ގއ.ވިލިނގިލީ ގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅު ކޮށްފި އެވެ.
ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް ބެލްޖިއަމްގެ ކުންފުންޏެއް ކަމަށްވާ، އެން.ވީ.ބީސިކްސްއާ ސަރުކާރުން ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 22 ފެބްރުއަރީ 2024 ގަ އެވެ.
މި މަޝްރޫއުގައި ކުރިއަށްދާނެ މައިގަނޑު މަސައްކަތަކީ ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމާއި، ގއ.އަތޮޅުގައި ޓޫރިޒަމް ސިނާއަތު ކުރިއެރުވުމަށް އިންވެސްޓްކޮށް ތަރައްގީކުރުމެވެ. މިމަޝްރޫއުގެ ދަށުން 2.2 ކިލޯ މީޓަރުގެ ރަންވޭއަކާއި، ޓްރާންސިޓް ހޮޓަލެއްގެ އިތުރުން އިންޓަރނޭޝަނަލް އެއަރޕޯޓެއްގައި ހިމެނޭ ހުރިހާ ވަސީލަތެއް ތަރައްގީ ކުރާނެ އެވެ. މީގެ އިތުރުން މަތީ ފަންތީގެ ރިޒޯޓުތަކާއި، ހޮޓާތަކާއި ޔޮޓް މެރީނާ އެއް ތަރައްގީ ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. މިއީ 500 މިލިއަން ޑޮލަރާއި 750 މިލިއަން ޑޮލަރާއި ދެމެދުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން އޭރު ހާމަ ކޮށްފައިވެ އެވެ.
މި މަޝްރޫއުއާ ގުޅޭގޮތުން ރާއްޖެޓީވީ ގެ ވައުދުނާމާ ޕްރޮގްރާމް ގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ ކޮންމެ އިންތިޚާބަކާ ދިމާކޮށް އެއަރޕޯޓުގެ މަޝްރޫއުގެ ވާހަކަތައް ދައްކާ ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ދެވަނަ ފަހަރަށް އެއްބަސްވުމުގައި ސޮއި ކުރުން އޮންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
ހުސެއިން ހަސަން ވިދާޅުވީ މިއަދާ ހަމައަށް މި އެއަރޕޯޓާ ގުޅޭ އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށް ނުދާ ކަމަށާއި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ހުސެއިން ހަސަން ވިދާޅުވީ އެއަރޕޯޓެއް ތަރައްގީ ވެގެން ދިޔުމަކީ މުޅި އަތޮޅުގެ ރައްޔިތުން އެދޭ ކަމެއް ކަމަށާއި، ފަތުރުވެރިކަން ތަރައްގީ ވެގެންދާއިރު، އެއަރޕޯޓެއް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ހުވަދު އަތޮޅުގެ އުތުރުބުރީގެ ރަށްތަކަކީ ވަރަށް ރީތި ރަށްތަކެއްކަން ފާހަގަކުރައްވައި ހުސެއިން ހަސަން ވިދާޅުވީ، މިހާރު ވެސް 6 ރިސޯޓެއް ހިންގަމުންދާ ކަމަށާއި، ފަތުރުވެރިން ވަރަށް ގިނައިން ޗުއްޓީ ހޭދަ ކުރުމަށް އަންނަ ކަމަށެވެ. އަދިވެސް އިތުރު ރިސޯޓުތައް ތަރައްގީ ކުރަމުން ގެންދާއިރު، ކުރިއަށް އޮތްތަނުގައި މިސިނާއަތް ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމަށް ވުމާއެކު ރައްޔިތުން ވަރަށް ބޮޑަށް އުންމީދު ކުރޭ އިންޓަނޭޝަނަލް އެއަރޕޯޓަކަށް. އެ ދަނޑިވަޅު އެ ހާލަތުގެ ބޭނުންކޮށް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް މުއިއްޒު ވެވަޑައިގެންނެވި ވައުދެއް 17 ރިސޯޓާއެކު މާނައަކީ ވިލިނގިއްޔާއެކު އެއްފަޅެއްގައި މިއޮތް ހިކިފަރު ހިއްކާލުމަށްފަހު 17 ރިސޯޓާއެކު އެއަރޕޯޓެއް އަޅުއްވާނެ ކަމަށް. އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ. ހަމައެއްވެސް ކަމެއް ކުރިއަށް ނުދޭ އެހެން ބުނުން ފިޔަވައި. މަޖިލިސް އިންތިޚާބު ވެސް މިއަދީ އަޅުގަނޑުމެންނަށް ފެނިގެންދިޔަ ރައްޔިތުންގެ ކުރިމަތީގައި ސްކޫލުގެ ހޯލަށް އެންމެން ޖަމާކުރުމަށްފަހު ސޮއި ކުރިތަން. އެހެންނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދޭ. ކައުންސިލް އިންތިޚާބު ބޯމަތިވަމުން މިއަންނަނީ. އަނެއްކާ ވެސް އަނެއް ސޮއި އަޅާތަން އަޅުގަނޑުމެންނަށް ފެނިގެންދާނެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ރައީސް ހުސެއިން ހަސަން![]()
ގއ.ވިލިނގިލީގެ ބިން ހިއްކުމާއި ރަށުގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމާއި، އެއަރޕޯޓާއެކު މި ސަރަހައްދުގައި ހިންގާ އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫއުގެ ދަށުން 10000 އެނދު މި އަތޮޅުގައި ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މި މަޝްރޫއުގައި އެއަރޕޯޓް ތަރައްގީ ކުރަނީ ރަށުގެ ފަޅުން ބިން ހިއްކައިގެންނެވެ. މި މަޝްރޫއު ވެގެންދާނީ އެ ރަށުގައި ހިންގޭނެ އެންމެ ބޮޑު މަޝްރޫއަށް ކަމަށް މީގެ ކުރިން ރައީސް މުއިއްޒު ވެސް ވިދާޅުވެފައިވެ އެވެ.
މުޅި ހުވަދުއަތޮޅުގައި ޑޮމެސްޓިކް 4 އެއަރޕޯޓް އަންނަނީ ހިންގަމުންނެވެ.
އޭގެތެރެއިން ގއ.އަތޮޅުގައި ހިންގާ ހަމައެކަނި އެއަރޕޯޓް އަކީ ކޫއްޑޫ އެއަރޕޯޓެވެ. އެއަރޕޯޓުގެ ވައުދުފުޅާއެކު ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ވިލިނގިލީ އެއަރޕޯޓް ތަރައްގީކޮށް ބޭނުންކުރަން ފެށުމުން، ކޫއްޑޫ އެއަރޕޯޓް ޓްރެއިނިން އެއަރޕޯޓެއްގެ ގޮތުގައި ބޭނުން ކުރާނެ ކަމަށެވެ.
ނަމަވެސް އެމަނިފާނުގެ ވެރިކަމަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މި އެއަރޕޯޓުގެ ތަރައްގީ ކުރުމުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައިނުވެ އެވެ. ވިލިނގިލީގެ ތަރައްގީގެ ހުރިހާ މަޝްރޫއެއް ހުއްޓިފައިވާ ކަމަށް އެރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.