Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2025 | އާދީއްތަ 02:01
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އެމްޑީޕީ
"އެމްޑީޕީ އަކީ މިނިވަން ޚިޔާލުގެ ބައެއް، މުއިއްޒުގެ ހިފެހެއްޓުމާއި ކޮންޓްރޯލްކުރުން ބަލައިނުގެނެވެނީ އެހެންވެ: ސަނީފް
ސުޕްރީމްކޯޓުގެ ބާރުވެރިކަން އެއްކޮށް ކަނޑުވާލީ ވެސް އެންމެ ހަފްތާ އެއްހާ ދުވަސްތެރޭގައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ
މި ސަރުކާރުން ވަނީ އާއްމު ރައްޔިތުން އިންތިހާ އަށް ނިކަމެތިކޮށްލާފައި
ރައީސް މުއިއްޒުގެ އަނިޔާވެރިކަން ހުއްޓުވޭނީ ރައްޔިތުން ނުކުމެ ބަސް ބުނެގެން ކަމަށް ސަނީފް ވިދާޅުވި

އެމްޑީޕީ އަކީ މިނިވަން ޚިޔާލުގެ ބައެއް ކަމަށާއި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހިފެހެއްޓުމާއި ކޮންޓްރޯލްކުރުން ބަލައިނުގަނެވެނީ އެހެންވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމުކުރި "ޕިކަޕް ޖަލްސާ"ގައި ވާހަކަދައްކަވަމުންނެވެ.

މި ސަރުކާރުން ވަނީ އާއްމު ރައްޔިތުން އިންތިހާ އަށް ނިކަމެތިކޮށްލާފައި ކަމަށް ސަނީފް ވިދާޅުވިއެވެ. ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމުގައި ފަރުދުންގެ ޒިންމާ މިއަދި އިންތިހާ އަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ހުރި ވެރި މީހާ އަކީ އިންތިހާ އަށް އަނިޔާވެރި ވެރި އެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. އަދި ދޮގުހެދުމާއި އޮޅުވާލުމާއި މަކަރު ހެދުމަކީ މި ސަރުކާރުގެ އާދައަކަށް ހަދާފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

"ހިތުހުރި ގޮތަކަށް ވެރިން ކަންކަން ކުރި މަންޒަރު ދިވެހިން ދެކެފި. އެމްޑީޕީން ނުކުމެ ރައްޔިތުންނަށް ހޯދާދިނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން. އެއަށް ފަހު ޕީޕީއެމް ޕީއެންސީގެ ކޮންމެ ވެރިކަމެއްގައި ހީލަތްތެރި ގޮތެއްގައި އެކަން ނިގުޅައިގަތުމަށް މަސައްކަތްކުރަމުންދާ މަންޒަރު ފެނިގެންދިޔައީ." އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީސް ވެސް މި ސަރުކާރުން ވަނީ ފުނޑުފުނޑުކޮށްލާފައި ކަމަށާއި ސުޕްރީމްކޯޓުގެ ބާރުވެރިކަން އެއްކޮށް ކަނޑުވާލީ ވެސް އެންމެ ހަފްތާ އެއްހާ ދުވަސްތެރޭގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އަނިޔާވެރިކަން ހުއްޓުވޭނީ ރައްޔިތުން ނުކުމެ ބަސް ބުނެގެން ކަމަށް ވެސް ސަނީފް ވިދާޅުވިއެވެ. މިއީ މިނިވަން ނޫސްވެރިކަމާއި ޚިޔާލު ދިފާއުކުރުމަށް ނުކުންނަންވީ ވަގުތު ކަމަށް ސަނީފް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް