ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 19:11
މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
އެމްޑީޕީ
އެމްޑީޕީގެ ވެރިކަން
އެމްޑީޕީ ނޫން ބަޔަކަށް ވެރިކަން ދޭ ކޮންމެ ފަހަރަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ހެދުނީ ގޯހެއް ކަމަށް ދިވެހިން ޤަބޫލުކުރޭ - މައުރޫފް
އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ހެޔޮ ކަންކަން ފެނި އާއްމުން ދެން އަންނަ ބަޔަކު ވެސް ރަނގަޅުވާނެ ކަަމަށް ހީކުރާ ކަމަށް އޭނާ ވިދާޅުވި
ވެރިކަމުގައި ތިބި މީހުން ވައުދު ނުފުއްދާ ނަމަ ޖަވާބުދާރީކުރުވަން ނުކުންނަން ޖެހޭ ކަމަށާއި އެ ނޫން ގޮތަކަށް ރާއްޖެ ރަނގަޅު ނުވާނެ ކަމަށް މައުރޫފް ވަނީ ވިދާޅުވެ

އެމްޑީޕީ ނޫން ބަޔަކަށް ވެރިކަން ދޭ ކޮންމެ ފަހަރަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ހެދުނީ ގޯހެއް ކަމަށް ދިވެހިން ޤަބޫލުކުރާ ކަމަށް ޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ހެޔޮ ކަންކަން ފެނި އާއްމުން ދެން އަންނަ ބަޔަކު ވެސް ރަނގަޅުވާނެ ކަަމަށް ހީކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެހެން ބަޔަކަށް ފުރުސަތު ލިބޭ ކޮންމެ ފަހަރަކު އާއްމުން މާޔޫސްކުރުވާ ފަދަ އެތައް ކަމެއް ކުރަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ އެމްޑީޕީ މެމްބަރުން މިއަދު އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ފާހަގަކުރައްވާފައެވެ. އެމްޑީޕީގެ ވެރިކަމަށް އަހަރެއްވީ އިރު އާއްމުންނަށް ފައިދާވާނެ އެތައް ސިޔާސަތެއް އެކުލަވާލެވުނު ކަމަށް މައުރޫފްވަނީ ވިދާޅުވެފައެވެ. އެގޮތުން މަސައްކަތްތެރިންނަށް ކުރިއެރުން ލިބޭނެ ފަދަ ނިންމުންތައް ޕޮލިސީ ލެވެލްގައި އޭރު ދިޔައީ ނިންމަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

2023ގެ ރިޔާސީ އިންތިޚާބުގައި މުއިއްޒު އަށް ވޯޓު ނުދޭން އެމްޑީޕީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަން މިއަދުވެސް އެމްޑީޕީގެ ރައްޔިތުން ހަނދާން ބަހައްޓަން ޖެހޭ ކަމަށް މައުރޫފް ވިދާޅުވިއެވެ. ނަމަވެސް މިއަދު އެމްޑީޕީން މާޔޫސްވުމުގެ ބަދަލުގައި ޕާޓީ އިތުރަށް ވަރުގަދަކޮށް ޕާޓީގެ ޖަގަހަތައް ފުރާލަން ޖެހޭ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން ދަނީ ޤާނޫނު އަސާސީން ދީފައިވާ އަސާސީ ހައްގުތައް ވެސް ފުންޑާލަމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދިވެހި ރައްޔިތުން މ،ި ގޯސް ކިތަންމެ ފަހަރަކު ހައްދަވައިފި. ދެން ނުހައްދަވާތި. މި ރާއްޖޭގާ އެމްޑީޕީ ނޫން ބަޔަކަށް ދިވެހި ރައްޔިތުންނަށް ހެޔޮ އެދޭ ވެރިކަމެއް ނުކުރެވޭނެ. މިކަންކަމާ ދޭތެރޭ ވިސްނަން ޖެހޭ.
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

5 އަހަރުކޮށްފަ ވެރިކަން ބަދަލުކުރުމަކީ ގައުމު ރަނގަޅުވާނެ ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް މައުރޫފް ވިދާާޅުވިއެވެ. ވެރިކަމުގައި ތިބި މީހުން ވައުދު ނުފުއްދާ ނަމަ ޖަވާބުދާރީކުރުވަން ނުކުންނަން ޖެހޭ ކަމަށާއި އެ ނޫން ގޮތަކަށް ރާއްޖެ ރަނގަޅު ނުވާނެ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.

މައުރޫފް ވަނީ އެމްޑީޕީ ވެރިކަން ނިމުނުތާ އެއް އަހަރު ވެގެން ދިޔަ އިރު ކަންކަން ހިނގާ ގޮތް ރަނގަޅު ނޫން ކަމަށް ފާހަގަކުރައްވާ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުން މިއަދު ތިބީ މާޔޫސްކަމުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް