Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2025 | އާދީއްތަ 09:15
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ވަކާލާތު ކޮށްފައިވާ މެކްރޮން، މިޝްރަށް ކުރައްވާ މި ދަތުރުފުޅުގައި އެއްބަސްވުން ތަންފީޒު ކުރުމުގައި ދެން އަމަލު ކުރަން ޖެހޭ މަރުހަލާތަކާ ގުޅޭ ގޮތުން އެކި ފަރާތްތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް ވަނީ ބެލެވިފައި.

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން، މިޞްރަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އެ ޤައުމުގެ ރިޔާސީ ގަނޑުވަރުން ހާމަ ކޮށްފި އެވެ.

ފްރާންސްގެ ރިޔާސީ ގަނޑުވަރު، އެލީސީ އިން ހާމަ ކޮށްފައިވާ ގޮތުގައި މެކްރޮން މިޞްރަށް ވަޑައިގަންނަވާނީ ހޯމަ ދުވަހު އެވެ. މިއީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ފްރާންސް އިން ތާއީދު ކުރާކަން ހާމަ ކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ޕްލޭން އަށް މަޝްވަރާ ކޮށްފައި ވަނީ، މިޞްރުގެ ޝަރަމް އަލް ޝައިޚްގަ އެވެ. އެ މަޝްވަރާ ތަކުގައި އިސްރާއީލް އާއި ހަމާސް އިން ވަނީ ހަނގުރާމަ ހުއްޓާލައި، ރަހީނުން މިނިވަން ކުރުމަށް އެއްބަސްވެފަ އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ވަކާލާތު ކޮށްފައިވާ މެކްރޮން، މިޝްރަށް ކުރައްވާ މި ދަތުރުފުޅުގައި އެއްބަސްވުން ތަންފީޒު ކުރުމުގައި ދެން އަމަލު ކުރަން ޖެހޭ މަރުހަލާތަކާ ގުޅޭ ގޮތުން އެކި ފަރާތްތަކާ އެކު މަޝްވަރާ ކުރައްވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ފްރާންސްގެ ރިޔާސީ ގަނޑުވަރުން އިތުރަށް ބުނެފައި ވަނީ މެކްރޮންގެ މި ދަތުރުފުޅަކީ، މެދު އިރުމަތީގެ އަމާން ކަމާއި ސުލްޙަވެރިކަން ޤާއިމު ކުރުމަށް ފްރާންސް އާއި ސައުދީ އަރަބިއްޔާ އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރެވޭ ދަތުރުފުޅެއް ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު މަޤުސަދަކީ އިސްރާއީލް އާއި، ފަލަސްޠީނާ ދެމެދު ދެ ދައުލަތުގެ ޙައްލެއް ހޯދުމެވެ.

ހުސްވި ސެޕްޓެމްބަރު މަހުގެ ތެރޭގައި ފްރާންސް އިން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައިގެންފަ އެވެ. އދ ގައި ކުރިއަށް ދިޔަ ދެ ދައުލަތުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ވެސް ބަލަހައްޓާފައި ވަނީ ފްރާންސް އާއި ސައުދީ އަރަބިއްޔާ އިންނެވެ. ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމުގެ އިތުރުން، މެކްރޮން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަތުމަށް އެހެން ޤައުމު ތަކަށް ވެސް ބާރު އަޅުއްވައިފަ އެވެ.

އެހެން ނަމަވެސް، ފްރާންސް އިން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމުމުން އެމެރިކާ އާއި އިސްރާއީލްގެ ނުރުހުން ވަނީ އެކަމަށް އަމާޒުވެފަ އެވެ. އެ މައްސަލައިގެ ތެރޭގައި މެކްރޮން ވަނީ އިސްރާއީލް އަށް ނުރުހުން ފާޅު ކުރައްވައި ވާހަކަ ވެސް ދައްކަވައިފަ އެވެ.

މެކްރޮން، މިޞްރަށް ދަތުރުފުޅެއް ކުރައްވާ މި ދަނޑިވަޅަކީ ފްރާންސްގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާ ވަގުތެކެވެ. ފްރާންސްގެ ބޮޑު ވަޒީރު ކަމުގައި ހުންނެވި ސެބަސްޓިއަން ލެކޯނޫ މަގާމުން އިސްތިއުފާ ދެއްވުމާއި، އޭގެ ފަހުން ދެ ވަނަ ފަހަރަށް އޭނާ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރައްވާފައިވާއިރު، އެ ޤައުމުގެ ސިޔާސީ މަޝްރަހު އޮތީ ވަރަށް ބޮަޑު ހަލަބޮލި ކަމެއްގެ ތެރޭގަ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް