މި އަހަރުގެ އޮގަސްޓް މަސް ނިމުނު އިރު ތަރައްގީގެ މަޝްރޫއުތަކަށް 3.9 ބިލިއަން ޚަރަދު ކުރި އިރު މުސާރަ އާއި އުޖޫރަ އަށް 9.4 ބިލިއަން ޚަރަދު ކޮށްފި ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ އެންމެ ފަހުގެ ހަފްތާގެ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ހާމަ ވެއްޖެއެވެ.
2025 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ސަރުކާރުގެ މާލީ ހިސާބުތަކުން 534.6 މިލިއަން ރުފިޔާގެ ސަރޕްލަސްއެއް ދައްކާ ކަމަށް ފެންނަނީ، ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނޭ ކެޕިޓަލް ޚަރަދުތައް ކުރުން ބޮޑު ތަނުން މަޑުޖައްސާލާފައިވާތީ ކަން ފާހަގަ ކުރެވެއެވެ.
އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީ 25.3 ބިލިއަން ރުފިޔާ ގައި ހުރިއިރު، ޚަރަދު 24.8 ބިލިއަން ރުފިޔާ އަށް އަރާފައިވެއެވެ.
ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 19.7 ބިލިއަން ރުފިޔާ އަށް އަރާފައި ވާއިރު، ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސްގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.4 ބިލިއަން ރުފިޔާ ރެކޯޑް ކުރެވިފައި ވަނީ މައިގަނޑު ގޮތެއްގައި ފީތަކާއި، ޗާޖުތަކާއި، ރިސޯޓު ކުލީގެ ސަބަބުންނެވެ.
ޚަރަދުގެ ގޮތުން ބަލާއިރު، ރިކަރަންޓް ޚަރަދު 21.7 ބިލިއަން ރުފިޔާ އަށް އަރާފައި ވަނީ މައިގަނޑު ގޮތެއްގައި މުސާރައާއި، އުޖޫރައާއި، ޕެންޝަންގެ ގޮތުގައި ޖުމްލަ 9.4 ބިލިއަން ރުފިޔާ ހޭދަކުރެވިފައިވާތީއެވެ. ނަމަވެސް، ކެޕިޓަލް ޚަރަދު ވަނީ، 3.1 ބިލިއަން ރުފިޔާގަ އެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރެވުނު 7.3 ބިލިއަން ރުފިޔާގެ ދެބައިކުޅައެއްބަޔަށް ވުރެ ދަށް އަދަދެކެވެ. މި ދަށްވުން އައިސްފައި ވަނީ މައިގަނޑު ގޮތެއްގައި އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް ކުރާ ޚަރަދުތައް މަޑުޖައްސާލުމުގެ ސަބަބުންނެވެ.
ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން، ފާސްކުރެވިފައިވާ 12.4 ބިލިއަން ރުފިޔާގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ބޭނުން ކުރެވިފައި ވަނީ އެންމެ 3.9 ބިލިއަން ރުފިޔާއެވެ.