އައްޑޫ ސިޓީ ގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ތައް ލިބެން ފަށައިފިއެވެ.
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހޮނިހިރު ދުވަހު ނެގި ޢާންމު ވޯޓުގައި، އައްޑު އަތޮޅު މީދޫގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، 847 މީހުން ވަނީ މީދޫއަށް ޚާއްސަ ކުރެވިގެން އައްޑު އަތޮޅު މީދޫ ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ބުނެފައެވެ. ނުފެންނަ ކަމަށް 144 މީހުން ވޯޓު ދިނެވެ. ސައްޚަ 991 ވޯޓު، ބާތިލް 17 ވޯޓެވެ. ވޯޓު ދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ އަދަދަކީ، 2347 މީހުންނެވެ. ވޯޓު ލީ މީހުންގެ އަދަދަކީ 1008 މީހުންނެވެ. އެއީ ވޯޓު ލީ މީހުންގެ އިންސައްތައިން ބަލާ ކަމަށް ވާނަަމަ 42.95 އިންސައްތަ އެވެ.
ހުޅުދޫއަށް ޚާއްސަ ކުރެވިގެން އައްޑު އަތޮޅު ހުޅުދޫ ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 723 މީހުން ވޯޓު ދިނެވެ. ނުފެންނަ ކަމަށް 329 މީހުން ވޯޓު ދިން އިރު ބާތިލް 17 ވޯޓު ހިމެނެ އެވެ. ސައްޚަ 1052 ވޯޓެވެ. ވޯޓު ދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ އަދަދަކީ، 2874 މީހުންނެވެ. ވޯޓު ލީ މީހުންގެ އަދަދަކީ 1069މީހުންނެވެ. އެއީ ވޯޓު ލީ މީހުންގެ އިންސައްތައިން ބަލާ ކަމަށް ވާނަަމަ 37.20 އިންސައްތަ އެވެ.
މީގެ އިތުރުން ފޭދޫ އަށް ޚާއްސަ ކުރެވިގެން އައްޑު އަތޮޅު ފޭދޫ ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 616 މީހުން ވޯޓު ދިނެވެ. ނުފެންނަ ކަމަށް 1784 މީހުން ވޯޓު ދިން އިރު ބާތިލް 36 ވޯޓު ހިމެނެ އެވެ. ސައްޚަ 2400 ވޯޓެވެ. ވޯޓު ދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ އަދަދަކީ، 4355 މީހުންނެވެ. ވޯޓު ލީ މީހުންގެ އަދަދަކީ 2436 މީހުންނެވެ. އެއީ ވޯޓު ލީ މީހުންގެ އިންސައްތައިން ބަލާ ކަމަށް ވާނަަމަ 55.94 އިންސައްތަ އެވެ.
އެހެންކަމުން އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދޫ އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ނެގި މި ވޯޓުގައި މީދޫ އާއި ހުޅުދޫ ވަކިވާން ނިންމިއިރު، ފޭދޫ އިން އެއްކޮށް އޮންނަން ނިންމި އެވެ.