Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2025 | ހޯމަ 15:14
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވާހަކަދައްކަވަނީ
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
ވެރިކަމުގެ ސިޔާސަތު
ރާއްޖޭގައި ރަސްކަމެއް ގާއިމްކުރުމުގެ ފުރުސަތެއް ނުދޭނަން: މެންބަރު މައުރޫފް
ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލައި، ރިޔާސީ ދައުރު ދަންމާލުމަށް
މިސަރުކާރުން ގައުމު ހިންގަމުންދަނީ ރައްޔިތުންގެ ހިޔާލާ ދެކޮޅަށް
ދޮންފަނުގެ ރައްޔިތުން މުޒާހަރާގައި ތިބި ނަމަވެސް މި ސަރުކާރަށް ކަހާތަން ހިރުވާވެސް ނުލާ

ދިވެހިރާއްޖޭގައި ރަސްކަމެއް ގާއިމްކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރު މައުރޫފް ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މި ބިލަކީ ރަނގަޅު ބިލެއް ނޫން ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލައި، ރިޔާސީ ދައުރު ދަންމާލުމަށް ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.

މެންބަރު މައުރޫފް ވިދާޅުވީ ރާއްޖޭގައި އޮތީ ރިޔާސީ ދައުރު ކަމަށާއި، ރަސްކަމެއް ގާއިމް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މީގެ އިތުރުން މެންބަރު މައުރޫފް ވިދާޅުވީ މިސަރުކާރުން ގައުމު ހިންގަމުންދަނީ ރައްޔިތުންގެ ހިޔާލާ ދެކޮޅަށް ކަމަށެވެ. އަދި ދޮންފަނުގެ ރައްޔިތުން މުޒާހަރާގައި ތިބި ނަމަވެސް މި ސަރުކާރަށް ކަހާތަން ހިރުވާވެސް ނުލާ ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވަނީ ދޮންފަނު ރައްޔިތުންގެ އިހުތިޖާޖުގައި ބ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް ބައިވެރިވުމަށް ގޮވާލައްވާފައެވެ.

ރައްޔިތުން ވިސްނާ މި ބިލުން ވެގެންދާނެ ގޮތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހިޔާލު ހޯދުމުގެ ވޯޓަކަށް އަހައި، ރިޔާސީ ދައުރު އިތުރަށް ދަންމާލާނީ. ރިޔާސީ ދައުރު ދަންމާލުމާއި ގަސްތުގައި ރޭވިގެން ހިންގާ ކަމެއް މިއީ. މިކަމަށް ދިވެހި ރައްޔިތުން ފުރުސަތު ދީގެން ނުވާނެ. އަޅުގަނޑުމެން މި ބިލަށް މިބިލު ފާސްކުރިކަމުގައި ވިޔަސް ތިޔަ ނަގާ ހިޔާލު ހޯދުމުގެ ވޯޓުން ފެއިލް ކޮށްލާނަން. އަދި މިރާއްޖޭގައި އޮތީ ރިޔާސީ ދައުރު. ރަސްކަމެއް ގާއިމް ކުރާކަށް ފުރުސަތެއް އިއްޒަތްތެރި ރައީސް ނުދޭނަން. ރައްޔިތުންގެ ހިޔާލޭ ކިޔައިގެން އޮޅުވާލައިގެން ރައްޔިތުންގެ މުޅި ހިޔާލާ ދެކޮޅަށް ގައުމު ހިންގާ މަންޒަރު މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ. ރަށެއްގެ ރައްޔިތުންތަކެއް އެތިބީ ކަންބޮޑުވެގެން ރޯމާދުވާލު ދުވާލުދާ ހަތަރުދަމު ރޭގަނޑާއެކު މުޒާހަރާގައި. އެހެންނަމަވެސް މިސަރުކާރަށް ކަހާތަން ހިރުވާވެސް ނުލާ. އަޅާވެސް ނުލާ އެތިއްބަވަނީ.

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

ދޮންފަނުގެ ރައްޔިތުން ދަނީ އެރަށުގެ ބިން ހިއްކުން ހުއްޓުވާފައިވާތީ ސަރުކާރާ ދެކޮޅަށް ދަނީ އިހުތިޖާޖު ކުރަމުންނެވެ. އަދި ދޮންފަނު ފަރުގެ ސަރަހައްދު ފަތުރުވެރިންނަށް އެ ރަށު ކައުންސިލުން ބަންދު ކުރީ، ސަރުކާރުން އެ ރަށުގެ ބިން ހިއްކުން އެމްޓީސީސީ އަށް ހަވާލު ކުރުމަށް ފަހު، ރައްޔިތުން އެދިގެން ކަމަށް ބުނެ އެ މަޝްރޫއު ހުއްޓާލުމާ ގުޅިގެން އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށް ވެސް ދޮންފަނު ކައުންސިލުން ބުނެއެވެ.

ދޮންފަނު ކައުންސިލުން ބުނެފައި ވަނީ ރައީސް މުއިއްޒު ދޮންފަނު ރައްޔިތުން އެދިގެން ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމެވި ކަމަށް ވިދާޅުވުމަކީ ކަނޑައެޅިގެން އެމަނިކުފާނު ހެއްދެވި އިތުރުފުޅެއް ކަމުގައެވެ.

ދޮންފަނު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރީ ރައީސް މުއިއްޒުގެ ހާޒިރުގައި ހުސްވި އޮގަސްޓު މަހު ދޮންފަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

- ކޮމެންޓް