ގަތަރަށް އިސްރާއީލުން ދިން ހަމަލާ އާ އެކު ވެސް އެމެރިކާ އިން އިސްރާއީލާ އެކު ބާއްވާ ގާތް ގުޅުމަކަށް ބަދަލެއް ނާންނާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ.
ރޫބިއޯ ވިދާޅުވެފައި ވަނީ ދޯހާ ގައި ތިބި ހާމަސްގެ ލީޑަރުންނަށް އަމާޒު ކޮށް އިސްރާއީލުން ދޯހާ އަށް ދިން ހަމަލާތަކަކީ "ހިތްހަމަޖެހޭ ކަމެއް ނޫން" ކަމަށެވެ.
ނަމަވެސް މި ހަމަލާގެ ސަބަބުން އިސްރާއީލާ އެކު އެމެރިކާ އިން ބާއްވާ ގާތް ރަހުމަތްތެރި ގުޅުމުގެ ހާލަތައް ބަދަލެއް ނާންނާނެ ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ހޮނިހިރު ދުވަހު ގަލްފް ސަރަހައްދަށް ފުރާވަޑައިގަންނަވަމުން ވިދާޅުވިއެވެ.
"ހަގީގަތުގައި އަޅުގަނޑުމެން މިކަމާމެދު ހިތްހަމައެއް ނުޖެހޭ، ރައީސް ވެސް މިކަމާމެދު ހިތްހަމައެއް ނުޖެހޭ،" އިސްރާއީލުގެ އިސްވެރިންނާއެކު މަޝްވަރާ ކުރެއްވުމަށް ވޮޝިންގްޓަނުން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް ވިދާޅުވިއެވެ.
"މިކަމުގެ ސަބަބުން އިސްރާއީލާއެކު އަޅުގަނޑުމެންގެ ގުޅުމުގެ ބާވަތަށް ބަދަލެއް ނާންނާނެ، އެކަމަކު އަޅުގަނޑުމެން މިކަމާ ބެހޭގޮތުން ވާހަކަދައްކަން ޖެހޭނެ - ޚާއްޞަކޮށް ހަނގުރާމައިގެ ވޭންތަކުން ބިކަވެފައިވާ ޣައްޒާގައި ހަމަޖެހުމެއް ގެނައުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކަށް މިކަމުން ކުރާނީ ކޮން އަސަރެއްތޯ،" ބަލަން ޖެހޭ ކަމަށް ރޫބިއޯ އިތުރުކުރެއްވިއެވެ.