ސަރުކާރުން އަޑީގައި އޮވެގެން މަޖިލީހަށް ހުށަހަޅާ، ސަރުކާރަށް ނިސްބަތްވާ މަޖްލިސް މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތާއެކު، ދިވެހިރާއްޖޭގެ މިނިވަން މީޑިޔާ ކަފުންކޮށް ވަޅުލާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެވެ.
މިބިލު ފާސްކޮށްފައި މިވަނީ މަޖިލީސް ފެށިނީއްސުރެ ޖަލްސާ ނިމެންދެން މި ބިލު ފާސްނުކުރުމަށް ގޮވާލާ މަޖްލިސް ދޮށުގައި ގިނަ އަދަދެއްއްގެ ނޫސްވެރިންނާއި އާއްމު ރައްޔިތުން ވަނީ މުޒާހަރާ ކުރަމުންދަނިކޮށެވެ.
މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައެވެ. ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީ، ހަށިގަނޑުން ލޭ އޮހޮރުވާލާފައިވެއެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސްކޮށްފައިވާއިރު، ބިލާ ދެކޮޅަށް މަސައްކަތްކުރި އަދަދު ނޫހުގެ އަހުމަދު އާއިދު، މުހައްމަދު ޝަހުޒާން އަދި ދައުރު ނޫހުގެ އަހުމަދު ނާއިފް ފަދަ ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރު ލިބިފައެވެ.
މި ބިލު ފާސްކުރުމާއެކު ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެތައް ޒަމާނެއް ފަހަތައް ޖެހޭނެ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި އިދިކޮޅު ފަރާތްތަކުން ވިދާޅުވާ ގޮތުގައި މިއީ ވަރުގަދަ ޚުދުމުހުތާރު ވެރިކަމެއް އުފައްދަވަން ރައީސް މުއިއްޒު ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފާސް ކުރި ބިލެކެވެ. މި ބިލުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް އެތައްގޮތަކުން ހަނިވާނެކަމަށް ގާނޫނީ ގޮތުން ތަޖުރިބާކާރު ފަރާތްތަކުން ފާހަގަ ކުރައްވާފައިވެއެވެ.