Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2025 | އާދީއްތަ 13:04
ރައީސް ޑރ.މުހައްމަދު މުއިއްޒު،  ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ 12.10.2025
ރައީސް ޑރ.މުހައްމަދު މުއިއްޒު، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ 12.10.2025
ޕީއެސްއެމް
ޤުރުއާން މުބާރާތް
"އެންމެ އިސްކަން ދޭންވީ އިމާރާތްތަކާއި އަތުން ހިފޭ ތަރައްޤީއަކަށް ނޫން، ދެން ދާން އޮތް ދުނިޔެ އަށް": ރައީސް
ރައީސް މުއިއްޒުގެ އަމިއްލަ ގެކޮޅު 15 ބުރިއަށް ހެއްދެވީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް ވަނީ ވާހަކަ ދައްކަވާފައި
ސިކުނޑިތައް ތަރައްޤީ ކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށާއި މާއްދީ ތަރައްޤީއަކީ ވަގުތީ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި

އެންމެ އިސްކަން ދޭންވީ އިމާރާތްތަކާއި އަތުން ހިފޭ ތަރައްޤީއަށް ނޫން ކަމަށާއި އިސްކަން ދޭންވީ ދެން ދާން އޮތް ދުނިޔެ އަށް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅު ވަނީ ވަށާ ޖެހޭ މާނަފުން ތަރައްޤީ އެއް ކަމަށެވެ. އެއީ އިމާތްކުރާ ތަނަކުން ޙާސިލް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މަސައްކަތް ކުރަންވީ ސިކުނޑިތައް ތަރައްޤީކުރަން ކަމަށާއި މާއްދީ ތަރައްޤީ އަކީ ވަގުތީ ކަމެއް ކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"އިމާރާތެއް ހެދިދާނެ 50 ބުރިއަށް ވެސް. އެ އިމާރާތް ހެދުމުގެ ބޭނުމެއް ނެތް އެ ބިންގަލުގެ މައްޗަށް އަމަލުތައް ރަނގަޅަށް ބިނާ ނުވާ ނަމަ. ސިކުނޑިތައް ތަރައްޤީ ކުރަންވީ. ތަރައްޤީ ދާންވީ މަގު އޮތީ ސާފުކޮށް ބަޔާންކޮށްފައި." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިންގެ އުޅުމާއި ގުޅުން ބައްޓަން ކުރަން ވާނީ ކީރިތި ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައްޗަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެންމެ މުހިންމު ކަމަކީ ޤުރުއާން ރީތިކޮށް ކިޔެވުމަކީ ފަޚުރުވެރިވާ ކަމަކަށް ހެދުން ކަަމަށާއި ކުރިން ހުރި ރިވެތި އާދަތައް އަލުން ގެންނަން ޖެެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހިންނަކީ ފަޚުރުވެރިކަމާއި އެކު ދެނަމާދު ދޭތެރޭގައި ޤުރުއާން ކިޔަވަމުންދާ ބައެއް ކަމަށާއި އެއީ އަލުން އާލަން ކުރަން ޖެހޭ އާދަ އެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ވަގުތު ނެތިގެން މިފަދަ އާދަތައް ދޫކޮށްލާ ނަމަ މުޖުތަމައުގައި އުފާ ފާގަތިކަމެއް ނުހުންނާނެ. މައުރިބް އާއި އިޝާ ނަމާދާއި ދެމެދު ކިޔަވަން ވަގުތު ހުސްކުރަން އެބަ ޖެހޭ. ޖަމާއަތަށް ވަގުތު އޮތް މިންވަރަކުން ކިރިޔާ ވެސް ދެން އޮތިއްޔާ ދާން އެބަ ޖެހޭ. ކުދިން ރީތިކޮށް ގުރުއާން ކިޔަވަން ހުރިހާ ނިޒާމެއްގެ ތެރެއިން އެބަ ފުރުސަތު ލިބެން ޖެހޭ." ރައީސް ވިދާޅުވިއެވެ.

ޤައުމަށް ހަގީގީ ކުރިއެރުން ލިބޭނީ އިސްލާމީ އާދަތަކުގެ މަތީގައި ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އުމުރާނީ ތަރައްގީ އަކީ މުހިންމު ކަމެއް ނޫން ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވާހަކަ ދައްކަވާފައި ވާއިރު، އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ދިމްޔާތު 15 ބުރިއަށް ހެއްދެވި ގޮތާ ބެހޭ ގޮތުން މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅެއް ސޯޝަލް މީޑިއާ ގައި ވައިރަލް ވެފައިވެއެވެ.

- ކޮމެންޓް