އިސްރާއީލުން އާދީއްތަ ދުވަހު ޣައްޒާ އަށް ހަމަލާދީފިއެވެ.
ޣައްޒާގެ އަލް-ޒަވައިދާ އަށް ވައިގެ މަގުން ދިން މިހަމަލާގައި 6 މީހުން ޝަހީދުވެ، 7 މީހުން ޒަޚަމްވެފައިވާ ކަމަށް އަލް އަގްސާ ހޮސްޕިޓަލުން ބުނެފައިވެއެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ބީބީސީ އިން ރިޕޯޓު ކޮށްފައިވަނީ ހަމަލާ ދިނީ ކެފޭ އަކަށް ކަމުގައެވެ.
ޣައްޒާގެ މެދުތެރޭގެ ސަރަހައްދުތަކުންނާއި ދެކުނުގެ ސަރަހައްދުތަކުން ވެސް ގޮވުން ތަކުގެ އަޑު އިވިފައިވާ ކަމަށް ބީބީސީ އިން ރިޕޯޓު ކޮށްފައިވެއެވެ.
އިސްރާއީލުގެ މީޑިއާ އިން ޣައްޒާ ގެ ދެކުނުގެ ސަރަހައްދަކަށް ހަމަލާ ދިން ކަމަށް ރިޕޯޓުކޮށްފައެވެ. އެއީ ރަފަހް ގައި ތިބި އިސްރާއީލުގެ ސިފައިންނަށް ހަމާސް އިން ހަމަލާ ދިނުމުން ކަމަށް ބުނެފައިވެއެވެ.
BREAKING: An Israeli airstrike just hit close to displaced people's tents along the beach west of Deir Al-Balah, central Gaza, in a serious breach of the ceasefire agreement. pic.twitter.com/hdhlbYvBQB
— Quds News Network (@QudsNen) October 19, 2025
އަލް-އަޤްޞާ ހޮސްޕިޓަލުގެ މަސްދަރުތަކުން ބުނާ ގޮތުގައި، ޣައްޒާ ގެ މެދުތެރޭގައި އޮންނަ އަޒް-ޒަވާއިދާ ގައި އިސްރާއީލުން ދިން ވައިގެ ހަމަލާގައި ފަސް މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ.
އޭގެ ކުރިން، ވަފާ ނިއުސް އިން ރިޕޯޓުކުރި ގޮތުގައި، އުތުރު ޣައްޒާ ގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން ދެ ފަލަސްޠީނު މީހުން ޝަހީދުވެފައިވެއެވެ.
އާދިއްތަ ދުވަހުގެ ހަމަލާތަކުގެ ސަބަބުން އެމެރިކާގެ މެދުވެރިވެގެން މީގެ ހަފުތާއެއް ކުރިން ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ދެމެހެއްޓެނިވި ސުލްހައެއް ޤާއިމުވާނެ ކަމުގެ އުންމީދު ކުޑަވެގެން ވަނީ ގޮސްފައެވެ.
އިސްރާއީލުން ހަމަލާ ދިނުމަށް ދެއްކި ސަބަބަކީ ހަމާސް އިން ޣައްޒާގެ އެތެރޭގައި ތިބި އިސްރާއީލުގެ ބާރުތަކަށް ގިނަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރޮކެޓް ޕްރޮޕެލްޑް ގްރެނޭޑް ހަމަލާ އަކާއި އިސްރާއީލުގެ ސިފައިންނަށް ސްނައިޕަރުން ދިން ހަމަލާއެއްގެ ވާހަކަ އިސްރާއީލުގެ އޮފިޝަލަކު ބުނެފައިވެއެވެ.
"މި ދެ ހާދިސާ ވެސް ހިނގާފައިިވަނީ އިސްރާއީލުގެ ބާރުގެ ދަށުގައިވާ ސަރަޙައްދެއްގައި... މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ވަރަށް ބޮޑަށް ޚިލާފުވުމެކެވެ،" އެ އޮފިޝަލް އާ ހަވާލާދީ ރޮއިޓާރސް އިން ރިޕޯޓު ކޮށްފައިވެއެވެ.
ހަމާސް އިން ނެރުނު ބަޔާނެއް ގައި ބުނެފައިވަނީ ރަފަހް ގައި އިސްރާއީލުން އެ ބުނާ ހަމަލާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމުގައެވެ. އެއީ ހިސޯރު ކޮށްގެން ތިބި ބާރުގެ ދަށުގައިވާ ރެޑް ޒޯނެއް ކަމަށް ވެސް ހަމާސް ގެ ބަޔާނުގައި ވެއެވެ.
ހަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޢިއްޒަތު އައް-ރިޝެޤް އާދީއްތަ ދުވަހު ބުނެފައި ވަނީ ހަމާސް އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަދިވެސް ތަބާވަމުންދާ ކަމަށެވެ. އަދި އިސްރާއީލުން ތަކުރާރުކޮށް އެ އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރިއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފައިވަނީ އޮކްޓޯބަރު 11 ގައި ޢަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުން 47 ފަހަރު ޚިލާފުވެފައިވާ ކަމަށާއި، އޭގެ ސަބަބުން 51 މީހުން ޝަހީދުވެ 150 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.