ދިވެހި ފުޓުބޯޅަ އިން ގެއްލިފައިވާ ފޯރި އަލުން ގެނެސް، ދަނޑަށް ސަޕޯޓަރުން ވައްދަން ކުރާ މަސައްކަތުގައި ކުރިއެރުން ތަކެއް ލިބެމުން އަންނަ ކަމަށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއަރމަން އަޙުމަދު މުބީން ވިދާޅުވެއްޖެ އެވެ.
މުބީން މިހެން ވިދާޅުވެފައި ވަނީ، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް އިން ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުގައި ނިއު ރޭޑިއަންޓް އިން ވިކްޓަރީގެ މައްޗަށް ކުރި ހޯދާފައިވާއިރު، އެ މެޗުގެ ފޯރި ގެނައުމަށް އެ ކުލަބު ގުޅިގެން ވަނީ ޚާއްސަ ޙަރަކާތް ތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
މުބީން ވިދާޅުވީ ފޯރި ގެނައުމާއި، ފުޓުބޯޅައިގެ ރޫޙު ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ. ލީގުގައި ނިއު ރޭޑިއަންޓް އާއި ވިކްޓަރީ ކުޅުނު މެޗުން ވެސް އެކަން ފެންނާނެކަން ފާހަގަ ކުރައްވައި މުބީން ވިދާޅުވީ، މި ފަހުގެ ތާރީޚެއްގައި ގަލޮޅު ދަނޑަށް ސަޕޯޓަރުން ނުވަން މިންވަރަށް އެ މެޗުގައި ވަދެފައިވާ ކަމަށެވެ.
މީގެ އިތުރުން މުބީން ވިދާޅުވެފައި ވަނީ، ފުޓުބޯޅަ ހުއްޓިފައި އޮންނަތާ ވަރަށް ދުވަސް ވެއްޖެ ކަމަށާއި، ބޮޑު ގެޕެއް އައިސްފައިވާ ކަމަށެވެ. މުބީން ވިދާޅުވީ މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގެ ފުޓުބޯޅަ ކުލަބު ތަކުން ކޮށްފައިވާ މަަސައްކަތް އަދި ޚިދުމަތް އަންނަން އޮތް ޖީލާ ހަމައަށް ގެންގޮސްދިނުން ކަމަށެވެ. އެކަމުގައި ނިއު ރޭޑިއަންޓް އިން ވެސް ބޮޑު މަސައްކަތެއް ކުރާނެ ކަމުގައި މުބީން ފާހަގަ ކުރެއްވި އެވެ.
އެ މެޗުން ބެލުމަށްޓަކައި ނިއު ރޭޑިއަންޓްގެ ބާނީ އަޙުމަދު ވަޙީދު (ކުއީން ވަޙީދު)ގެ އިތުރުން، ކުރީގެ ބައެއް ކުޅުންތެރިން ވެސް ވަނީ ގަލޮޅު ދަނޑަށް ހާޒިރުވެފަ އެވެ. އެކަމަށް އިޝާރާތް ކުރައްވައި މުބީން ވިދާޅުވީ، ނިއު ރޭޑިއަންޓްގެ މިހާރުގެ މެނޭޖުމަންޓުން ބޭނުން ވަނީ އެ ކުލަބު މިހާ ހިސާބަށް ގެނައުމުގައި ހިއްސާވެފައިވާ އެންމެ ބޭފުޅުން ގޮވައިގެން ކަމަަށެވެ.
މުބީން ވިދާޅުވީ 1982 ގައި ނިއު ރޭޑިއަންޓް އިން ފުރަތަމަ ޤައުމީ ތަށި ހޯދިއިރު، އެ ޓީމުގައި ތިއްބެވި ބޭފުޅުން ދަނޑަށް ވަޑައިގެން މެޗު ބައްލަވައި، ކުޅުންތެރިން އަދި ސަޕޯޓަރުންނާ އެކު ފޮޓޯ ނަންގަވައި ހެއްދެވުމަކީ ވެސް ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އެކަން ފާހަގަ ކުރައްވައި މުބީން ވިދާޅުވީ އެ މަސައްކަތް ކުރަނީ ނިއު ރޭޑިއަންޓުގެ މުޅި ޓީމު އެއްކޮށް ކަމަށެވެ.
ހަމަ އެހެންމެ، ކުރިއަށް ހުރި މެޗުތަކަށް ވެސް ޚާއްސަ ކޮށްގެން އެކި އެކި ޙަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި، ސަޕޯޓަރުންގެ ފޯރި ގެނައުމަށް އެކި ކަންކަން ކުރައްވާނެ ކަމުގައި މުބީން ވަނީ ވިދާޅުވެފަ އެވެ.