްތަނުގައި ސިފައިން ބޭނުން ކުރުމަށް އައު އިމާރާތްތައް އަޅާނެ ކަމަށާއި، ޓްރެއިނިން މަރުކަޒުތައް އަދި ފުލުހުންނަށް ޚާއްސަކޮށް ވެސް ގިނަ މަަސައްކަތްތަކެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަހަރު ވެސް މިއަންނަ އަހަރު ވެސް ފާސް ކުރަން ހުށަހަޅާފައި އޮތް ބަޖެޓުން ވެސް ފެނިވަޑައިގަންނަވާނެ ދިވެހި ލޮބުވެތި ރައްޔިތުންނަށް މިގޮތަށް އެތައް ކަމެއް ކުރަން އެއޮތީ ހުށަހަޅާފައި. ނޫނީ ހިމަނާފައި. ފްލޭން ކޮށްފައި. ސިފައިންގެ އެކިއެކި ދާއިރާތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމާ އޭގެ އިތުރަށް ސިފައިންގެ ޚިދުމަތުގައި ހޭދަކުރާ ވަގުތު އެ ސިފައިންނަށް މިދިޔަ ގިނަ އަހަރުތަކުގައި އަޅާނުލާ އޮތް އޮތުން ނިމުމަކަށް ގެނެސް، ރަނގަޅު ޚިދުމަތްތައް ދިނުމަށް ބަޖެޓުގައި ހިމެނުމާއި، މިސާލަކަށް ދަންނަވަންޏާ ބަންޑާރަ ކޮށްޓާއި ކަޅުތުއްކަލާ ކޮށީގައި ހިދުމަތުގައި އުޅޭ ވަގުތު އެ ބޭނުންކުރަން ޖެހޭ އިމާރާތްތަކާ ތަންތަން ބާވެ ވިރާނާވަމުންދާ ދިޔުން ނިމުމަކަށް ގެނައުމަށް އާ އިމާރާތްތައް އެޅުމާއި ދެކުނުގައި އައްޑޫ އަތޮޅުގައި އިރާދަކުރެއްވިއްޔާ އާ މަރުކަޒެއް އެޅުމާއި ޓްރެއިނިން މަރުކަޒަކާއި އިރާދަކުރެއްވިއްޔާ ގިރިފުށީގައި ޓްރޭނިންގ ސެންޓަރު ހެދުމުގެ މަސައްކަތް ވެސް ވަނީ ފެށިފައި.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު![]()
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖުމްލަ ބަޖެޓުން 2.87 ބިލިއަން ރުފިޔާ އަސްކަރީ ކަންކަމަށް ހަރަދުކުރަން ބަޖެޓުކޮށްފައިވާކަން ހާމަވެއްޖެ އެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގައި އަސްކަރީ ދިފާއަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާއެވެ. މިއީ މި އަހަރުގެ ބަޖެޓަށްވުރެ 456 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި ބޮޑު އަދަދުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބަޖެޓާއި ދިފާއީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުން ހަރަދުކުރާ ފައިސާ ހިމެނެ އެވެ.
ޕީއެސްއައިޕީ ބަޖެޓުން ދިފާއީ ކަންކަމަށް ހަރަދުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވަނީ 247 މިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ދިފާއީ ކަންކަމަށް ހަރަދުވާނެ ކަމަށް ހިމަނާފައިވާ 85 މިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ވަރުގެ އިތުރުވުމެކެވެ. މިއިން އެނގޭ ގޮތުގައި ދިފާއީ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ސަރުކާރުން ބޮޑެތި ޕްރޮޖެކްޓްތަކެއް ރާވަމުންދާކަން ހާމަވެ އެވެ.