ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 19:18
ސަރުކާރުގެ ކަންކަން ހާމަކޮށް ތިލަކުރާތީ ރައީސް މުއިއްޒު ނޫސްވެރިން ހެއްދެވީ މަދީނާގެ މުނާފިގުންނަށް
ސަރުކާރުގެ ކަންކަން ހާމަކޮށް ތިލަކުރާތީ ރައީސް މުއިއްޒު ނޫސްވެރިން ހެއްދެވީ މަދީނާގެ މުނާފިގުންނަށް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ހާމަކަން ކުޑަ ސަރުކާރުގެ ވާހަކަ ދައްކާތީ އަސަރު ކުރި ބޮޑުކަމުން ހުރިހާ ވަރެއް ބޭލީ ނޫސްވެރިންނަށް
މި ސަރުކާރުގެ ހާމަކަން ކުޑަވުމާއެކު ނޫސްވެރިންގެ އެންމެ ބޮޑު ޒިންމާއަކަށްވީ ކަންކަން ހާމަކޮށް ތިލަކުރުމެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަޖަމްކުރައްވަން އުނދަގޫކަމަށް މިކަން ވެއްޖެއެވެ. އެންމެފަހުން ނޫސްވެރިންނަކީ މަދީނާގެ މުނާފިގުން ކަމަށްވެސް ސިފަކުރެއްވީއެވެ.

ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އަސާސްތަކުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ހާމަކަމާއި ޖަވާބުދާރީވުން ކަށަވަރުކުރުމުގައި ނޫސްވެރިކަމުގެ ދައުރު ވަރަށް މުހިންމެވެ. ސަރުކާރުގެ ހާމަކަން ކުޑަވުމަކީ ޑިމޮކްރަސީއަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ސަރުކާރުގެ ޙަރަކާތްތަކާ ބެހޭ މަޢުލޫމާތު ލިބުން ދަތިވެއެވެ. ސަރުކާރު ޖަވާބުދާރީކުރުވުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ. ކޮރަޕްޝަނަށް މަގުފަހިވެއެވެ.

މިއާއެކު ނޫސްވެރިންގެ ޒިންމާވެސް އިތުރަށް ހަރުދަނާކުރަންޖެހެއެވެ. އެގޮތުން ސަރުކާރުގެ ހާމަކަން ކުޑަވާ ހާލަތްތަކުގައި ނޫސްވެރިންގެ ޒިންމާ އިތުރަށް ބޮޑުވެއެވެ. މި ޒިންމާގެ ތެރޭގައި އެކި ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރުގެ ޙަރަކާތްތަކާ ބެހޭ މަޢުލޫމާތު ހޯދުމާއި، ފުންކޮށް ތަޙްޤީޤުކޮށް، ހާމަނުކުރާ މަޢުލޫމާތު ހޯދައި ހާމަކުރުމާއި، ހޯދާ މަޢުލޫމާތު ޒިންމާދާރުކަމާއެކު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމާއި، މަޢުލޫމާތު ހާމަކުރާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓުން ހިމެނެއެވެ.

ނޫސްވެރިން މި ޒިންމާ އަދާކުރުމުގައި ދިމާވާ މައިގަނޑު ގޮންޖެހުމަކީ ސަރުކާރެވެ. މިހާރު އޮތް ސަރުކާރަކީ ހާމަކަން ކުޑަ ސަރުކާރެކެވެ. އަދި މައުލޫމާތު ނުދީ ހިފަހައްޓާ ހުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފަ ލިބިފައިވާ ސަރުކާރެކެވެ. ސަރުކާރުގެ އެންމެ މަތިން ފެށިގެން އެންމެ އާދައިގެ ސިޔާސީ މުވައްޒަފާ ހަމައަށް ވެސް އޮތީ ހަމަ މިކަންކަން ފެންނާށެެވެ. ސަރުކާރުގެ ހާމަކަން ކުޑަވި ވަރަކަށް ނޫސްވެރިންގެ ދައުރު މުހިންމުވެއެވެ. ނޫސްވެރިން އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަކީ ޑިމޮކްރަސީ ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނަމަވެސް، މިކަމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަކީވެސް މުހިންމު ކަމެކެވެ.

ނަމަވެސް މިއަދު ފެނިގެން މިދަނީ ނޫސްވެރިން ކުރާ މަސައްކަތަށް ގައުމުގެ ވެރިޔާގެ ރުޅިގަނޑު ބާލާތަނެވެ. ރަތްމަހަކަށް ނުގޮވާ ވަރަށް އެއްޗެހި ގޮވައިފިއެވެ. އަދި ނާޅުވާ ތުހުމަތެއްވެސް ނެތެވެ. ގައުމުގައި ބޮޑެތި މައްސަލަތައް ހުރި އިރު ގައުމުގެ ވަލިއްޔުލްއަމުރު ކޯފާވީ ނޫސްވެރިން ކަންކަން ހާމަކުރަން މަސައްކަތް ކުރާތީއެވެ. އަދި ނޫސްވެރިން ހާމަކުރާ ހިތްޕުޅާ ނުވާ މައުލޫމާތު ދޮގު ކުރައްވަން ހަދައިގެން އެތައް އިތުރު ދޮގެއްވެސް ހައްދަވައިިފިއެވެ.

ރާއްޖެއިސްލާމްވުމާއި، ނޫސްވެރިން ދޮގު ހަދާ ކަމާއި ގުޅުވާލާ މުޅި ސްޕީޗުގެ ބޮޑު ބައިގައި ބެވީ ނޫސްވެރިންނަށެވެ. ނަމަވެސް ހަގީގަތަކީ ނޫސްވެރިން އަދި މި ސަރުކާރޭ ކިޔައިގެން ދޮގެއް ނަހަދާކަމެވެ. ނޫސްވެރިން ލިޔުނީ ފުށިއްގަރު ފަޅު 10 މަހުން ނުނިމޭނެ ވާހަކައެވެ. އެކަން ނުވިއެވެ. ނޫސްވެރިން ދެއްކީ ވެރިކަން ކުރާ ޕީޓީގެ ޗެއަރޕާސަން ވިދާޅުވީ ގެއްލުވާލި ނުވަތަ ވަގައް ނެގި ބްރިޖްގެ 2 ލޭނެއްގެ ވާހަކައެވެ. ނޫސްވެރިން ދެއްކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ވާހަކައާއި އެއިން ވައުދުތަކެއް ނުފުދޭ ވާހަކައެވެ. ނޫސްވެރިން ދެއްކީ ކަރޯކޭއާއި ސިހުރުގެ ވާހަކައަކީވެސް މިހާތަނަށް އެމަނިކުފާނު ދެކޮޅު ހެއްދެވި ވާހަކަތެއްވެސް ނޫނެވެ.

ކެޔޮކެއިވަރު އިނގޭނީ ބިތުފަންގި ނެގީމޭ ބުނާ އުސޫލުން މި ސަރުކާރު ޖަވާބުދާރީކުރުމުގެ ޒިންމާ އުފުލަނީ ނޫސްވެރިންނެވެ. އެހެންވީމާ ނޫސްވެރިން ދެކެ ރުޅިއަންނާނެއެވެ. އެއީ ކަންކަން ހާމަކުރި ވަރަކަށް ކެޔޮ ކައިފައި ހުރިވަރު ފަޅާއަރާތީއެވެ. އެއީ އިންސާނާގައިގައި ހުންނަ ސިފައެކެވެ. ވަކިން ބޮޑަށް މިހާރުވެސް ވެރިމީހާގެ ކިބައިގައި ހުންނަ ސިފައެއްކަމަށް ރައްޔިތުން ބުނެއެވެ.

ރާއްޖެއިސްލާމްވި ދުވަހުގެ ޖަލްސާގައި ރައީސް ނޫސްވެރިންނަށް ކުރުދޮށިން ދެއްވަމުން ވިދާޅުވީ "ކީއްވެތޯ މީހުންގެ އަބުރު ކަތިލަމުން، އާއިލީ ގުޅުންތަކަށް ވިހަލަމުންދަނީ؟ ކީއްވެތޯ ކުޑަކުދީންގެ ކަރާމާތަށް ޙުރުމަތްތެރިކޮށް ނުހިތެނީ؟"

ކީއްވެތޯ ދޮގާއި މަކަރާއި ހީލަތުން ބޮޑެތި ފަސާދަތައް އުފަންކުރުވަމުން ދަނީ؟ ކީއްވެތޯ ފިތުނައިގެ އަލިފާނުން މުޅި ޤައުމީ ފޭރާން އަޅިޔަށް ހަދާލާއިރު، އެއީ، މިނިވަންކަމުގެ ޙައްޤުކަމަށް ހީކުރެވެނީ؟ މި ކަންކަމާ އިސްލާމްދީނާ ކުޑަ ވެސް ގުޅުމެއް ނެތެއް ނޫންތޯ؟ ކަނޑައެޅިގެން ދީނާ ޚިލާފު ނޫންތޯ؟ މި ކަންކަމާ ގުޅިފައިވާ ހަމަލާތަކުގެ ސަބަބުން އޮހޮރެމުންދަނީ ކިތައް އާއިލާގެ ކަރުނަތޯ؟ މިއީ، ކިތައް މުސްލިމު އަޚުން އުޚުތުންނެއްގެ ތަދާއި ލަދާއި ވޭނާއި ކެކުޅުންތޯ؟
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މަނިކުފާނެވެ. މީހުންގެ އަބުރުކަތިނުލައެވެ. މިއީ "ދޮންއަމާ"ގެ ވާހަކަ ކަމުގައިވާނަމަ އެވާހަކަ ދެއްކީ މަނިކުފާނުގެ ދޮންމަންމައެވެ. ނޫސްވެރިން އަދާކުރީ ޒިންމާއެވެ. އެވާހަކަ އާންމުންނާ ހަމައަށް ތިލަކުރީއެވެ. އަދި މިއީ މަނިކުފާނާއި ލޯބީގެ ގޮތުން ޑެޕިއުޓީ މިނިސްޓަރަކު އުޅުއްވި ކަމަށް ދެކެވުނު ވާހަކަ ކަމުގައިވާނަމަ އެ ވާހަކަވެސް ތިލަވީ މުލީއާގޭގެ ތެރެއިންނެވެ. އަދި އެ މައުލޫމާތުވެސް ނޫސްވެރިން ހޯދީ ހަމަ މަނިކުފާނުގެ ގަނޑުވަރުގެ ތެރެއިންނެވެ. ކޮސްޓާ ކޮފީއިން ފަންޑުކޮށްގެން ޕަލަސްތީނާއި ލުބުނާނުގެ ނިކަމެތި އާންމުން ޔަހޫދީ ނިރުބަވެރި އިސްރާއިލުން މަރަމުންދާ އިރު، އެ ހަނގުރާމައަށް މަނިކުފާނު ފައިސާ ދިންކަމީ އެއީ ނޫސްވެރިންގެ މައްސަލައެއްވެސް ނޫނެވެ.

އަދި މަނިކުފާނުގެ އާއިލީ ގުޅުންތަކުގެ ވާހަކަ ދައްކަވާނަމަ ނުވަތަ އެހެން ބައެއްގެ އާއިލީ ގުޅުމަށް ބުރޫ އަރާ ވާހަކަ ދައްކަވާނަމަ، އެކަންވެސް ތިލަކޮށް އެއީ ކޮން ވާހަކައެއްކަން ވިދާޅުވުމުން އެކަންކަން ސާފުވާނެއެވެ. ރަށު ބޭރުންދާ އޮޑިއެއްހެން އަދި ވަޑައިގެންނެވިޔަސް ކަމުނުދާނެއެވެ. ނޫސްވެރިން ދެއްކި ވާހަކައެއް ނުވަތަ ހެދި ދޮގެއް އަދިވެސް މަނިކުފާނަށް ވިދާޅެއް ނުވެއެވެ. ފޮތުގެ ފިހުރިސްތުހެން ވާހަކަތައް އަމުނާލުމަކުން އަދި ވާކަށްވެސް ނެތެވެ.

މި ބާވަތުގެ ޖަރީމާތަކުގެ ތެރެއިން ހަމައެކަނި ދޮގުހެދުމާއި، ދޮގު ޚަބަރުފެތުރުމަށް ބަލައިލިޔަސް، އެ ދެއްކެނީ އަދުގެ ދިވެހި މުޖުތަމަޢުގައި މޫލައިފައި އޮތް ބޮޑު ހަލާކެއްގެ ވާހަކަ. ދޮގާއި، އާޑަފުރައްސާރަޔާއި، ނެތިނުބައިކިޔުމުގެ ބާޒާރުގައި، އެތައް ބަޔަކު އަވަދިނެތި އެބައުޅޭ. ލިބޭ ވަގުތީ ދުނިޔެވީ މަންފާއަކަށް، ކުޑަ ލާރިކޮޅަކަށް މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ހިންގޭއިރު، އެ ކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ވަޒަންކޮށްލުމުގެ ހެޔޮ ވިސްނުން ހަމަ ނާންނަނީބާ؟ އެއީ، މުޖުތަމަޢަށް ލެވޭ ކިހާވަރެއްގެ ނުބައި ޒަހަރެއްކަން އެ މީހުން ހަމަ ނުދަންނަނީބާ؟ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ދީނީ އަޚްލާޤީ އިޖުތިމާޢީ މިންގަނޑުތައް ފުނޑުފުނޑުކޮށް، ފަނާކޮށްލަން ބައިވެރިވުމާއި، އެ ކަންކަމުން ނިކުންނާނެ ނުބައި ނަތީޖާ، އެފަދަ މީހުންނަށް ހަމަ ނުވިސްނެނީބާ؟ މުޅި ޤައުމުގެ އަޚްލާޤީ ފޭރާން އިންދިރާސްކޮށްލުމަކީ ކޮންފަދަ ބޮޑު އިހާނަތެއްތޯ؟ ކޮން ފަދަ ބޮޑު ޚިޔާނަތެއްތޯ؟

މަނިކުފާނެވެ. ތިޔަ ވިދާޅުވާ ދޮގު ހަބަރައި ދޮގު ވާހަކަ ނުފަތުރައެވެ. ހާމަކަން ކުޑައީ ސަރުކާރުގެއެވެ. މަނިކުފާނުގެ ވެރިކަމުގައެވެ. މަނިކުފާނުގެ ކޮއިލުގެ ތެރޭގައެވެ. އެވާހަކަތައް ހާމަކުރަނީ ނޫސްވެރިންނެވެ. އަދި ނޫސްވެރިން އެކަން ކުރާނެއެވެ. ނޫސްވެރިންގެ ޒިންމާއަކީއެއީއެވެ. މަނިކުފާނު އަދި ކިތައްމެވަރަކަށް ޕާޓީކުދިންނާއި އޮފީސްތެރޭގައި އުޅޭ ކުދިންނަށް ފައިސާ ދީގެން ނޫސް ހިންގާ ސަނާކިޔަސް، މަނިކުފާނުގެ ފައިސާއާއި އަދި އިޝާރާތަށް ނުނަށާނެ ނޫސްވެރިންނާއި ނޫސްތަައް ހުންނާނެއެވެ. ހަޖަމް ކުރަން ކިތައްމެ ދައްޗަށް މި ހަގީގަތް ގަބޫލުކުރާށެވެ. ފައިސާއާއި ނުފޫޒުން ނުގަނެވޭނެ ކިތައްމެ އެއްޗެއް ހުންނާނެއެވެ.

ނޫސްވެރިންގެ ދޮގު ހަދާކަމަށް ވިދާޅުވެ މަނިކުފާނު ނޫސްވެރިންނަށް ހިތުހުރިޒާތަކަށް މުހާތަބުކުރައްވާ ފާޑުވިދާޅުވީ ދޮގު ހަދާކަމަށް ވިދާޅުވެއެވެ. އަދި އެކަމާއި ގުޅުވީ ދީނާއެވެ. މަނިކުފާނެވެ. ރަނަގަޅު ވާހަކައެވެ. ދޮގު ހެދުން ގޯހެވެ. ނަމަވެސް މަނިކުފާނު ހެއްދެވި ދޮގުތައް ލިޔެ އަދިވެސް ކޮޅުން ނުލައެވެ. މަނިކުފާނު ދޮގުމައްޗަށް ދޮގު ހައްދަވާފައި ގޮސް އެހެން މީހުން ދޮގު ހަދާކަމަށް ވިދާޅުވީމަ އެ ގޮވެނީ ގުދޯގުދޯއެވެ.

މަނިކުފާނު ހެއްދެވި ބައެއް ދޮގުތައް އަދިވެސްއެއްފަހަރު ލިޔެލާނަމެވެ. ހުސްގޮނޑި މިއީ ލިސްޓުގެ އެންމެ ކުރިއެވެ. ރައީސް ޔާމީން މިނިވަންކުރުމާއި، އިންޑިއާ ސިފައިން ބޭރުކުރުމާއި، ގެއްލުނު ކަނޑު ހޯދުމާއި، ލިބިފައި އޮތްތަނަކުން ބޯހިޔާވަހިކަން ދިނުމާއި، ބްރިޖުން ބައެއް ގެއްލުނު ވާހަކައާއި، ރަސްމާލެ ޓާމިނަލްއާއި މިއީ މަނިކުފާނު އުފަންކުރި، ފަތުރަމުންދާ ދޮގުތަކުން ބައެކެވެ.

މަނިކުފާނުގެ ސަބަބުން ދޮގާ މަކަރު ހެދުން އެއީ މިއަދު ގައުމީ ރުކުނަކަށް ވެއްޖެއެވެ. މަނިކުފާނުގެ ރޯލް މޮޑެލްއަކީ ވެސް ހަމައެފަދަ ބޭފުޅުންނެވެ. ވައްކަން، ހުތުރު އެއްޗެހި ކިއުން އެއީ ތިޔަ ސަގާފަތުގެ ސުންނަތެވެ. އަދި ނުވިތަނަކަށް ނޫސްވެރިންނަކީ މުނާފިގުންކަމަށް މަނިކުފާނު ލޭބަލްކުރުމުން، ނޫސްވެރިއެއްގެ ހައިސިއްޔަތުން ބުނެލާނަމެވެ. މަނިކުފާނުގެ ވައުދުފޮތުގައިވަނީ ހުސް ކުރައްވާނެކަމަށް ވެވަޑައިގެންނެވި ވައުދުތަކެވެ. ނުފުއްދި ދޮގަށްވެފައިވާ ވައުދުތަކެވެ. ވެރިކަމަށް ވަޑައިގެން ނޫސްވެރިންނާއި ގާތުން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވި އިރު، ނޫސްވެރިންނާއި ބައްދަލުނުކުރާތާ އަހަރު ވަނީއެވެ. މިއީ ހުސް ދޮގެވެ. މަދީނާގެ މުނާފިޤުންނާއި ދިވެހި ނޫސްވެރިންނާއި އެއްވަރުކުރާނަމަ، އެ މުނާފިގުންގެ ލިސްޓުގެ ކުރީގެ މަނިކުފާނުގެ ނަން ރަންއަކުރުން ނުލިޔެވޭނެ އެއްވެސް ގޮތެއް ނެތެވެ.

- ކޮމެންޓް