Advertisement
ކ. މާލެ
|
9 އޮކްޓޯބަރ 2025 | ބުރާސްފަތި 17:25
އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒު
އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒު
ރާއްޖެއެމްވީ ގްރެފިކްސް
މަސްތުވާތަކެތީގެ މައްސަލަ
ފައެނާގެ ގެއިން ފެނުނީ 31 ގްރާމުގެ މަސްތުވާތަކެތި، އެއާއި ހަވާލުވީ އޭނާގެ ފިރިމީހާ
ހުޅުމާލޭގައި އަންގާރަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި ފައެނާ ފައްޔާޒާއި އޭނާގެ ފިރިމީހާ އަހުމަދު އަޒްހަދު ހައްޔަރުކުރި، ފަހުން ފައެނާ ވަނީ ދޫކޮށްލާފައި
އަޒްހަދުގެ ބަންދަށް 15 ދުވަސް ޖެހި އިރު ފެނުނު މަސްތުވާތަކެއްޗަށް އޭނާ ޒިންމާވެފައިވޭ

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދިރިއުޅޭ އެޕާޓްމަންޓުން މަސްތުވާތަކެތި ފެނިގެން ހައްޔަރުކުރި ސިވިލް ރައިޓްސް އޮފީހުގެ ވެރިޔާ އަދި އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއަރ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒުގެ ގެއިން ފެނުނީ 31 ގްރާމުގެ މަސްތުވާތަކެތީ ކަމަށާއި، އެއާއި އޭނާގެ ފިރިމީހާ ހަވާލުވެއްޖެއެވެ.

ހުޅުމާލޭގައި އަންގާރަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެޕާޓްމަންޓް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ފެނުމާއި ގުޅިގެން 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެ އެޕާޓްމަންޓަކީ ފައެނާ އާއި އޭނާގެ ފިރިމީހާ ދިރިއުޅެމުން ދިޔަ ތަނެވެ. އެތަނުން މަސްތުވާތަކެތި ފެނިފައިވެއެވެ. އެ ދެމީހުންނަކީ ފައެނާ ފައްޔާޒުގެ އިތުރުން އޭނާގެ ފިރިމީހާ އަހުމަދު އަޒްހަދު އެވެ.

އެދެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަޒްހަދުގެ ބަންދަށް 15 ދުވަސް ޖެހުމަށްފަހު ފައެނާ ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.

އަޒްހަދުގެ ބަންދު އަމުރުގައި ބުނެފައިވަނީ މިއީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއް ކަމަށެވެ. އެގޮތުން އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ބަންދު އަޑު އެހުމުގައި އަޒްހަދު ބުނެފައިވަނީ އޭނާ ދިރިއުޅޭ އެޕާޓްމަންޓުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ އެތަނުގައި ބެހެއްޓި އެއްޗެއް ކަމަށާއި، އެ ތަކެތި ބެހެއްޓިތާ މާ ގިނަ އިރުތަކެއް އަދި ދުވަސްތަކެއް ނުވާނެ ކަމަށާއި، އަދި އިތުރު މީހަކަށް އެކަމެއް ނޭނގޭނެ ކަމަށެވެ.

މީގެ އިތުރުން އޭނާ އަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރާ މީހެއް ކަމަށް ނުބެލެވޭ ކަމަށާއި، މައްސަލައިގައި ފެނިފައިވަނީ ނިސްބަތުން މަދު މިންވަރެއް ކަމަށާއި، ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް އޭނާ ބުނެފައިވެއެވެ.

ފައެނާ ބަންދުން ދޫކޮށްލި އަމުރުގައި ބުނެފައިވަނީ މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ވެސް ދިރިއުޅޭ އެޕާޓްމަންޓުން ކަމާމެދު އިއުތިރާޒު ނުކުރާ ކަމަށާއި، ނަމަވެސް ފެނުނު މަސްތުވާތަކެއްޗާ އޭނާއާ ގުޅުމެއް ނެތްކަމަށާއި، އެތަކެއްޗަށް އޭނާގެ ފިރިމީހާ ސީނުގައި ޒިންމާ ނަގާފައިވާ ކަމަށެވެ. މީގެ އިތުރުން މަސްތުވާތަކެތި ފެނިފައިވަނީ އަލަމާރީގެ ވަތްގަނޑަކުން ކަމަށް ވެފައި، އެ ވަތްގަނޑަކީ އޭނާގެ ފިރިމީހާ ބޭނުންކުރާ އަދި އޭނާގެ ސާމާނު ލާފައި ހުންނަ ތަނެއް ކަމަށް ފައެނާ ބުނެފައިވެއެވެ. މީގެ އިތުރުން އޭނާއަކީ ކުޑަ ދެކުދިންގެ މަންމައެއް ކަމަށާއި، އިތުރު އެއްވެސް ރެކޯޑެއް ވެސް އޮތް ފަރާތެއް ނޫން ކަން ފާހަގަކޮށް ފުލުހުންގެ ތަހުގީގަށް ދޭންޖެހޭ އެއްބާރުލުމެއް ދޭނެކަމަށް އޭނާ ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ފެނުނު މަސްތުވާތަކެއްޗަށް ސީނުގައި އޭނާގެ ފިރިމީހާ ޒިންމާ ނަގާފައިވާކަމަށާއި، އޭނާގެ އެއްވެސް ރެކޯޑެއް ނެތްކަމަށާއި އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ނުވާ ކަމަށެވެ. އަދި އިންޓެލިޖެންސް ރިޕޯޓުގައި ވެސް ފައެނާއާއި ގުޅޭ އެއްވެސް ކަމެއް ނެތްކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފެނުނު މަސްތުވާތަކެއްޗަށް އިތުރު ފަރާތަކުން ޒިންމާ ނަގާފައިވާއިރު، ފެނުނު ތަކެއްޗާ އޭނާއާއި ގުޅުވޭނެ އިތުރު ގޮތެއް ފުލުހުންނަށް ބުނެދެވިފައި ނުވާ އިރު، އިތުރު ތުހުމަތެއް އަދި ރެކޯޑެއް ވެސް ނެތް ފަރާތެއް އިތުރަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ޖެހޭނެފަދަ ހާލަތެއް ނެތް ކަމަށް ބަންދުން ދޫކޮށްލި އަމުރުގައި ބުނެފައިވެއެވެ.

- ކޮމެންޓް