ރައްޔިތުންގެ މަޖިލީހުގައި އަންގާރަ ދުވަހު ދައުރުން ބޭރު ޚާއްސަ ޖަލްސާއެއް ބާއްވާނެކަން އިއުލާނުކޮށްފައި އޮތްއިރު ޖަލްސާ އޮންނާނެ ގަޑިއާއި އެޖެންޑާ އަދިވެސް އާންމުނުކުރާއިރު މެންބަރުންނާ ވެސް އެ ހިއްސާނުކުރާކަން ހާމަވެއްޖެ އެވެ.
ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ނެތިގެންދާ ގޮތަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހޯމަ ދުވަހު ފާސްކުރި "މީޑިއާ އެންޑް ބްރޯޑްކާޓިން ރެގިއުލޭޝަން" ބިލު ތަޅުމުން ފާސްކުރަން ދައުރުން ބޭރުން ބާއްވާ ޖަލްސާގެ ގަޑި އާއި އެޖެންޑާ އަދިވެސް ފައިނަލް ނުވާ ކަމަށް މަޖިލީހުގެ އިދާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި މިވަގުތާ ހަމައަށްވެސް ފައިނަލް ނުވާކަން ވަނީ އެނގިފަ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހޯމަ ދުވަހު އެ ބިލު ފާސްކޮށް އަންގާރަ ދުވަހަށް މަޖިލީސް ޖަލްސާއެއް އެޖެންޑާ ކުރުމުން ނޫސްވެރިންނާއި އާންމު ރައްޔިތުންގެ އިތުރުން އެމްޑީޕީން ވަނީ ރޭ ވެސް މުޒާހަރަ ކޮށްފަ އެވެ.
އަދި މަޖިލީސް މީޑިއާ ވަޓްސްއެޕް ގުރޫޕުގައި ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން މީޑިއާ ޓީމުން ގްރޫޕަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ޖަލްސާގެ އެޖެންޑާ ފައިނަލް ވުމުން ހިއްސާ ކުރާނެ ކަމަށެވެ.
އާންމު އުސޫލުން ކޮންމެ ރެއަކު ވެސް އަނެއް ދުވަހު އޮންނަ ޖަލްސާގެ އެޖެންޑާ އާންމުކުރެއެވެ. އެހެން ނަމަވެސް އަންގާރަ ދުވަހު ބާއްވާ ދައުރުން ބޭރު ޖަލްސާގެ އެގެންޑާ މިވަގުތާ ހަމައަށްވެސް އާންމެއް ނުކުރެއެވެ.
މީގެ އިތުރުން އަންގާރަ ދުވަހު 11:00 ޖަހާއިރު ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް ވެސް ވަނީ އެޖެންޑާކޮށްފައެވެ. އެ ބައްދަލުވުމުގައި އޮތީ 151 ނޫސްވެރިންގެ ސޮޔާ އެކު މީޑިއާ ކޮންޓްރޯލް ބިލު ބޭރުކޮށްލަން ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިން ޖަވާބާ މެދު ގޮތެއް ނިންމުމެވެ. ނަމަވެސް އެ ކޮމެޓިވެސް ކުރިއަށް ނުގެންގޮސް ވަނީ ކެންސަލް ކޮށްލާފަ އެވެ.
އެތަނުގައި އެވަގުތު ތިބި ނޫސްވެރިން މައުލޫމާތު ދިންގޮތުގައި ޕެޓީޝަން ކޮމެޓި ކެންސަލް ކޮށްލާފައިވަނީ އެ ކޮމެޓިގައި ތިއްބެވި 7 މެންބަރުންގެ ތެރެއިން 6 މެންބަރުންގެ އަގުލަބިއަޔަތުން އެ ޕެޓިޝަން އިތުރަށް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށް ބުނެ އެވެ. އަދި އެ ކޮމެޓީގައި ތިއްބެވި ޕީއެންސީ އަށް ނިސްބަތްވާ މެންބަރުން ނޫސްވެރިން މުޒާހަރާ ނުކޮށް ގެއަށް ދިއުމަށް ވަނީ އަންގާފަ އެވެ.