މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހެއްޓި 2 ކޮންޓެއިނަރުގައި ހުރި 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅިގެން 5 ވަނަ އަށް ހައްޔަރުކުރި މީހާ ހައްޔަރުކުރީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތުގައިކަން ހާމަވެއްޖެއެވެ.
ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ފަހުން ހައްޔަރުކުރީ ލިންކް / ކ. ތުލުސްދޫ، 52 އަހަރުގެ ހަސަން އަބްދުއްރަހްމާން އެވެ. އޭނާ މިހާރު ދިރިއުޅޭ ގެއްގެ ގޮތުގައި ބަންދު އަމުރުގައި ޖަހާފައިވަނީ ހުޅުމާލެ އެޕޯލޯޓަވަރެވެ. އަބްދުއްރަހުމާންގެ އިތުރުން މި މައްސަލައިގައި ދެން ހައްޔަރުކުރީ ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ގެ އިތުރުން މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީ އަދި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއިލް އެވެ.
އަބްދުއްރަހްމާނުގެ ބަންދުގެއަމުރުގައި ބުނެފައިވަނީ އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރި ސަބަބަކީ ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރުގެ ހެކި ލިބިފައިވާތީ އެވެ. އެގޮތުން ސިނގިރޭޓު ހުރި2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަކުރުމަށް އޭނާގެ ފަރާތުން އެހީތެރިކަން ލިބިފައިވާ ކަމަށް ފެންނަ ކަމަށެވެ.
މިއީ މި މައްސައިގައި ޝަރީއަތް ނިމެންދެން ބަންދުކުރި ފުރަތަމަ މީހާއެވެ. މި މައްސަލައިގައި 12 މީހެއް ފުރުން މަނާކޮށް އެމްޕީއެލްގެ 6 މުވައްޒަފަކު ވަނީ ސަސްޕެންޑްކޮށްފައެވެ.
ފުލުހުން ބުނީ 2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައިގެ ތަހުގީގުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގުގެ ތެރެއިން 19 އޮކްޓޫބަރު 2025 ވަނަ ދުވަހު ތިލަފުށީގައި ހިނގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
26 އޭޕްރީލް 2025 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 9 އޮކްޓޫބަރު 2025 ގައެވެ.
ވަގައް ނެގި މުދަލުގެ ތެރޭގައި ހިމެނެނީ ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާ 1،360 ކޭސް (ގާާތްގަނޑަކަށް 13.6 މިލިއަން ސިނގިރޭޓް) އެވެ. މި އަދަދުގެ ސިނގިރޭޓުން ސަރުކާރަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާ އަށް ވުރެ ގިނަ އިން ލިބެން ޖެހޭނެ ކަމަށް ބެލެވެއެވެ.