ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށް ފަހު، މި ހަފުތާގެ ބުރާސްފަތި ދުވަހު ދިވެހި ޕްރިމިއާ ލީގު ފަށަން ނިންމައި، ލީގުގެ ތާވަލް އާންމު ކޮށްފި އެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އާންމު ކޮށްފައިވާ ތާވަލްގައި ވާ ގޮތުން، މި ހަފުތާގެ ބުރާސްފަތި ދުވަހު ލީގު ފަށާނީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކުލަބު އީގަލްސް ބައްދަލު ކުރާ މެޗުންނެވެ.
އޭގެ ފަހުން ހުކުރު ދުވަހުގެ ހަވީރު އޮންނާނީ ޓީސީ ސްޕޯޓްސް ކުލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބައްދަލު ކުރާ މެޗެވެ. މިއީ ގިނަ އަހަރުތަކަށް ފަހު، ނިއު ރޭޑިއަންޓް އިން ފުރަތަމަ ޑިވިޝަންގައި ކުޅޭ ފުރަތަމަ މެޗެވެ. ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ދިނުމަށް އެފްއޭއެމް އިން ނިންމީ، ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) އިން ފުރަތަމަ ޑިވިޝަން އިން ވަކިވުމުންނެވެ.
ތިން ވަނަ މެޗުގައި ހުކުރު ދުވަހުގެ ރޭ ބައްދަލު ކުރާނީ ބުރު ސްޕޯޓްސް ކުލަބާއި، ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. ވިކްޓަރީ ވެސް ސަސްޕެންޝަން އިން ސަލާމަތްވެ، އެންމެ ފަހުން އޮތް ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ވާދަކޮށް، ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދީ އެވެ.
ލީގުގެ ހަތަރު ވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ހަވީރު ބައްދަލު ކުރާނީ ޔުނައިޓެޑު ވިކްޓަރީ އަދި އޮޑި ސްޕޯޓްސް ކުލަބެވެ. އޮޑިން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދީ އެންމެ ފަހުން އޮތް ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްގެންނެވެ.
ފަސް ވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ބައްދަލު ކުރާނީ ކުލަބު ގްރީން ސްޓްރީޓްސް އަދި ކުލަބު ވެލެންސިއާ އެވެ. އެއަށް ފަހު ތިން ދުވަހުގެ ބްރޭކަކަށް ފަހު، ދެން ލީގުގެ މެޗެއް އޮންނާނީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
އެންމެ ފަހުން ދިވެހި ލީގު ކުޅެފައި ވަނީ 2023 ވަނަ އަހަރުގެ ފަހު ކޮޅު އެވެ. އޭގެ ފަހުން ދިވެހި ލީގު ހުއްޓިފައި އޮތްއިރު، މި ފަހަރު ލީގު ފަށަނީ ވެސް އެތައް ދުވަހެއް ވަންދެން ލީގު ފެށުމަށް މަސައްކަތް ކުރުމަށް ފަހު އެވެ.