Advertisement
ކ. މާލެ
|
7 ޑިސެންބަރ 2025 | އާދީއްތަ 08:34
މެޗުން ބަލިވުމަށް ފަހު އާސެނަލްގެ ކުޅުންތެރިން ދަނޑު މަތީގައި
މެޗުން ބަލިވުމަށް ފަހު އާސެނަލްގެ ކުޅުންތެރިން ދަނޑު މަތީގައި
ރޮއިޓަރސް
ޕްރިމިއަރ ލީގު
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
އެސްޓަން ވިލާ އަތުން ބަލިވި ނަމަވެސް، އާސެނަލް އަދި ވެސް އޮތީ ލީގު ތާވަލްގެ އެއް ވަނަ މަގާމުގަ އެވެ. ނަމަވެސް، އާސެނަލް އާއި ދެ ވަނައިގައި އޮތް ސިޓީއާ ދެމެދު އޮތް ފަރަގު ވަނީ ކުޑަ ވެފަ އެވެ. މިހާތަނަށް ކުޅެފައިވާ 15 މެޗުން އާސެނަލް އަށް 33 ޕޮއިންޓު ލިބޭއިރު، ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ސިޓީ އަށް ލިބެނީ 31 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެއް ވަނައިގައި ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި އެވެ.

އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 2-1 އިން އާސެނަލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި އެސްޓަން ވިލާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އާސެނަލް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ދެ ވަނަ ލަނޑެއް ޖަހައިގެން އެސްޓަން ވިލާ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އެސްޓަން ވިލާ އަށް ލީޑު ނަގައިދިނީ މެޓީ ކޭޝް އެވެ. އެ ލަނޑާ އެކު އެސްޓަން ވިލާ އިން ފުރަތަމަ ހާފު ނިންމާލީ ވެސް ލީޑުގައި އޮވެގެންނެވެ.

އާސެނަލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފު ފަށައިގެން އެގާރަ ވަނަ މިނެޓުގަ އެވެ. އެ ލަނޑު ޖަހައި އާސެނަލް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ލިއާންޑްރޯ ޓްރޮސާޑް އެވެ. އޭގެ ފަހުން ވެސް އާސެނަލް އިން ވަނީ އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކޮށްފަ އެވެ.

މެޗު އެއްވަރުވާން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެސްޓަން ވިލާ އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުން މޮޅުވެފަ އެވެ. އާސެނަލް އަތުން އެސްޓަން ވިލާ އަށް ތިން ޕޮއިންޓު ހޯދައިދިނީ އެމިލިއާނޯ ބުއެންޑީއާ އެވެ.

ލީގުގައި ސިޓީ އިން ވަނީ ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެފަ އެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އިން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. މެޗުގައި ސިޓީގެ ލަނޑުތައް ޖެހީ ރުބެން ޑިއާސް، ޖޮސްކާ ގްވާޑިއޯލް އަދި ފިލް ފޮޑެން އެވެ.

- ކޮމެންޓް