އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާ މަޝްވަރާ ކުރައްވައިފި އެވެ.
ޒެެލެންސްކީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޓްރަމްޕްއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މިއީ ދެ ދުވަހުގެ ތެރޭގައި، ޓްރަމްޕް އާއި ޒެލެންސްކީ މަޝްވަރާ ކުރެއްވި ދެ ވަނަ ފަހަރެވެ.
ޓްރަމްޕްއާ އެކު ފޯނު މެދުވެރިކޮށް ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަށް އިޝާރާތް ކުރްވައި ޒެލެންސްކީ ވިދާޅުވެފައި ވަނީ، އެއީ ވަރަށް މުހިންމު މަޝްވަރާ ތަކެއް ކަމަށެވެ. އަދި ޓްރަމްޕްއާ އެކު ވަރަށް އުފެއްދުންތެރި ގޮތެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށް ވެސް ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.
އިތުރަށް ޒެލެންސްކީ ވިދާޅުވެފައި ވަނީ އޭނާގެ ޤައުމުގެ ރައްޔިތުންގެ ރައްކާތެރިކަމާއި، ޔުކްރެއިންގެ އަސްކަރީ ޤާބިލުކަން އިތުރަށް ވަރުގަަދަ ކުރުމުގެ ގޮތުން ވައިގެ ދިފާއީ ނިޒާމާއި، ދުރު ހިސާބު ތަކަށް އަމާޒު ކުރެވޭ ހަތިޔާރުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ޓްރަމްޕް އާއި ޒެލެންސްކީ މިހާ ގާތް ގާތުގައި މަޝްވަރާ ކުރައްވާފައިވާއިރު، އެ މަޝްވަރާ ތަކުގައި ޔުކްރެއިންގެ މިހާރުގެ ޙާލަތާއި، އެ ޤައުމަށް ދިމާވެފައިވާ ގޮން ޖެހުންތަކާ ގުޅޭ ގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި މަޝްވަރާތަކެއް ކުރެވުނު ކަމަށް ބެލެވެ އެވެ. ޚާއްސަކޮށް ރަޝިޔާ އިން ދެމުން އަންނަ ހަމަލާ ތަކުން ރައްކާތެރި ވުމަށް ބޭނުންވާ އެހީތެރިކަަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ.
މަޝްވަރާތަކާ ގުޅޭ ގޮތުން ޒެލެންސްކީ ވާހަކަ ދައްކަވާފައި ވީ ނަަމަވެސް، އެ މަޝްވަރާތަކާ ގުޅޭ ގޮތުން ޓްރަމްޕް އެއްޗެއް ވިދާޅުވެފައި ނުވެ އެވެ.