Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2025 | ހުކުރު 23:42
ދިވެހިރާއްޖޭގައި މާލެސިޓީ ނެގުމަށްފަހު އެންމެ އާބާދީ ބޮޑީ އައްޑޫ ސިޓީ
ދިވެހިރާއްޖޭގައި މާލެސިޓީ ނެގުމަށްފަހު އެންމެ އާބާދީ ބޮޑީ އައްޑޫ ސިޓީ
ފޭސްބުކް
އައްްޑޫ ސިޓީ
އަަވަސް އަރުވާލައިގެން އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު ނަގާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ރީރަޖިސްޓްރޭޝަންގެ މުައްދަތު އިތުރުކޮށްފި
އިލެކްޝަންސް ކޮމިޝަނުން ވަނީ ހޮނިހިރު ދުވަހުގެ 18:00 ގެ ކުރިން ރީރަޖިސްޓްރީ ވުމަށް އިތުރު ފުރުސަތެއް ދީފަ
އައްޑޫގެ ވަކިވަކި ބައެއް ރަށްރަށުގައި ކައުންސިލްތައް ޤާއިމް ކުރުމާއި މެދު ގޮތެއް ނިންމުމަށް ވޯޓު ނަގަން ނިންމީ ސަރުކާރުންނެ

އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ވަކިކޮށްލުމާއި މެދު އާއްމުންގެ ޚިޔާލު ހޯދުމުގެ ވޯޓު އަވަސް އަރުވާލައިގެން ބާއްވާ ކަމަށް ބުނެ އާއްމުން ފާޑުކިޔަމުން ދަނިކޮށް، އެ ވޯޓުގައި ރީރަޖިސްޓްރީވާން އިތުރު ފުރުސަތެއް ދީފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދަނީ ސަރުކާރުގެ އެންގުމާއި އެއްގޮތަށް މި ވޯޓު ނެގުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ. އެންމެ ފުރަތަމ މި ވޯޓުގައި ބައިވެރިވާ މިހުންގެ ލިސްޓު އާއްމުކޮށް ރެޖިސްޓަރ ވާން ހުޅުވާލި މުއްދަތު ބުރާސްފަތި ދުވަހުގެ 18:00އަށް ވަނީ ހަމަވެފައެވެ.

އެކަމުގެ އެންމެ އެކަށީގެންވާ މައުލޫމާތު ވެސް ނުލިބޭ ކަމަށާއި އަވަސް އަރުވާލައިގެން އެ މަރުހަލާ ކުރިއަށް ގެންދިއުމަށް ސަރުކާރުން އީސީ އަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އާއްމުން ވަނީ ފާޑުކިޔާފައެވެ. އަދި ރެޖިސްޓްރޭޝަން މަރުހަލާ އަވަސްވުމުން ގިނަ ބަޔަކު ރީރެޖިސްޓްރޭޝަންގެ ހައްގުން މަހުރޫމްވި ކަމަށް ވެސް އެފަދަ ފަރާތްތަކުން ބުނެފައިވެއެވެ.

އެފަދަ ފާޑުކިޔުންތައް ގިނަވެފައި ވަނިކޮށް އީސީން ވަނީ ހޮނިހިރު ދުވަހުގެ 18:00ގެ ކުރިން ރީރަޖިސްޓްރީވުމަށް ފުރުސަތު ދީފައެވެ. ނަމަވެސް އެ މުއްދަތު އިތުރުކުރި ސަބަބު އީސީން ހާމަކޮށްފަ އެއް ނުވެއެވެ.

ރީ- ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައި ޕޯޓަލް މެދުވެރިކޮށް އައްޑޫގެ ޚިޔާލު ހޯދުމުގެ ވޯޓަށް ރެޖިސްޓަރ ވެވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ. މި ވޯޓު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

VR (Space) NID No ޖެއްސެވުމަށް ފަހު 1414 އެސްއެމްއެސް ފޮނުއްވައިގެން ވޯޓުލާން ދާންޖެހޭ ތަން ބަލާލެވޭނެއެވެ، ނުވަތަ ކޮމިޝަންގެ ވެބްސައިޓު މެދުވެރިކޮށް ވެސް އެ މައުލޫމާތު ހޯދޭނެއެވެ.

އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމާއި މެދު ސުވާލު އުފައްދާ ސަރުކާރުން ދަނީ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ތައްޔާރު ވަމުންނެވެ. އެއް ކައުންސިލެއްގެ ގޮތުގައި އައްޑޫ ކައުންސިލް އޮތުމުގެ ބަދަލުގައި ވަކިވަކި ބައެއް ރަށްރަށުގައި ކައުންސިލްތައް ޤާއިމް ކުރުމާއި މެދު ގޮތެއް ނިންމުމަށް އެ ވޯޓު ނަގަން ނިންމީ ސަރުކާރުންނެވެ.

- ކޮމެންޓް