މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕަރސަން، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަން ޖެހުމުން އޭސީސީގެ މެމްބަރުން ވެސް ތިބީ ލަދުން ކަމަށާއި، އެއީ އޭސީސީ އަށް މަޖުބޫރުވެގެން ކުރާ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވެއްޖެއެވެ.
ފައްޔާޒް އެފަދައިން ވިދާޅުވީ އޭނާ އޭސީސީ އަށް ހާޒިރުވުމަށް އަންގާފައިވާތީ، ހޯމަ ދުވަހު ހެނދުނު އެ އިދާރާ އަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ފައްޔާޒް ވިދާޅުވީ އޭނާ އޭސީސީ އަށް ގެންދިއުމުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ. ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ނަގައިގެން އޭސީސީ އަށް ފައްޔާޒް ހާޒިރު ކުރި އިރު ތަހުގީގަށް ބޭނުންވާ ލިޔެކިޔުންވެސް ހަމަކޮށްފައި ނުވާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. ފައްޔާޒް ވަނީ މި ތަހުގީގު ކުރަނީ ވަކި ފަރާތަކުން އޭސީސީ އަށް އެންގި އެންގުމަކާއި ގުޅިގެންކަން ވަރަށް ސާފު ކަމަށާއި އޭސީސީ ވެސް އޮތީ ބިރުން ކަމަށެވެ.
"އެނގޭ ވަކި މީހަކު އަންގައިގެން އެ ބޭފުޅުންނަށް މަޖުބޫރު ވެގެން ކުރާ ކަމެއް ތަހުގީގެއްކަން. ވާހަކަ އާއި އަމަލުން ވެސް އެނގޭ ލަދުންކަން ތިބީ ވެސް. ދިވެހި ރައްޔިތުންނާއި އެމްޑީޕީންގެ މެމްބަރުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ އެއްވެސް ކަހަލަ އަސާސެއް ނެތް ވާހަކަތައް ނަގައިގެން އަޅުގަނޑުމެން ބިރުގަނެދާނެ ކަމަށް އުޅެނީ." ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، ނިމިދިޔަ ވެރިކަމުގައި މިހާރު ވެރިކަމުގައި އޮތް ޕީއެންސީ އޮތީ މަޑުމަޑުން ފިލާ ކަމަށާއި އޭރު އިދިކޮޅު ހަރަކާތް ވެސް ހިންގަން ޖެހުނީ އެމްޑީޕީން ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. މިހާރު އެމްޑީޕީން ވެސް އެގޮތަށް ބިރުން ފިލާފާނެ ކަމަށް ޕީއެންސީން ހީކުރަމުންދާ ކަމަށާއި އެއީ ކުށްހީ އެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ބަލަ އަޅުގަނޑުމެން ކުޑަ ގޮޅީގައި ޖަލަށް ލާފައި ތިއްބަސް ތިބޭފުޅުން ތިއްބަވާނެ އޭ މި ވެރިކަން ބަލިކުރަން. 17 ނޮވެމްބަރަށް ހުރިހާ ބޭފުޅުން މާލެ ވަޑައިގަންނަވާ. އެއީ އަޅުގަނޑު ދަންނަވަން އޮތް ވާހަކަ އަކީ." ފައްޔާޒް ވިދާޅުވިއެވެ.
އޭސީސީ އިން ނުކުމެވަޑައިގަތުމަށް ފަހު އެ ސަރަހައްދުގައި އެ ވަގުތު ތިބި އާއްމުންނާއި މުޚާތަބުކުރައްވާ، ފައްޔާޒް ވަނީ އިންގިލާބު އަވަސް ކުރުމަށް ގޮވާލައްވާފައެވެ.
އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް، އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އަށް ހާޒިރުކޮށްފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު 09:30 އަށެވެ. ދޮޅު ގަޑިއިރަށް ވުރެ ގިނައިރުވީ ފަހުން، ފައްޔާޒް އޭސީސީ އިން ނިކުމެވަޑައިގެންފައި ވަނީ 11:00 ހާއިރު އެވެ.ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފައި ވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެން ނުވާ ބަދަލެއް އެ ކުންފުންޏަށް ދީފައިވާ ކަމަށް ބުނެ އެވެ.
އެހެންނަމަވެސް މިއީ ކުރިއަށް އޮތް ނޮވެމްބަރ 17ގައި އެމްޑީޕީން ބާއްވަން ނިންމާފައިވާ އެއްވުމަށް ހުރަސް އެޅުމަށާއި، ބިރު ދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި އެމްޑީޕީން ދަނީ ސިފަކުރަމުންނެވެ. ސަބަބަކީ ސިޔާސީ ހަރަކާތްތަކުގައި އިސް ނަގާ ހުރިހާ އެންމެން އެކި ތުހުމަތުތަކުގައި އޭސީސީ އާއި ބައެއް އެހެން މުއައްސަސާތަލަށް ހާޒިރުކުރަމުން ދިއުމެވެ. މި ގޮތަށް ހާޒިރުކުރަމުންދާ މީހުންގެ ތެރޭގައި ނިމިދިޔަ ސަރުކާރުގެ އިސް ބައެއް ފަރާތްތައް ހިމެނޭ އިރު މިއީ އެމްޑީޕީ ފަހަތަށް ޖެއްސުމަށް ކުރާ ކަމެއް ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.