ކ. މާލެ
|
17 ސެޕްޓެންބަރ 2025 | ބުދަ 11:19
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ޔުއެފާ ޗެމްޕިއަންސް ލީގު
ބިލްބާއޯ ބަލިކޮށް، އާސެނަލް އަށް ރަނގަޅު ފެށުމެއް
މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، މެޗުގައި އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށެވެ. އޭނާ ބުނީ މެޗުގެ ފުރަތަމަ 20 މިނެޓާއި، 25 ވަނަ މިނެޓުގައި އުނދަގޫ ތަކެއް ކުރިމަތިވި ކަމަށާއި، ނަމަވެސް ކުޅުންތެރިން ވަރަށް ރަނގަޅަށް އެކަމާ ކުރިމަތިލި ކަމަށެވެ.

އައު ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި އާސެނަލް އިން ކުޅުނު ފުރަތަމަ މެޗުގައި، އެތުލެޓިކް ބިލްބާއޯ އަތުން މޮޅުވެއްޖެ އެވެ.

ބިލްބާއޯގެ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އާސެނަލް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް އާސެނަލް އިން ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް އެ ޓީމަށް އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

މެޗުގައި އާސެނަލް އިން ލަނޑު ޖަހައި ލީޑު ނެގީ 72 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އާސެނަލް އަށް ޖަހައިދިނީ ގަބްރިއެލް މާޓިނެލީ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލިއާންޑްރޯ ޓްރޮސާޑް އެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، އާސެނަލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ޓްރޮސާޑް އެވެ. އެއީ މާޓިނެލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޓްރޮސާޑް ޖެހި ލަނޑެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، މެޗުގައި އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށެވެ. އޭނާ ބުނީ މެޗުގެ ފުރަތަމަ 20 މިނެޓާއި، 25 ވަނަ މިނެޓުގައި އުނދަގޫ ތަކެއް ކުރިމަތިވި ކަމަށާއި، ނަމަވެސް ކުޅުންތެރިން ވަރަށް ރަނގަޅަށް އެކަމާ ކުރިމަތިލި ކަމަށެވެ.

އާޓެޓާ ބުނީ އާސެނަލް އިން މަސައްކަތް ކުރީ މަޑު މަޑުން މެޗު ތެރެއަށް ވަންނަން ކަމަށާއި، އެއަށް ފަހު ދެ ވަނަ ހާފުގައި އާސެނަލްގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނުނު ކަމަށެވެ. ޚާއްސަކޮށް އާސެނަލް އިން މެޗު ވަރަށް ބޮޑަށް ޑޮމިނޭޓު ކޮށްގެން ކުޅުނު ކަމަށާއި، ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސް ކުރި ކަމަށް އާޓެޓާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އާޓެޓާ ބުނެފައި ވަނީ، ބިލްބާއޯ އަކީ ވަރަށް އުނދަގޫ ޓީމެއްކަން ކުރިން ވެސް އިނގޭ ކަމަށާއި، އެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. ޚާއްސަކޮށް ބިލްބާއޯ އިން ދިޔައީ އާސެނަލް އަށް އުނދަގޫ ތަކެއް ކުރިމަތި ކުރަމުން ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

އެހެން ނަމަވެސް، އާސެނަލް އިން މެޗުގެ ކޮންޓްރޯލް ނެގި ފަހުން ބިލްބާއޯގެ ފަރާތުން މާ ބޮޑު ނުރައްކާތެރި ކަމެއް ފެނިފައި ނުވާ ކަމަށް އާޓެޓާ ބުންޏެވެ. އާސެނަލްގެ ކުޅުންތެރިން ޑިފެންސް އަދި އެޓޭކުގައި ވެސް ދައްކަމުން ދިޔައީ ފުރިހަމަ ކުޅުމަކަށް ވެފައި، އެކަމުގެ އުނދަގޫ ބިލްބާއޯ އަށް ކުރީ ކަމުގައި އާޓެޓާ ވަނީ ބުނެފަ އެވެ.

ޗެމްޕިއަންސް ލީގުގައި ދެން އާސެނަލް އަށް އޮންނާނީ އަންނަ މަހު އޮލިމްޕިއާކޮސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް