ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ވެސް ތާވަލުކޮށްފިއެވެ.
މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް، ބައެއް މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަންކުރުން ހިމެނޭހެން ބައެއް މަސައްކަތްތައް ކުރަން މަޖިލީހުން އަންނަނީ ޖަލްސާތައް ބާއްވަމުންނެވެ.
މަޖިލީހުގެ އިދާރާއިން ހޯމަ ދުވަހު ބުނީ، މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ރ. ގެ ދަށުން ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން އެދިވަޑައިގެން ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، އަންގާރަ ދުވަހު ވެސް ދައުރުން ބޭރު ޖަލްސާއެއް އޮންނާނެ ކަމަށް މަޖިލީހުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ދައުރުން ބޭރު ޖަލްސާއެއް އަންގާރަ ދުވަހަށް ތާވަލް ކުރި ނަމަވެސް ޖަލްސާގެ އެޖެންޑާއެއް ހާމައެއް ނުކުރެ އެވެ. މަޖިލީހުގެ އިދާރާއިން ބުނީ، އެޖެންޑާ ފަހުން ހިއްސާކުރާނެ ކަމަށެވެ. އެހެންވެ، އަންގާރަ ދުވަހު ޖަލްސާ ބާއްވަނީ ކީއްކުރަން ކަމެއް ނޭނގެއެވެ.
ޖަލްސާގެ އެޖެންޑާ މިހާތަނަށް ހާމަނުކުރި ނަމަވެސް ބެލެވޭ ގޮތުގައި އަންގާރަ ދުވަހު ޖަލްސާ ބާއްވަނީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލް" ފާސްކުރުމަށެވެ. އެ ބިލު މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަޑުއަހަން ގޮސް ތިބި ބައެއް ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރަމުންދަނިކޮށް، މީޑިއާ ކޮންޓްރޯލް ބިލަށް ބައެއް އިސްލާހުތައް ގެނައުމަށް ފަހު ކޮމިޓީން ބިލު ފާސް ކުރީ ހޯމަ ދުވަހު އެވެ. ބިލު ބޭރުކޮށްލުމަށް ގޮވާލައި ނޫސްވެރިން ވަނީ އަޑުއުފުލާފަ އެވެ.
ބިލު ބޭރުކޮށްލުމަށް ގޮވާލައި ނޫސްވެރިން އަޑުއުފުލަމުން ދާއިރު، ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ވެސް ވަނީ ރައީސް އޮފީހަށާއި މަޖިލީހަށް ހުށަހަޅާފަ އެވެ. މި ޕެޓިޝަނުގައި ރާއްޖޭގައި ހަރަކާތްތެރިވާ 41 މީޑިއާއަކަށް ނިސްބަތްވާ 151 ނޫސްވެރިން ވަނީ ސޮއިކޮށްފަ އެވެ.
ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބިލް ފާސްކުރިއިރު، ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުން ބޭނުންވަނީ އެ ބިލު މަޖިލީހުން ފާސްކުރަން ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި އެ ބިލު އަވަހަށް ފާސްކުރަން ގޮވާލަމުންނެވެ.