އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިން ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް މޮޅުވެއްޖެ އެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން އެއް ލަނޑު ޖެހިއިރު، ފަހު ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ މާާޓިން ޒުބިމެންޑީ އެވެ. އެއީ އާސެނަލް އަށް ލިބުނު ކޯނަރެއްގައި އެ ޓީމުގެ ކުޅުންތެރިޔަކު ހުރަސްކުރި ބޯޅަ، ފޮރެސްޓުގެ ކުޅުންތެރިޔެއްގެ ބޮލުގައި ޖެހިފައި ލިބުނު ވަގުތު އެއް ފަހަރުން ޖަހައި ގޯލަށް ވައްދާލައިގެން ޒުބިމެންޑީ ޖެހި ލަނޑެކެވެ.
މެޗުގައި އާސެނަލްގެ ދެ ވަނަ ލަނޑު އެ ޓީމުން ޖެހީ، މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގަ އެވެ. އެ ލަނޑު އާސެނަލް އަށް ޖަހައިދިނީ ވިކްޓަ ޔޯކެރޭޝް އެވެ. އެ ލަނޑު އޭނާ ޖެހީ ފޮރެސްޓުގެ އޭރިޔާ ތެރެއިން އާސެނަލްގެ އެބްރެޒީ އެޒޭ ހުރަސްކޮށްދިން ބޯޅަ އަކުންނެވެ.
އޭގެ ފަހުން މެޗުގެ 79 ވަނަ މިނެޓުގައި އާސެނަލްގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްދިނީ ޒުބިމެންޑީ އެވެ. އޭނާ އެ ލަނޑު ޖެހީ ލިއާންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، އާސެނަލްގެ އަމާޒަކީ އެ ޓީމުގެ ފެންވަރު އަބަދު ވެސް މައްޗަށް ގެންދިޔުން ކަމަށެވެ. އަދި އެކަން ކުރެވޭނީ މެޗަކަށް ފަހު މެޗަކުން ނަތީޖާ ނެރެގެން ކަމަށް ވެސް އާޓެޓާ ބުންޏެވެ. އޭނާ ބުނީ ދައްކާ ވާހަކަ އާއި، ކުރަން ބޭނުންވާ ކަންކަން އެހީ މުހިންމު ކަންތައްތަކެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެންމެ މުހިންމީ ކުރެވޭ، އަދި ނެރެވޭ ނަތީޖާ ކަމަށް އާޓެޓާ ބުންޏެވެ.
އިތުރަށް އޭނާ ބުނީ އަދި ވެސް އާސެނަލް އިން ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރި ކަމަށާއި، ފޮރެސްޓު މެޗަށް ފަހު ދެން ކުރަން ޖެހޭ ކަމަކީ ރަނގަޅު ކުރަން ހުރި ކަންކަމަށް މަސައްކަތް ކުރުން ކަމަށެވެ. ޚާއްސަކޮށް މެޗުގައި އިތުރު ލަނޑުތައް ޖަހައި، ވީހާ ވެސް ބޮޑަށް މެޗު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
އައު ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް އާސެނަލް ވަނީ ހަތަރު މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ތިން މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާ އެކު، ވަގުތީ ގޮތުން އާސެނަލް އޮތީ އެއް ވަނައިގަ އެވެ.