ޔުއެފާ ޗެމްޕިއަންސް ލީގުގައި އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑު މޮޅުވެއްޖެ އެވެ.
އޮލިމްޕިއާކޯސްގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 4-3 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އޮލިމްޕިއާކޯސް އިން ލީޑު ނަގާފައި ވަނިކޮށް، ރެއާލް އިން ވަނީ ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ލީޑު ނަގައިފަ އެވެ. ދެ ވަނަ ހާފުގައި ރެއާލް އިން އިތުރު އެއް ލަނޑު ޖެހިއިރު، އޮލިމްޕިއާކޯސް އިން ދެ ލަނޑު ޖެހި އެވެ.
މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި އޮލިމްޕިއާކޯސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޗިކީނިއޯ އެވެ. އޭގެ ފަހުން މެޗުގެ 22 ވަނަ މިނެޓުގައި ރެއާލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ.
ފުރަތަމަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން އެމްބާޕޭ ވަނީ ދެ ވަނަ ލަނޑެއް ޖަހައި ރެއާލް އަށް މެޗުގައި ލީޑު ނަަގައިދީފަ އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އެމްބާޕޭ ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައި މެޗުގައި އޭނާގެ ހެޓްރިކް ހަމަ ކޮށްފަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު އޮލިމްޕިއާކޯސްގެ މަހުދީ ތަރޭމީ ވަނީ ލަނޑު ޖަހައި އެ ޓީމަށް ފަރަގު ކުޑަ ކޮށްދީފަ އެވެ. ނަމަވެސް، މެޗުގެ 60 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ރެއާލްގެ ހަތަރު ވަނަ ލަނޑެއް ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގައި އޮލިމްޕިއާކޯސްގެ ފަހު ލަނޑު ޖެހީ އަޔޫބް އެލް ކާބީ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ، އެ މޮޅަކީ ރެއާލް އަށް ވަރަށް މުހިންމު މޮޅެއް ކަމަށެވެ. ޚާއްސަކޮށް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅެއް ލިބިފައި ނުވާއިރު، މި މެޗުން ލިބުނު މޮޅަކީ އިތުރު ހިތްވަރެއް ކަމަށް އަލޮންސޯ ފާހަގަ ކުރި އެވެ.
އަލޮންސޯ ބުނީ މެޗުގެ ކުރީ ކޮޅު ރެއާލް ކޮޅަށް ލަނޑެއް ވަތް ނަމަވެސް، ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރި ކަމަށާއި، އެކަމުގެ ސަބަބުން މެޗުގެ ނަތީޖާ ރެއާލް ކޮޅަށް އެނބުރިގެން ދިޔަ ކަމަށެވެ. ޚާއްސަކޮށް މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހިގެން ހުރިކަން ފާހަގަކޮށް އަލޮންސޯ ބުނީ، ދެން އޮތީ ކުރިއަށް އޮތް މެޗަށް ފޯކަސް ކުރުން ކަމަށެވެ.
އެ މޮޅާ އެކު ރެއާލް އޮތީ ޗެމްޕިއަންސް ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ޗެމްޕިއަންސް ލީގުގައި އެއް މެޗުން ރެއާލް ބަލިވެފައިވާއިރު، އެއީ ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.