Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2025 | ހޮނިހިރު 20:49
އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ޣައްޒާ ސިޓީގެ މުޝްތަހާ ޓަވަރު ގޮއްވާލަނީ - ސެޕްޓެމްބަރު 5، 2025
އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ޣައްޒާ ސިޓީގެ މުޝްތަހާ ޓަވަރު ގޮއްވާލަނީ - ސެޕްޓެމްބަރު 5، 2025
ގެޓީއިމޭޖަސް
ޣައްޒާ ހަނގުރާމަ
އިސްރާއީލުން ޣައްޒާ ސިޓީގެ އިތުރު ރެސިޑެންޝަލް ޓަވަރެއް ހޮނިހިރު ދުވަހު ގޮއްވާލައިފި
ޣައްޒާގެ އުސް އިމާރާތްތަކަށް އިސްރާއީލުން ދޭ ހަމަލާތައް ވަރުގަދަ ކުރަމުން ގެންދާއިރު، އިސްރާއީލުން މަޖުބޫރު ކުރަނީ ޣައްޒާ ސިޓީގެ ރައްޔިތުން މަޖުބޫރުން އެހެން ސަރަހައްދަކަށް ދިއުމަށެވެ. އެހެން ނަމަވެސް ޣައްޒާގެ ރައްޔިތުން ބުނަނީ އެތާ ތިބުމެކޭ އެހެން ތަނަކަށް ދިއުމެކޭ އެމީހުންނަށް އެއްވެސް ތަފާތެއް ނެތް ކަމުގައެވެ.

އިސްރާއީލުގެ ހަމަލާއަކުން ހޮނިހިރު ދުވަހު ޣައްޒާ ސިޓީގައި ހުރި އުސް އިމާރާތެއް ބިމާ ހަމަކޮށްލައިފިއެވެ. މިއީ ދެ ދުވަހުގެ ތެރޭގައި ދިން މިފަދަ ދެވަނަ ހަމަލާއެވެ.

އުސް އިމާރާތްތަކަށް ހަމަލާ ދެމުން އިސްރާއީލުން ވަނީ ޣައްޒާ ސިޓީގައި ދިރިއުޅޭ އެންމެން އެ ސަރަހައްދުން ނުކުމެގެން ދިއުމަށް އިންޒާރު ދީފައެވެ.

އިސްރާއީލުން ވަނީ ވޭތުވެދިޔަ ހަފްތާތަކުގައި މި ސަރަހައްދުގެ އެންމެ ބޮޑު އާބާދީ ދިރިއުޅޭ ސަރަހައްދަށް އައު ހަމަލާތަކެއް ދޭނެ ކަމަށް އިންޒާރު ދީފައެވެ. އެހެން ނަމަވެސް އެ ބުނާ ހަލާތައް ދޭނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

މި ސަރަހައްދަށް ވައިގެ ހަމަލާތައް އިތުރުކޮށް، ސިޓީގެ ބޯޑަރު ސަރަހައްދުގައި އަސްކަރީ ހަމަލާތައް ވަނީ އިތުރުކޮށްފައެވެ. ކުރިން ދީފައިވާ ހަމަލާތަކުގެ ސަބަބުން ހާލަތު ވަރަށް ބޮޑަށް ގޯސް ވެފައިވާ ޣައްޒާ ސިޓީ އަށް އިތުރު ހަމަލާތައް ނުދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އިސްރާއީލަށް ގޮވާލަމުން ގެންދިޔަ ނަމަވެސް އެކަމަށް އިސްރާއީލުގެ ވެރިން އެއްވެސް ފަރުވާލެއް ބަހައްޓާފައެއް ނުވެއެވެ.

ހޮނިހިރު ދުވަހު، އިސްރާއީލުު ސިފައިން ބުނީ ޣައްޒާ ސިޓީގެ އުސް އިމާރާތަކަށް ހަމަލާދިންކަމަށެވެ. އެ އިމާރާތުގައި ހަމާސްގެ ޓެރަރިސްޓުން އިންޓެލިޖެންސް އެއްކުރުމުގެ އާލާތްތަކާއި، އިސްރާއީލު ސިފައިން ގެ ހަރަކާތްތައް މޮނިޓަރ ކުރުމަށް މަރުކަޒުތައް ޤާއިމުކޮށްފައިވާ ކަމަށް ބުނެއެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުގައި މި އިމާރާތަކީ އަލް-ސޫސީ ރެސިޑެންޝަލް ޓަވަރެވެ. އަދި އެ އިމާރާތް ވަނީ ފުނޑުފުނޑުވެފައެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ހިއްސާކުރި ވީޑިއޯގައި ދައްކާގޮތުން، ގާތްގަނޑަކަށް 15 ބުރީގެ އިމާރާތް ވަނީ ބޯ ދުމާއި އަޅިތަކުގެ ތެރެއިން ބިމާ ހަމަވެފައެވެ.

"އަހަރެމެން ކުރިއަށް ދަނީ،" ކަޓްޒް ވަނީ މި ޕޯސްޓުގައި ބުނެފައެވެ. އޭނާ ވަނީ މީގެ ކުރީ ދުވަހު އެހެން އުސް އިމާރާތެއް ގޮއްވާލި ވީޑިއޯއެއްވެސް ޙިއްސާ ކޮށްފައެވެ.

އިސްރާއީލު ސިފައިން ބުނެފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހަމާސް އިން ބޭނުން ކުރާކަމަށް ބެލެވޭ އިމާރާތްތަކަށް، ޚާއްޞަ ކޮށް އުސް އިމާރާތް ތަކަށް ހަމަލާ ދޭނެ ކަމަށެވެ. އަދި ހޮނިހިރު ދުވަހު އެހެން އުސް އިމާރާތަކަށް ވެސް ވަނީ ހަމަލާދޭނެ ކަމުގެ އިންޒާރުދީ، އެތަނުން ނުކުމެ ދެކުނުގެ ސަރަހައްދަށް އާންމުން ދިއުމަށް އަންގާފައެވެ.

ސިފައިންގެ ތަރުޖަމާނު ކުރިން ބުނެފައި ވަނީ ސިޓީގެ ރައްޔިތުން ދެކުނު ސަރަޙައްދުގެ ކަނޑުގެ އައްސޭރީގައި އޮންނަ އަލް-މަވާސީ އަށް ދިއުމަށެވެ.

"މިހާރުވެސް އެތަނަށް ގޮސްފައިވާ އެތައް ހާސް މީހުންނާ ގުޅުމަށް، "ހިއުމެނިޓޭރިއަން ސަރަހައްދަށް" (އަލް-މަވާސީއަށް) ދިއުމުގެ ފުރުސަތު ބޭނުން ކުރޭ،" އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު އަވިޗައި އަދްރައީ ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

އިސްރާއީލުން ވަނީ ހަނގުރާމައިގެ ކުރީކޮޅު އަލް-މަވާސީ އަކީ ރައްކާތެރި ސަރަހައްދެއް ކަމަށް އިއުލާންކޮށްފައެވެ. ނަމަވެސް އާންމުންގެ ތެރޭގައި ހަމާސް ގެ ހަނގުރާމަވެރިން ފޮރުވިގެން އުޅޭ ކަމަށް ބުނެ އެތަނަށް ތަކުރާރުކޮށް ހަމަލާދީފައިވެއެވެ.

ޣައްޒާ ސިޓީގެ ރައްޔިތުން ބުނާގޮތުގައި އެމީހުން ތިބިތާ ތިބުމާއި އެހެން ސަރަހައްދަކަށް ދިއުމުގައި މާބޮޑު ތަފާތެއް ނެތެވެ.

އދ. ގެ އަންދާޒާ ގައި، ޣައްޒާ ސިޓީ އާއި އެތަނުގެ ވަށައިގެންވާ ސަރަހައްދުތަކުގައި ގާތްގަނޑަކަށް އެއް މިލިއަން މީހުން އަދިވެސް ދިރިއުޅެއެވެ. މިއީ ވޭތުވެދިޔަ މަހު ހައިހޫނުކަން އިއުލާނު ކުރި ސަރަހައްދެވެ. އިސްރާއީލުގެ ހަމަލާތައް ކުރިއަށް ގެންދާނަމަ އިންސާނީ "ކާރިސާއެއް" ކުރިމަތިވެދާނެ ކަމަށް ބުނެ އދ. އިން އިންޒާރުދީފައި ވެއެވެ.

ދެ މިލިއަނަށްވުރެ ގިނަ އާބާދީ އޮތް ޣައްޒާގެ ގިނަ ރައްޔިތުން ވަނީ މި ހަނގުރާމައިގައި މަދުވެގެން އެއްފަހަރު ނަމަވެސް ހިޖުރަކުރަން ޖެހިފައެވެ.

- ކޮމެންޓް