 
                        
                
    
އުރީދޫ މޯލްޑިވްސް އިން ފަން ރަން ބިބްސް މުލީ މެދުވެރިކޮށް ގަންނަ އިރު ނަން ޖަހާ ގޮތަށް ހާއްސަ ލިމިޓެޑް ޓައިމް އޮފަރއެއް ތައާރަފްކޮށްފި އެވެ.
މި އޮފަރ ހުޅުވާލެވިފައިވަނީ ފަން ކިޓް ގަންނަ ފަރާތްތަކަށެވެ. އުރީދޫ ފަން ރަން 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ 19 ޑިސެމްބަރ 2025 ގަ އެވެ.
މި އަހަރުގެ އިވެންޓަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް ފަން ކިޓްތަކަށް އޯޑަރު ކުރެވޭނީ 14 ނޮވެމްބަރ 2025 ގެ 23:59 ނިޔަލަށެވެ.
ފަން ކިޓް ގަތުމަށްޓަކައި އުރީދޫ ފަން ރަން ވެބްސައިޓު މެދުވެރިކޮށް ބޭނުންވާ ކިޓް އަދި ސައިޒް ނެގުމަށްފަހު ކާޓަށް އެޑް ކޮށްލުމަށްފަހު، ބިބް ޕާސަނަލިޒް ކުރުމަށް ގިނަވެގެން 7 އަކުރުގެ ނަމެއް "ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސް" ގައި ލިޔެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އަދި އޯޑަރ ކޮންފާމް ކުރެވޭނީ ފައިސާ ދައްކައިގެންނެވެ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވަމުން އަންނަ ދުވުމެއް ކަމަށްވާއިރު ކުދި ބޮޑު ގިނަ ބައެއްގެ ތަރުހީބު ލިބެމުންދެ އެވެ.
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
