3 އޮކްޓޯބަރގައި ބޭއްވި "ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާ އިން ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައި ދާއިމީ ބައްޔަކަށް ބޭސްކުރަމުންދާ ދެ މީހަކު އެބަ ތިބި ކަމަށް އެމްޑީޕީގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައިކު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
އައިކު އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޤާނޫނީ ޓީމުން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެ މުޒާހަރާގައި މީހުން ހައްޔަރު ކުރީ ވަކި ކަމެއް ކޮށްގެން ނޫން ކަަމަށާއި މީހުން ހައްޔަރު ކުރީ އެޔެއް މި އެއް ބެލުމެއް ނެތި ކަމަށް އައިކު ވިދާޅުވިއެވެ. ފުލުހުން ބައެއް މީހުން ހައްޔަރު ކުރީ ބިން މައްޗަށް ވެއްޓިފައި އޮއްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
" އަޅުގަނޑަކީ ވެސް މުޒާހަރާގައި ހުރި މީހެއް. އަޅުގަނޑެއް ނުދެކެން އެ ބުނާ ބިއްލޫރި ފުޅި އަކާއި ގަލެއް. އަދި ބިންމަތީ ވެސް އެ ހުންނަންވާނެ. ފައިން ވެސް އެރޭނެ ބިއްލޫރި ފުޅިތަކެއް އުކިނަމަ ބިންމަތީގަ ތަޅައިގެން ގޮސްފައި ވެސް ހުންނާނެ. ފުލުހުންނާއި ހިސާބުން ފެށިގެން މީހުން ތިބި ހުރިހާ ހިސާބެއްގައި އަޅުަގނޑު ވެސް އުޅުނިން، އެހެން ގަލާއި ބިއްލޫރިފުޅި އުކި ނަމަ މީހުން ގައިގަ ވެސް ޖެހޭނެ." އައިކު ވިދާޅުވިއެވެ.
އައިކު ވިދާޅުވީ އޭގެ ތެރެއިން އެކަކީ ނޭވާހިއްލުމުގެ ބަލި ތަހައްމަލް ކުރަމުންދާ މީހެއް ކަމަށާއި، އަނެއް މީހާ އަކީ އާރްތްރައިޓިސް ބަލި ހުންނަ މީހެއް ކަމަށެވެ. އެ ދެ މީހުންނަށް ފުލުހުން ތުހުމަތު ކުރަނީ ބިއްލޫރި ފުޅި އާއި ގަލާއި އުކި ކަމަށެވެ. އެހެންނަމަވެސް އެއީ ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ދޮގު ތުހުމަތުތަކެއް ކަމަށް އައިކު ވިދާޅުވިއެވެ. ދާއިމީ ބަލިތަކަށް ބޭސް ކުރަމުންދާ މީހުންނަށް ދޭން ޖެހޭ ބޭސް ވެސް ނުދީ ލަސްވި ކަމަށް އައިކު ވަނީ ވިދާޅުވެފައެވެ.
ހޯމަ ދުވަހު ލޫޓުވައިފި ލޫޓުވައިފި އެއްވުމުގެ ތެރެއިން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި މީހުން ދޫނިދޫ ޖަލަށް ވަނީ ބަދަލުކޮށްފައެވެ. އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ، މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން 15 ދުވަހަށް ބަންދުގެ މުއްދަތު ޖެހި މީހުން ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވާ ކަމަށާއި، އެ މީހުން ދޫނިދޫއަށް ބަދަލުކުރީ މާލޭ ކަސްޓޯޑިއަލް ފުރިގެން ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.