ފުލުހުންގެ ތައްޔާރީ ހާލަތު ދެނެގަތުމަށް ޚާއްސަ ތަމްރީނެއް ކުރިއަށް ގެންދާކަން ހާމަކޮށްފިއެވެ.
ހޮނިހިރު ފުލުހުން ބުނީ، ފުލުހުންގެ އޮޕަރޭޝަނަލް ރެޑިނެސް ބެލުމުގެ ގޮތުން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެއްގެ ފައިނަލް އެކްސަސައިޒް، ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:00ން އިރުއޮއްސި 6:00ށް ކުރިއަށްދާނެ ކަމަށެވެ.
މި ތަމްރީން ކުރިއަށްދާނީ ހުޅުމާލެ ފޭސް-3 ގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ތައްޔާރީ ހާލަތު ދެނެގަތުމަށް ހޮނިހިރު ދުވަހު ކުރިއަށް ދަނީ ފައިނަލް އެކްސަސައިޒް ކަމަށް ބުނެފައިވާއިރު، މި ތަމްރީން ފެށިކަން ވެސް އިއުލާން ކޮށްފައިނުވެއެވެ. އަދި އިތުރު ތަފްސީލެއް ހާމަކޮށްފައިނުވެއެވެ.
ފުލުހުންގެ ތައްޔާރީ ހާލަތު ވަޒަން ކުރުމުގެ މަސައްކަތް ކުރާއިރު، ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.
އެއީ މިސަރުކާރުގައި ކާބޯތަކެތީގެ އަގު އިންތިހާއަށް މަތިވެ، މީގެ ކުރިން ފަސޭހައިން ލިބެމުންއައި އާސަންދަ އަދި އެންސްޕާގެ ޚިދުމަތް ނުލިބި، އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ސަރުކާރުން ދޫނުކޮށް ހިފަހައްޓައި، ޑޮލަރުގެ ރޭޓް އިންތިހާއަށް މަތިކޮށް، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ދޫކުރަން ޖެހޭ ފައިސާ ދޫނުކޮށް ހިފަހައްޓައި، މުޅި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވައި، ރައްޔިތުންނަށް އިންތިހާއަށް ދިރިއުޅުން ދަތިކޮށްފައިވާތީ ކުރިއަށް ގެންދާ މުޒާހަރާއެކެވެ.
މީގެ އިތުރުން މިނިވަން މީޑީއާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން މަސައްކަތް ކުރާތީއާއި، ސިޔާސީ ވަޒީފާތައް އިންތިހާއަށް އިތުރުވެ، ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ބޮޑު އެއްޗެއް ހަރަދުކޮށް، ސަރުކާރުގެ މަޖިލިސް މެންބަރުންނަށް ހަދިޔާގެ ގޮތުގައި އެތައް މިލިއަނުން ފައިސާ ލިބިފައިވާތީއާއި ކޮރަޕްޝަން މުޅި ގައުމުގައި އާއްމުވެ އިންސާފުވެރިކަމާއެކު އެއްވެސް މައްސަލައެއް ނުބެލޭތީ ކުރިއަށް ގެންދާ މުޒާހަރާއެކެވެ.
އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު މި މުޒާހަރާ ބާއްވަން ނިންމާފައިވާތީ، އެހަފްތާ ފުލުހުންގެ އިތުރުން ސިފައިންގެ އެއަރޓަށް ގެންނަ ކަމަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.