ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނުކުންނަ ރައްޔިތުން މަޖިލީހުގެ މެންބަރުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނާނެ ކަމުގެ އިންޒާރު ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ދެއްވައިފިއެވެ.
ހޯމަ ދުވަހު ކުރިއަށް ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރު ފަލާހު ވިދާޅުވީ މަގުމަތީގެ ހަމަޖެހުމާއި، އާއްމު ރައްޔިތުންގެ ރައްކާތެރިކަމާއި، އުސޫލުތަކާއި ހަމަތައް ހިފަހައްޓަން ބަލާއިރު، މަޖިލީހަށް ނިސްބަތްވާ މެންބަރުން ރައްޔިތުންނަށް ފުރަތަމަ ނަމޫނާ ދައްކަންޖެހޭ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އެމްޑީޕީން އިސްވެ އޮވެ ބޭއްވި ލޫޓުވައިފި މުޒާހަރާއަށް އިޝާރާތް ކުރައްވައި މެންބަރު ފަލާހު ވިދާޅުވީ އެ މުޒާހަރާ ފުރަތަމަ ޕްރޮމޯޓް ކުރަން ފެށީ ވެސް ރާއްޖޭގައި ހެދިފައި ހުރި ގަވާއިދުތަކާއި، ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އަދި ވިދާޅުވީ އެ މުޒާހަރާއަކީ، އާދަޔާ ހިލާފު ނުރައްކާތެރި މުޒާހަރާއެއް ކަމަށާއި، ދިވެހި ފުލުހުންނާ ކުރިމަތިލައި މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރި ކަމަށެވެ.
އެއީ އަޅުގަނޑުމެންގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެބަ ބުނޭ ދިވެހި ރައްޔިތުންގެ އަގުލަބިއްޔަތުން ހޮވިފައި އޮންނަ ގާނޫނީ ވެރިކަމެއް ސީދާ ވައްޓާލަން އެއްވެސް ކުށެއް ނެތި ސީދާ ވައްޓާލަން މަސައްކަތް ކުރުމަކީ ގާނޫނީ ވަރަށް ބޮޑު ކުށެއް. ފުރަތަމަ ކަމަކަށް މި އިއްޒަތްތެރި މަޖިލިސް މެންބަރުންނަށް އެކަން އެނގެން ޖެހޭ. އެއީ އެ މެންބަރުންނަކީ ކޮންމެ ދުވަހަކު ވެސް މިތާގައި ގާނޫނު އަސާސީ އެއްކޮޅުން އަނެއް ކޮޅަށް އެކި ބާބުތައް ކިޔަމުންދާ ކިޔަންޖެހޭނެ ބައެއް. އަޅުގަނޑުމެން މިއަށް އިހުތިރާމް ނުކޮށް، އަޅުގަނޑުމެން މީގައި އޮތް އެއްޗަކަށް އަމަލުނުކުރާނަމަ އަމަލުކުރާނީ އަޅެ އަޅުގަނޑު ހިތަށް އަރަނީ ކޮންބައެއް ބާއޭ.
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު![]()
ލޫޓުވައިފި މުޒާހަރާގެ ބައިވެރިން ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅިކަން ފާހަގަކުރައްވައި މެންބަރު ފަލާހު ވިދާޅުވީ ކެންދޫ ދާއިރާގެ މެންބަރު ބެރިކޭޑެއް ތެރެއަށް ވަދެ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި މަންޒަރު ފެނުނު ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ މެންބަރެއް މިފަދަ ކުށެއްކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންޖެހޭނެ ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ.
އަޅުގަނޑު ހިތާމަ ކުރަން ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޅުގަނޑު ދެކުނިން ބެރިކޭޑެއްގެ ތެރޭގައި އޮއްވާ. ވަދަގެން އޮވެ ފުލުހުންނަށް ހުރަސްއެޅި މަންޒަރު. ހަގީގަތުގައި ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުރެގެން އެފަދަ އަމަލެއް ކޮށްފި ކަމަށްވަންޏާ އަޅުގަނޑުމެން މިއީ ރައްޔިތުން މަޖިލީހުގެ ގަވާއިދާ އަދި ގާނޫނު އަސާސީއަށް އިސްލާހު ގެންނަންޖެހޭ. ރައްޔިތުން މަޖިލީހުގެ މެންބަރެއް ވިޔަސް އެވަރުގެ ކުށެއް ކޮށްފިއްޔާ އެ މެންބަރެއްގެ ގޮނޑި ގެއްލެންޖެހޭނެ އިއްޒަތްތެރި ރައީސް. އެހެން ނޫން ކަމަށްވާނަމަ ރައްޔިތުންނަށް ފެނިގެން އެދަނީ ވަރަށް އެހެން ކަހަލަ މަންޒަރެއް. ރައްޔިތުންގެ ތެރޭގައި އާއްމު ނިކަމެތި މީހާއާއި، ރައްޔިތުން މަޖިލީހުގެ މެންބަރަކާ ވަރަށް ބޮޑު ތަފާތެއް ހުންނަ މަންޒަރު މިދައްކައިދެނީ. އެހެންވީމަ އެއީ އަޅުގަނޑު ކުރިކަމެއް ވިޔަސް، ކެންދޫ ދާއިރާގެ މެންބަރު ކުރެއްވި ކަމެއް ވިޔަސް، ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރު ކުރެއްވި ކަމެއް ވިޔަސް ކޮށްފި ކަމަށްވަންޏާ އެ މެންބަރެއްގެ ގޮނޑި ގެއްލެންޖެހޭ.
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު![]()
މެންބަރު ފަލާހު ވިދާޅުވީ ކުރިއަށް އޮތްތާގައި ހެދިފައިވާ ގާނޫނުތަކަށް ބޮޑެތި އިސްލާހުތަކެއް ގެނެސް ބަދަލުތައް ގެންނާނެ ކަމަށެވެ. އެހެންނޫންނަމަ، ދުވަހަކު ވެސް ރައްކާތެރިކަމާއި، އަމާންކަން މިގައުމަށް ނުލިބޭނެ ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ.