އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް، އެ ކުންފުނީގެ ބައެއް މުވައްޒަފުން ބުނެފި އެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން އެމްބަޑްލިއުއެސްސީގެ ވަރަށް ގިނަ މުވައްޒަފުން ބުނެފައި ވަނީ، އެ މުވައްޒަފުންގެ އިތުރު ގަޑި ޕޯޓަލް އަށް ނޭޅޭ ކަމަށާއި، މިހާރު ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް، ޕޯޓަލް އިން ޙާޟިރީ ބަރާބަރަށް ބެލޭ ކަމުގައި މުވައްޒަފުން ބުންޏެވެ.
އެކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ މުވައްޒަފުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އެގޮތުން އިތުރު ގަޑި ޕޯޓަލް އަށް ނޭޅޭތާ ވަރަށް ގިނަ ދުވަސް ވެފައިވާއިރު، އެކަމަކީ މުވައްޒަފުންނަށް އޮތް ވަރަށް ބޮޑު ދައްޗެއް ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން ރާއްޖެ އެމްވީ އިން ސުވާލު ކުރުމުން އެމްބަޑްލިއުއެސްސީގެ އެޗްއާރުން ބުނެފައި ވަނީ، މުވައްޒަފުންގެ އިތުރު ގަޑި ޕޯޓަލް އަށް މިހާރު އެޅޭނެ ކަމަށެވެ. އަދި މި ދޭތެރެއިން އެ ކުންފުނީގެ ޕޯޓަލް ބަދަލު ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ފާހަގަ ކުރަމުން ބުނީ، ކުރިން ނޭޅި ހުރި އިތުރު ގަޑިތައް ވެސް އެޅުމުގެ ފުރުސަތު މުވައްޒަފުންނަށް ދޭނެ ކަމަށް އަންގާފައިވާނެ ކަމަށެވެ.
އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ އިތުރު ގަޑި ޕޯޓަލް އަށް ނޭޅޭ ކަމުގެ މައްސަލަ ދިމާވެފައިވާއިރު، މި ފަހުން ވަނީ އާރުޑީސީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާ ނުކުރާ މައްސަލަ ވެސް ފެންމަތިވެފަ އެވެ. އެގޮތުން މުވައްޒަފުންގެ މުސާރަ އިން ޕެންޝަން ފައިސާ ކެނޑުމަށް ފަހު، ޖަމާ ނުކުރާ މައްސަލަ ދިމާވެފައިވެ އެވެ.
މީގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނި ތަކުގެ މުވައްޒަފުންގެ މުސާރަ ދިނުން ލަސްވެފައިވާ މައްސަލަ ވެސް ފާހަގަ ކުރެވެ އެވެ. މީގެ ކުރިން މަހުގެ އެއް ވަނަ ދުވަހު، ނުވަތަ އޭގެ ކުރިން މުސާރަ ޖަމާވަމުން އައި ކުންފުނި ތަކުގައި ވެސް ވަނީ، މުސާރަ ދިނުން ވަރަށް ބޮޑަށް ލަސްވެފަ އެވެ.