ފަލަސްތީނުގެ މިނިވަން ދައުލަތެއް ނޯންނާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
އޭނާ މިހެން ބުނީ ބުރާސްފަތި ދުވަހު ފަލަސްތީނުން އަތުލައިގަނެފައިވާ ވެސްޓް ބޭންކުގައި ޔަހޫދީ ބޮޑު އާބާދީއެއް ވަޒަންވެރި ކުރުވުމުގެ މަޝްރޫއެއް ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.
"އަހަރެމެން ވަޢުދުވެފައިވާ ގޮތަށް ފަލަސްތީނު ދައުލަތެއް ނުއުފެދޭނެ، މިތަނަކީ އަހަރެމެންގެ ތަނެއް" ކަމަށް ނަތަންޔާހޫ ޖެރޫސަލަމްގެ އިރުމަތީގައިވާ ޔަހޫދީ އާބާދީ މާލޭ އެޑްމިމްގައި ބޭއްވި ރަސްމިއްޔާތުގައި ބުންޏެވެ.
"އަހަރެމެންގެ ތަރިކައާއި، ބިމާއި، ސަލާމަތްތެރިކަން ރައްކާތެރިކުރާނަން... އަހަރެމެން މި ސިޓީގެ އާބާދީ ދެގުނަ ކުރާނަން." ވަގުތުން ދުރަށް ފޮނުވި ރަސްމިއްޔާތުގައި އޭނާ ބުނެފައިވެއެވެ.
އީ1 (އީ-ވަން) ގެ ނަމުން މަޝްހޫރު 12 އަކަ ކިލޯމީޓަރުގެ (5 އަކަ މޭލު) ސަރަހައްދުގައި އާބާދު ކުރުމުގެ ވިސްނުން އިސްރާއީލުން ގެންގުޅެފައިވީ ނަމަވެސް، ބައިނަލްއަޤްވާމީ މުޖުތަމައުން ދެކޮޅު ހެދި މި މަޝްރޫޢު އެތައް އަހަރެއް ވަންދެން ހުއްޓިފައި އޮތެވެ.
ފާއިތުވި މަހު އިސްރާއީލުގެ ހަރުކަށި ކަނާތުފިޔައިގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވަނީ ޖެރޫސަލަމް އާއި މާލޭ އެޑްމިމް އާ ދެމެދުގައިވާ މި ސަރަހައްދުގައި 3،400 ގެ އެޅުމުގެ ޕްލޭން އަލުން ކުރިއަށް ގެންދަން ނިންމާފައެވެ.
މި ޕްލޭން ކުރިއަށް ގެންދަން ނިންމުމާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެފައިވަނީ މި ޕްލޭންގެ ސަބަބުން ވެސްޓް ބޭންކު ދެބައިވެ، ފަލަސްތީނު ދައުލަތެއް "ވުޖޫދު ވުމަށް ނުރައްކަލެއް" ކުރިމަތި ވާނެ ކަމަށެވެ.
1967 އިން ފެށިގެން އިސްރާއީލުން ވެސްޓް ބޭންކުގައި އަޅާފައިވާ ހުރިހާ ގެ ތަކަކީ، އިސްރާއީލުގެ ޕްލޭނިންގ ހުއްދަ ލިބިފައިވީ ނަމަވެސް، ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ޣައިރު ޤާނޫނީ އާބާދީތަކެކެވެ.
އިނގިރޭސި ވިލާތް އަދި ފްރާންސް ހިމެނޭ ގޮތަށް ގިނަ ހުޅަނގުގެ ސަރުކާރުތަކުން ވަނީ މި މަހު އދ.ގައި ފަލަސްތީނު ދައުލަތް ބަލައިގަންނާނެ ކަމަށް އިޢުލާނުކޮށްފައެވެ.
އިނގިރޭސިވިލާތުން ވަނީ އިސްރާއީލުން ޣައްޒާގެ ހަނގުރާމަ އަށް ހުއްޓުމެއް ގެނައުމަށް އެއްބަސް ނުވާނަމަ ފަލަސްތީނުގެ ދައުލަތް ބަލައިގަތުން ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.
ޣައްޒާ ގައި އިސްރާއީލުން ހަނގުރާމަ ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ.