ކ. މާލެ
|
1 ނޮވެންބަރ 2025 | ހޮނިހިރު 08:37
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް
ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް
ރާއްޖެއެމްވީ
ޑޮލަރު ރެމިޓެންސް
ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުންތައް އެބަހުރި: މޭޔަރ އާތިފް
ރަސްމީކޮށްވެސް މި ކަންބޮޑުވުންތައް ގުޅުންހުރި މުވައްސަސާތަކަށް ފޮނުވާނެ ކަމަށް އާތިފު ވިދާޅުވި
މިކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް އަދުގެ ސަރުކާރަށާއި ގުޅުންހުރި މުވައްސަސާތަކަށް އާތިފު ވަނީ ގޮވާލާފަ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ މީހުންނަށް، އިންޑިއާ އަށް ޑޮލަރު ފޮނުވޭ ލިމިޓް އެކި ފަހަރުމަތިން ދަށްކޮށްފައިވާ މައްސަލާގައި، ކުޅުދުއްފުށި ސިޓީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށް އެ ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި ސިޓީގެ ސްކޫލްތަކާއި ހޮސްޕިޓަލްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ފަރާތުން، ޓީމެއް ނިމުނު ހަފްތާގައި އޭނާ އާއި ބައްދަލުކުރި ކަމަށާއި އެފަރާތްތަކުން ފާހަގަކުރެއްވި މައިގަނޑު ކަންބޮޑުވުމަކީ، އެފަރާތްތަކުގެ އާއިލާތަކަށް އެހީތެރިވުމަށާއި، ޤައުމުގައި އަދާކުރަންޖެހޭ ދަރަނިތަކާއި އެހެނިހެން ޚަރަދުތަކަށް ބޭނުންވާ ފައިސާ ނުފޮނުވޭ ނަމަ ރާއްޖެގައި މަސައްކަތް ކުރުމަކީ ދަތި އުނދަގޫ ކަމަކަށް ވާނެކަން ކަމަށް އާތިފު ފޭސްބުކު ގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

އާތިފު ވިދާޅުވީ މިއީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށާއި، ކަމާ ގުޅުންހުރި ފަރާތްތަކުގައި ދަންނަވައިގެން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.

ސަރުކާރުގެ ދޯދިޔާ މާލީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު ހީނަރުވެ ޑޮލަރު ލިބުންދަތިވެފައިވާ މި ދަނޑިވަޅުގައި، ބިދޭސީ މުވައްޒަފުންނަށް އިތުރަށް ދަތިވެގެން އެދިޔައީ ލިބޭ އުޖޫރައިގެ ތެރެއިން އެ ފަރާތްތަކުގެ ޢާއިލާތަކަށް އެސް.ބީ.އައި މެދުވެރިކޮށް ފައިސާ ފޮނުވުމަށް އޮތް 500 ޑޮލަރުގެ ލިމިޓް މީގެ ހަތަރުމަސް ކުރިން 400 ޑޮލަރަށް ކުޑަކޮށްފައި އޮއްވާ އަނެއްކާ މިހާރު އެ އަދަދު ޖުމްލަ 150 ޑޮލަރަށް ކުޑަވެގެން ދިއުން ކަމަށްވެސް އާތިފު ވިިދާޅުވި އެވެ.

މި ބަދަލު ގެނައީ ސަރުކާރުން ގެނެސްފައިވާ މާލީ ބައެއް ބަދަލުތަކުގެ ސަބަބުން ކަމަށް އެސްބީއައި އިން ވަނީ ކަސްޓަމަރުންނަށް އަންގާފަ އެވެ. އެސްބީއައި އިން ހާމަކޮށްފައިވާ ގޮތުން އަލަށް ނެރެފައިވާ ސަރކިއުލާ އާއި އެކު 25 އޮކްޓޯބަރ 2025 އިން ފެށިގެން، އެކައުންޓުގެ ވެރިފަރާތަށް މަހަކު އެމްވީއާރު-އައިއެންއާރު ރެމިޓެންސްގެ ގޮތުގައި ފޮނުވޭނެ އެންމެ މަތީ އަދަދު ވަގުތީ ގޮތުން 150 އެމެރިކާ ޑޮލަރަށް ކުޑަކުރެވޭނެ އެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާ ނަމަ ގާތްގަނޑަކަށް 2313 ރުފިޔާ އެވެ.

މި މައްސަލައަކީ އަޅުގަނޑުމެން އެންމެންވެސް ނުހަނު ކަންބޮޑުވާން ޖެހޭ މައްސަލައެއް، ސަބަބަކީ ރާއްޖޭގެ ސިއްހީ އަދި ތައުލީމީ ދާއިރާއަކީ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިންނަށް މިވަގުތު ބަރޯސާވެފައިވާ 2 ދާއިރާ ކަމަށްވާއިރު، ދިވެހިރާއްޖޭގައި މި މަގާމުތައް ފުރޭވަރަށް މި ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާވެފައި ނެތުން.

ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް

ސިއްހީ އަދި ތައުލީމީ ދާއިރާތަކުގެ ހިދުމަތަށްް އެއްވެސް ބުރޫއެއް އެރުމަކީ މިއަދު އަޅުގަނޑުމެންނަށް ބަރުދާސްތު ކުރެވެން އޮތްކަމެއް ނޫން ކަމަށާއި އެހެންކަމުން މިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އަދުގެ ސަރުކާރަށާއި ގުޅުންހުރި މުވައްސަސާތަކަށް އާތިފު ވަނީ ގޮވާލާފަ އެވެ.

އަދި މި ފެށޭ ހަފްތާގައި ރަސްމީކޮށްވެސް މި ކަންބޮޑުވުންތައް ގުޅުންހުރި މުވައްސަސާތަކަށް ފޮނުވާނެ ކަމަށްވެސް އާތިފު ވިދާޅުވި އެވެ.

އިންޑިއާގެ މަސައްކަތްތެރިން ބުނާ ގޮތުން ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމަށް މި ވަގުތު އޮތް ހަމައެކަނި ގޮތަކީ އެޖެންޓް މެދުވެރިކޮށް އެކަން ކުރުމެވެ. އެހެންނަމަ ވެސް އެއީ ޣައިރު ޤާނޫނީ މަގަށް ހުށަހެޅުމެވެ. އެހެންކަމުން މި މަސައްކަތްތެރިން ޤަބޫލުކުރާ ގޮތުގައި ބުރަ މަސައްކަތުން އެ މީހުން ހޯދާ ފައިސާކޮޅު ރަށަށް ފޮނުވަން، ޤަވާއިދާއި ޚިލާފުވުން ނޫން މަގެއް ނެތް މިންވަރަށް ދިވެހި ސަރުކާރުން ދަނީ އެ މީހުންނަށް މަޖުބޫރު ކުރަމުންނެވެ. މިއީ ރާއްޖެ އާއި މެދު ބިދޭސީ މަސައްކަތްތެރިން ދެކޭ ގޮތަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެކެވެ.

މުދައްސިރުންނާއި ސިއްހީ ދާއިރާ ފަދަ އަސާސީ ޚިދުމަތްތަކުގެ ދާއިރާގައި ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރިވާ އިރު ރާއްޖެ އަކީ އެ މަސައްކަތްތެރިންނަށް ރައްކާތެރިތަނަކަށް ނުވާ ނަމަ ރާއްޖެ އަށް ބޭނުންވާ މަސައްކަތްތެރިން ނުލިބި، އިތުރު ދަތިކަމަކާއި ދިވެހިން ކުރިމަތިލާން ޖެހުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ.

މި މައްސަލައިގައި މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ހުށަހަޅާފައިވީ ނަމަވެސް މި މައްސަލަ އާއި ގުޅިގެން ސަރުކާރުގެ އެއްވެސް ފަރާތަކުން ރަސްމީކޮށް ވެސް އަދި ނުރަސްމީ ސިފައެއްގައި މަސައްކަތްތެރިންނަށް އިޖާބަ ދީފައި ނުވެ އެވެ.

- ކޮމެންޓް