ޖަރުމަނުވިލާތާއި، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން ޣައްޒާ ސިޓީގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމަ "ވަގުތުން" ހުއްޓާލުމަށް ގޮވާލައި، މިދިޔަ ހަފްތާގައި ގަތަރުގައި އިސްރާއީލުން ދިން ހަމަލާ ކުށްވެރިކޮށްފިއެވެ.
ވިލާތުގެ މި ތިން ބާރުގެ ފޮރިން މިނިސްޓަރުން ހުކުރު ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ދާއިމީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާއި، ބަންދުގައި ތިބި އެންމެހާ ރަހީނުން ދޫކޮށްލުމާއި، ބަނޑުހައިހޫނުކަން ހުއްޓުވުމަށް ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް އަމާޒު ހިފަހައްޓަން ޖެހޭ" ކަމަށެވެ.
"ޣައްޒާ ސިޓީގައި އިސްރާއީލުން ހިންގަމުންދާ ހަމަލާތަކުގެ ސަބަބުން ގިނަ އަދަދެއްގެ މަދަނީ ރައްޔިތުން ގެދޮރު ދޫކޮށް ދާންޖެހި، މަދަނީ ރައްޔިތުންނަށް ގެއްލުން ލިބި، އަދި މުހިންމު އަސާސީ ވަސީލަތްތައް ހަލާކުވަމުންދާތީ، މި ހަމަލާތައް ވަގުތުން ހުއްޓާލުމަށް އަޅުގަނޑުމެން ގޮވާލަމެވެ" އެ ބަޔާނުގައި ވެއެވެ.
"އދ އާއި އިންސާނީ އެހީގެ ޖަމްޢިއްޔާތަކަށް އުތުރު ސަރަޙައްދު ހިމެނޭގޮތަށް، މުޅި ޣައްޒާ ގައި ރައްކާތެރި ކަމާ އެކު މަސައްކަތް ކުރެވޭނެ މަގު ތަނަވަސްވާން ޖެހޭ" ކަމަށް ވަޒީރުންގެ ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަންގާރަ ދުވަހު ދޯހާގައި ތިބި ހަމާސްގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއަކީ "ގަތަރުގެ މިނިވަންކަމަށް އަރައިގަތުން ކަމަށާއި އަދި ސަރަޙައްދުގައި އިތުރު ހަމަނުޖެހުން އުފެދުމުގެ ނުރައްކާ އޮތް" ކަމެއް ކަމަށެވެ.
މިނިސްޓަރުން ވިދާޅުވެފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ފެށުނު ހަނގުރާމައިގައި އިސްރާއީލާއި ހަމާސްއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި ގަތަރުން "މުހިންމު ދައުރެއް" އަދާކުރަމުންދާ ކަމަށެވެ.
ވައިޓް ހައުސް އިން އިޢުލާނުކުރި ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ގަތަރުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވާނެއެވެ.
އަނެއްކޮޅުން އެމެރިކާ އިން ހުކުރު ދުވަހު އދ ގެ ސެކިއުރިޓީ ކައުންސިލްގެ ގަރާރަކަށް ތާއީދު ކޮށްފައިވެއެވެ. މި ގަރާރުގައި އިސްރާއީލްގެ ނަން ނުގެނެސް ގަތަރުގައި ދިން ހަމަލާތައް ކުށްވެރި ކޮށްފައިވެއެވެ.
މީގެ އިތުރުން އދ ގެ ޖެނެރަލް އެސެމްބްލީން އިސްރާއީލާއި ފަލަސްތީނުގެ ދެ ދައުލަތުގެ ހައްލަކަށް ތާއީދުކުރާ ޤަރާރެއް ހުކުރު ދުވަހު ވަނީ ފާސް ކޮށްފައެވެ. މި ގަރާރާ ދެކޮޅަށް އެމެރިކާ އިން ވޯޓު ދިން އިރު އިސްރާއީލުން ވަނީ މިއީ "ލަދުވެތި" ވޯޓެއްގެ ގޮތުގައި ސިފަކޮށްފައެވެ.