Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2025 | އަންގާރަ 19:11
މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސްކުރުމާ ދެކޮޅަށް އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަނީ
މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސްކުރުމާ ދެކޮޅަށް އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަނީ
މަޖުލިސް
މަޖިލިސް 20
ޖަލްސާ ހޫނުވެ އެމްޑީޕީ 4 މެމްބަރުން ތަޅުމުން ބޭރުކޮށްފި
މެމްބަރުން ބޭރުކުރެވުނީ މިނިވަން މީޑިއާ ނައްތާލުމުގެ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ސަބަބުން
އަންގާރަ ދުވަހު ހެނދުނުން ފެށިގެން މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އާންމުންނާއި ނޫސްވެރިން ދިޔައީ މުޒާހަރާކުރަމުން

މިނވަން މީޑިއާ ކަފުންކޮށް ވަޅުލުމަށްޓަކާ މަޖިލީހުގައި ކުރިޔަށްދާ ޖަލްސާ ހޫނުވެ އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފިއެވެ.

ނަން އިއްވާ ބޭރުކޮށްފައިވާ 4 މެމްބަރުންނަކީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހްމަދު ނަސީމް، ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ޛާކިރު އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔާދު އެވެ.

މި ހަތަރު މެމްބަރުންވެސް ނަންއިއްވާ ތަޅުމުން ބޭރުކޮށްފައިވަނީ، މިނިވަން މީޑިއާ ނައްތާލުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސް ކުރުމާ ދެކޮޅަށް މަޖިލިހުގައި އިހުތިޖާޖު ކުރެއްވުމުގެ ސަބަބުންނެވެ. ހަތަރު މެމްބަރުންގެ ނަން އިއްވާފައިވަނީ ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމް އެވެ. ނަން އިއްވުމުގެ ކުރިން ނާޒިމް ވަނީ އެމެމްބަރުންގެ ނަން އިއްވަން ކެރޭނެ ކަމަށާއި ނަންއިއްވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

އަޅުގަނޑު ތިބޭފުޅާގެ ނަން އިއްވާނަން، އަޅުގަނޑު ބިރެއް ނުގަނޭ ނަން އިއްވާކަށް، އަޅުގަނޑަށް ކެރޭނެ.. އިއްޒަތްތެރި މެމްބަރު މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުން އެދެން....

މަޖިލީހުގެ ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމް

އަންގާރަ ދުވަހު ހެނދުނުން ފެށިގެން މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އާންމުންނާއި ނޫސްވެރިން ދިޔައީ މުޒާހަރާކުރަމުންނެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައެވެ. ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީ، ހަށިގަނޑުން ލޭ އޮހޮރުވާލާފައިވެއެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސްކުރަން ސަރުކާރުން މަސައްކަތްކުރަމުންދާއިރު، ބިލާ ދެކޮޅަށް މަސައްކަތްކުރާ އަދަދު ނޫހުގެ އަހުމަދު އާއިދު، މުހައްމަދު ޝަހުޒާން އަދި ދައުރު ނޫހުގެ އަހުމަދު ނާއިފް ފަދަ ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރު ލިބިފައެވެ.

ކައުންސިލް ޖެނެރަލްގެ ލަފާ ހޯދުމަކާ ނުލައި ކޮމިޓީން ބިލު ފާސްކޮށްފައިވާއިރު، އަންގާރަ ދުވަހުގެ ހަވީރު މަޖިލީހުގައި ބާއްވާ ޖަލްސާގައި މީޑިއާ ނެތިކޮށްލާ ބިލު ފާސްކުރުމަށް ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.

- ކޮމެންޓް