Advertisement
ކ. މާލެ
|
16 އޮކްޓޯބަރ 2025 | ބުރާސްފަތި 20:27
ރާއްޖޭގެ ސްކޫލެއްގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރުން ތަކެއް - ގާތްގަނޑަކަށް 2000 ށް ވުރެ ގިނަ އިންޑިއާ ރައްޔިތުން ޓީޗަރުންގެ ގޮތުގައި ވެސް ރާއްޖޭގައި މަސައްކަތް ކުރޭ
ރާއްޖޭގެ ސްކޫލެއްގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރުން ތަކެއް - ގާތްގަނޑަކަށް 2000 ށް ވުރެ ގިނަ އިންޑިއާ ރައްޔިތުން ޓީޗަރުންގެ ގޮތުގައި ވެސް ރާއްޖޭގައި މަސައްކަތް ކުރޭ
ފޭސްބުކް
ޑޮލަރުގެ ތާށިކަން
ރާއްޖޭގައި މަަސައްކަތް ކުރާ އިންޑިއާގެ މަސައްކަތްތެރިނަށް ޑޮލަރުން މުސާރަ ދޭން ބާރު އެޅުމަށް އިންޑިއާ ހައިކޮމިޝަނުން ގޮވާލައިފި
ޑޮލަރު ލިބުން ދަތިވެ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ރާއްޖޭ ގޮފިން އިންޑިއާ ރައްޔިތުންނަށް ބޭރަށް ފައިސާ ފޮނުވޭ މިންވަރު 400 އެމެރިކާ ޑޮލަރުން 150 އެމެރިކާ ޑޮލަރަށް ވަނީ ދައްކޮށްފައި
މި މައްސަލަ ޙައްލުކުރުމަށް ހައިކޮމިޝަނުން ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ހައިކޮމިޝަނުން ބުނޭ
މިކަމުގެ ސަބަބުން އިންޑިއާގެ މަސައްކަތްތެރިންނަށާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވާނެ ދަތިތައް ގަބޫލު ކުރެވޭ ކަމަށް ވެސް ހައިކޮމިޝަނުން ބުނޭ

ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންނަށް ޑޮލަރުން މުސާރަ ދިނުމަށް ވަޒީފާ ދޭ ފަރާތްތަކަށް ބާރު އެޅުމަށް ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންނަށް އިންޑިއާ ހައިކޮމިޝަނުން ގޮވާލައިފިއެވެ.

ހައިކޮމިޝަނުން މިހެން ބުނެފައިވަނީ އޮކްޓޯބަރު 25 އިން ފެށިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ރާއްޖޭ ގޮފިން ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ރައްޔިތުންނަށް ބޭރަށް ފައިސާ ފޮނުވޭ މިންވަރު 400 އެމެރިކާ ޑޮލަރުން 150 އެމެރިކާ ޑޮލަރަށް ދަށްކުރުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައެވެ.

ސްޓްޓޭޓް ބޭންކް އޮފް އިންޑިއާ އިން އެކައުންޓް ހޯލްޑަރުންނަށް ފޮނުވި މެސެޖެއްގައި، އެމެރިކާ ޑޮލަރުގެ ދަތިކަން ހުރުމުގެ ސަބަބުން މިގޮތަށް ހަމަޖައްސަން ޖެހުނު ކަމަށް ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގެ ސީރިއަސް ކަމަށް ބަލައި، ހައި ކޮމިޝަނުން ގެންދަނީ ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ކަމާބެހޭ އެހެނިހެން އިދާރާތަކާއި އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން، ފައިސާ ފޮނުވުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް މަސައްކަތް ކުރަމުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މި މައްސަލަ ޙައްލުކުރުމަށް ގޮތްތަކެއް ހޯދުމަށް މި ހަފްތާގައި ވެސް ދިވެހި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށްފައިވާނެ ކަމަށް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ރައްޔިތުންނަށް ހައިކޮމިޝަނުން ގޮވާލާފައިވަނީ މި ދަތި ކަމާ ގުޅިގެން ފައިސާ ފޮނުވުމުގެ ކަންކަން ދުރާލާ ރޭވުމަށާއި، އެމެރިކާ ޑޮލަރުން މުސާރަ ދިނުމަށް ވަޒީފާ ދޭ ފަރާތްތަކަށް ބާރުއެޅުމަށެވެ.

މި ޙާލަތުގެ ސަބަބުން ދިވެހިރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށާއި އިންޑިއާގައި ތިބި އެފަރާތްތަކުގެ ޢާއިލާތަކަށް ކުރިމަތިވެފައިވާ ދަތިތައް ފުރިހަމައަށް ގަބޫލު ކުރެވޭ ކަމަށް ބަޔާނުގައި ވެއެވެ.

- ކޮމެންޓް