މި ޒަމާނުގައި ގައުމުތައް އަޅުވެތި ކުރަނީ ހަތިޔާރު ހިފައިގެން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ނަސްރު ދުވަހުގެ ޖަލްސާ ގައި، ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި އޮތީ އެހެން އެއްވެސް ގައުމެއްގައި ނެތް ފަދަ ޚާއްސަ ސިފަ ތަކެއް ކަމަށާއި، އަޅުގަނޑުމެންނަކީ އެއްބަހަކުން ވާހަކަ ދައްކާ އެއް ބައެއް ކަމަށެވެ. މިއީ އެއް ނަސްލަތަކަށް ނިސްބަތްވާ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި އެއްބައިވަންތަކަން ގެއްލުވާލުމަކީ މިހާރު ކޮންމެހެން ކަނޑިޔާ ބަޑި ހިފައިގެން ކުރާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މިނިވަންކަމުގެ ހުރިހާ ނަޒަރިއްޔާތަށް ނުވިސްނާމަ މި އިގްތިސާދު ހިސާހިތަކު ނައްތާލާ ނުވަތަ ބޮޑު އަނދަވަޅަކަށް ވައްޓާލުމަކީ ދާދި ފަސޭހަ ކަމެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ ރައްޔިތަކު ވެސް ގައުމާ އެއްކޮޅަށް ވިސްނުން ގެންގުޅޭނަމަ އެކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ މީހަކަށް ތަމްރީނުދީގެން ހަތިޔާރެއް ނުދެވޭނެ ކަމަށާއި، ނަމަވެސް ކޮންމެ މީހެއްގެ އަތުގައި ވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތް ކަމަށެވެ. އެއީ މާތްﷲ ދެއްވާފައިވާ ސިކުނޑީގެ ވިސްނުން ކަމަށާއި، އެ މީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ބޭނުންކުރަން އަޒުމު ކަނޑައަޅައި އެގޮތުގައި ރެއާ ދުވާލު މަސައްކަތް ކުރާނަމަ، މި ގައުމާ މެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އިގްތިސާދުގެ މިނިވަންކަން ގައުމުގައި ގާއިމްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ނަމަވެސް މިސާލަކަށް ދިވެހީންގެ ބަޔަކު ފަތުރުވެރިކަން ނައްތާލުމަށް މީސް މީޑިއާ ބޭނުން ކޮށްގެން މަސައްކަތް ކުރި ނަމަވެސް ކޮންމެ އަފްރާދަކު ގައުމާ އެއްކޮޅަށް ވިސްނާ ގައުމާ އެއްކޮޅަށް މަސައްކަތް ކުރާނަމަ އެކަހަލަ ހުރިހާ ހަމަލާއެއް ނައްތާލެވޭނެ ކަމަށެވެ.
ގައުމުގެ ދެކެ ލޯބިވާ ގައުމަށްޓަކައި ގުރުބާންވާން ތައްޔާރަށް ތިބި ބަޔަކު އަޅުގަނޑުމެން އުފެއްދުމަކީ އަޅުގަނޑުމެން އެކަމަށްޓަކައި އުފާ ކުރަން ޖެހޭ މުހިންމު ކަމެއް. އާދެ. އަޅުގަނޑު މިއަދު މައިގަނޑު ގޮތެއްގައި ދަންނަވާލަން ބޭނުންވާ އެއް ވާހަކަ އަކީ ގައުމަށްޓަކައި ގުރުބާން ވުމަކީ ހަމައެކަނި ސިފައިންގެ ނޫނިއްޔާ ފުލުހުންގެ ޔުނީފޯމް އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއް ނޫނޭ. އަޅުގަނޑުމެންގެ މިއަދުގެ މި ގައުމަކީ އަޅުގަނޑުމެންގެ މިއަދުގެ މި ދުނިޔެއަކީ ބަވަނަ ވެފައިވާ ދުނިޔެއެއް. ކުރީގައި މިނިވަންކަން ގެއްލުވާލުމަށް ނޫނިއްޔާ ގައުމުތައް އަޅުވެތި ކުރުމަށް އަންނަނީ ހަތިޔާރު ހިފައިގެން ކުރިމަތިލާން. އޭރުގައި އެކަން ކުރާ ގޮތަަކަށް ނޫން މިހާރު ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އެ ގައުމުތަކުގައި މިނިވަންކަން ނިގުޅައިގަތުމަށް ހަރަކާތްތެރި ވަނީ. މިއަދު ޓެކްނޮލޮޖީގެ ޒަމާނުގައި މިނިވަންކަން ގެއްލިގެން ހިނގައިދާނެ އަޅުގަނޑުމެން ގާފިލްވެ ތިއްބާ. ނޭނގި ތިއްބާ. އަޅުގަނޑުމެން ކުރިން މިދެންނެވީ ދިވެހިވަންތަކަން އަޅުގަނޑުމެންނަކީ މާތްވި އިސްލާމް ދީނަށް އެކަނި ތަބާވެގެން ތިބި ބައެއްކަން.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު![]()
މުއިއްޒު މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު، މީސްމީޑިއާ ބޭނުން ކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ދިން ފަރާތްތަކެއް އެމަނިކުފާނުގެ ސަރުކާރުގައި މުހިންމު މަގާމުތަކުގައި އަދި ވަރަށް އަރިހުގައި ގެންގުޅެމުން ދާކަން ފާހަގަ ކުރެވެއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ގައުމެއް ގައުމަކަށް ވާނީ އެ ގައުމުގެ އަފްރާދުންގެ ސަބަބުން ކަމަށާއި ސަރުކާރުތަކުން ގައުމުގައި އުމްރާނީ ކަންކަން ކުރި ނަމަވެސް އަފްރާދުންގެ ވިސްނުން އޮންނަން ވާނީ ގައުމާ އެއްކޮޅަށް ކަމަށެވެ.
ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރުމަށް ކަމަށް ބުނެ، ގިނަ ވެހިކަލްތަކާއި، ޑްރޯންތަކުގެ އިތުރުން ވެސް އެކި ކަހަލަ އާލާތްތައް ހޯދަމުންނެވެ. މި އާލާތްތަކަށް ހަރަދު ކުރާ މިންވަރެއްގެ ސަރުކާރުން ހާމަ ކޮށްފައިނުވެ އެވެ.
އޮކްޓޫބަރު މަހުގެ ތެރޭގައި ވެސް އެމްއެންޑީއެފް އަށް ޓީބީ-2 މަރުކާގެ ތިން ޑްރޯން ގެނެސްފައި ވެ އެވެ. އަދި އާ ޑްރޯންތަކާއެކު އޭގައި ހަރުކުރާ ހަތިޔާރު ޝިޕްމަންޓެއް ވެސް ގެނެފައިވެ އެވެ.
އިތުބާރުހުރި މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި ޑްރޯން ގަތުމަށް އެއްބަސްވުމުން ހެދީ 37 މިލިއަން ޑޮލަރު (570 މިލިއަން ރުފިޔާ) އަށެވެ. މި ފައިސާ ހަރަދުކުރީ ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުންނެވެ.
މިއީ ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތެއް ނޫން ކަމަށާއި، ވަރަށް ބޮޑަށް ކޮރަޕްޝަން އެކުލެވޭ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.