މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ތަސްދީގު ނުކުރުމަށް ގޮވާލާ އަދާލަތު ޕާޓީ އިން ނޫސްބަޔާނެއް ނެރެފިއެވެ.
އަދާލަތު ޕާޓީ އިން ނެރުނު ނޫސްބަޔާނުގައި ވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވުނު 7 ވަނަ ޖަލްސާގައި ފާސްކުރެވުނު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލް ފާސްކުރި ފާސްކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، އިސްލާހުތަކަކާއެކު މި ބިލު ފާސްކުރެވިފައި އޮތް ނަމަވެސް، މިއީ މިނިވަން ނޫސްވެރިކަން ހުއްޓުވުމަށް މަގުފަހިވާގޮތަށް އެކުލަވާލެވިފައިވާ ބިލެކެވެ. މި ބިލުގެ ދަށުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ.
ޕާޓީން ފާހަގަކުރާ ގޮތުގައި، މި ބިލުގެ ދަށުން އުފެދޭ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ތިން މެންބަރުން ހިމެނުމާއި، މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުން މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަކިކުރެވޭގޮތަށް އޮތުމަކީ، މި ކޮމިޝަން ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް ކުރެވޭ މަސައްކަތެކެވެ.
އަދާލަތު ޕާޓީން ވަކިން ޚާއްސަކޮށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، މި ކޮމިޝަނަށް ލިބިދޭ ފުޅާ ބާރުތަކެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާ ރެގިއުލޭޓްކުރުމުގެ ބާރާއި، ތެދު ޚަބަރާއި އާންމު މަސްލަހަތު ގެއްލޭފަދަ މަޢުލޫމާތު ކަނޑައެޅުމުގެ ބާރު، އަދި މީޑިއާތަކަށް އަދަބު ކަނޑައެޅުމާއި ބަންދުކުރުމުގެ ބާރު ހިމެނޭ ކަމުގައެވެ.
ނޫސްބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ މުހިންމު ބިލެއް އަވަސް އަރުވާލައިގެން، ދައުރުން ބޭރުގައި ޖަލްސާތަކެއް ބާއްވައިގެން ފާސްކުރުމަކީ ސަރުކާރުގެ ނުބައި ނިޔަތް ހާމަވެގެންދާ ކަމެކެވެ. އަދި މިފަދަ ހައްސާސް ބިލެއް އެކަށީގެންވާ ދިރާސާތަކެއް ނުކޮށް، ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ނުހޯދައި ފާސްކުރުމަކީ ދީމިޤްރާތީ އުސޫލުތަކާ ޚިލާފު ކަމެއްކަމުގައިވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދާލަތު ޕާޓީން ވަނީ، މި ބިލު ތަސްދީގު ނުކުރައްވައި އަލުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ގޮވާލަައްވާފައިވެ. އަދި މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި އަދާލަތު ޕާޓީން ދެމިހުންނާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އެޕާޓީއިން ދީފައިވެއެވެ.