ކ. މާލެ
|
4 ސެޕްޓެންބަރ 2025 | ބުރާސްފަތި 13:25
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
މަގޭ ރިޕޯޓް
ހުސް ވަގުތު ގިނަވެގެން އުޅުއްވާ ރައީސް މުޢިއްޒު
ރަނގަޅަށް ވެރިކަން ހިންގަން ނޭނގި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި އުދާސްތައް ނޭނގި، ތިޔަހެން ހުސް ވަގުތު ގިނަ ވެގެން އުޅޭ ރައީސަކަށް މި ދުނިޔޭގައި ހުންނެވީ މަނިކުފާނު އެކަނި ތޯއްޗެކެވެ. އެހެން ރައީސުން އުޅުއްވަނީ ޤައުމުގައި ހުރި މައްސަލަތައް ޙައްލު ކުރަން ބޭނުން ވެގެންނެވެ. އެކަމަކު މަނިކުފާނު ތިޔަ އުޅުއްވަނީ އެއް ޤައުމުން އަނެއް ޤައުމުގަ އެވެ.

ޤައުމު ތަކުގެ ރައީސުންނަކީ ވަރަށް ޒިންމާ ބޮޑު، އަދި އެހާމެ ބޮޑު މަސްއޫލިއްޔަތެއް ވެސް އޮންނަ ބައެކެވެ. ރައްޔިތުންގެ ވޯޓުން ވެރިކަމަށް ވަޑައިގަންނަވާއިރު، ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ ރައްޔިތުންގެ ޓެކްސް ފައިސާ އިން އެ ބޭފުޅަކަށް ޚަރަދު ހިނގާ ބޭފުޅެކެވެ.

މި ފަހުން ރައީސް މުޢިއްޒު ވަޑައިގެންނެވީ ޗައިނާ އަށެވެ. ޗައިނާގައި ކުރިއަށް ދިޔަ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ގެ ސަމިޓުގައި ބައިވެރިވުމަށެވެ. އެކަމަކު، ރާއްޖެ އަކީ އެ ސަމިޓުގެ ފުރިހަމަ މެމްބަރު ޤައުމެއް ނޫނެވެ. ރާއްޖެ އަކީ އެ ސަމިޓުގައި ޑައިލޮޓް ޕާޓްނަރުގެ ގޮތުގައި އޮތް ޤައުމެކެވެ.

އެކަމަކު، އެ ވާހަކަ ދައްކާކަށް ނޫނެވެ. ޗައިނާ އަށް ވެސް ދާންވީ އެވެ. މެލޭޝިޔާ އަށް ވެސް ދާންވީ އެވެ. އިނގިރޭސިވިލާތަށް ވެސް ދާންވީ އެވެ. ދުނިޔޭގައި ނަން ހުރިއްޔާ، ހުރި ޤައުމަކަށް ދާންވީ އެވެ. ރަސްމީއެއް ނުރަސްމީއެއް ކިޔާނެ ކަމެއް ނެތެވެ. އުމުރުގައި ތަން ހުރިއްޔާ، އަދި ދައުރުގައި ދުވަސް އޮތަތީ، ހޭވައްޓާލާފައި ދަތުރު ކުރާށެވެ.

ސުވާލަކީ، ރައީސް މުޢިއްޒު އަކީ އެހާ ހުސް ވަގުތު ގިނަ ބޭފުޅެއް ހެއްޔެވެ؟ މިހެން ވެސް މި ބުނީ ސަބަބެއް އޮތީމަ އެވެ. މި ޤައުމުގައި ލައްކަ ގިނަ ކަންކަން އެބަ ހިނގަ އެވެ. ސަރުކާރުން ސްޕޮންސާ ކޮށްފައި އޮތް ބިލެއް ހުށަހަޅައިގެން ނޫސްވެރިންގެ ކަންބޮޑުވުމެވެ. ކުރީ ސަރުކާރުން ދީފައިވާ ފްލެޓުތައް މި ސަރާރުން ނުހައްގުން ނިގުޅައި ގަނެފައިވާތީ، އެކަމާ ދެކޮޅަށް ބުދަ ދުވަހު ވެސް އާންމުން މުޒާހަރާ ކޮށްފި އެވެ.

ކުންފުނިތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީ އޮވެގެން، ކުންފުނި ތަކުގެ ކަންބޮޑުން ވެސް އޮތީ އެވެ. އެކަމުގެ ވާހަކަ ވެސް އެއޮށް ދައްކަނީ އަމަށެއް ނެތި އެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ތަކެތީގެ އަގު މައްޗަށް ގޮސް، ރައްޔިތުން ބިކަ ވަނީ އެވެ. ކަރަންޓު ބިލާއި، ފެން ބިލުގެ އޮތް ބޮޑެތި އަދަދު ދައްކައި ދައްކައި، ރައްޔިތުން ހަނާ ވެއްޖެ އެވެ.

މި ހުރީ ހައްތަހާ ވެސް ޤައުމުގައި އޮތް މައްސަލަ އެވެ. މިއީ އަދި މަދު މިންވަރެކެވެ. މި ހުރިހާ ކަމެއްގެ ކަންބޮޑުވުމާ އެކު ރައްޔިތުން ޝަކުވާ ކުރަމުން އަންނައިރު، ރައީސް މުޢިއްޒު އެ ވަޑައިގެންވީ ޗައިނާ އަށެވެ. މާ ބޮޑު ކަންތައްތަކެއް ޤައުމަށް ޙާސިލުވީ ދަތުރެއް ވެސް ނޫނެވެ. ޗައިނާގެ ވިކްޓްރީ ޑޭގެ ޕެރޭޑު ބައްލަވާލައްވައި، މަޖާ ކޮށްލެއްވުމަށެވެ. އެހެރަ އުޅުއްވަނީ ޚިޔާލެއް ފިކުރެއް ވެސް ނެތި އެވެ.

ޗައިނާ އަށް ވަޑައިގެންނެވި އެހެން ބައެއް ލީޑަރުން އެނބުރި ޤައުމަށް ވަޑައިގެންނެވިއިރު، ރައީސް މުޢިއްޒު ހުންނެވީ ޗައިނާގައި ބަނޑަހަ ޖައްސަވައިގެންނެވެ. ޗައިނާ ވަށައި ބުރު ޖެއްސުވުމާއި، ޗައިނާގައި ހުރި ތަންތަން ބެއްލެވުމުގައި ރައީސް މުޢިއްޒު އުޅުއްވައިފި އެވެ. ރައީސް މުޢިއްޒު އަަށް މާ ބޮޑަށް ހުސް ވަގުތު ގިނައީ އެވެ. އެމަނިކުފާނަށް ހީފުޅުވާ ކަހަލަ އެވެ. ވެެރިކަމަށް އައުމާ އެކު ލިބިގެން މި އުޅެނީ ދުނިޔެ ވަށައި ބުރު ޖެއްސެވުމުގެ ޓިކެޓެކެވެ.

ޗައިނާ އަށް ވަޑައިގެން "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވި ވާހަކަ ވެސް ވަރަށް ހެއްވަ އެވެ. ޤައުމު ކިތަންމެ ކުޑަ ނަމަވެސް، އަޑު އިއްވުމުގެ ފުރުސަތު އޮންނަ ކަމަށް ވިދާޅުވީތީ އެވެ. އަޅުގަނޑު ހިތަށް އެރި އެވެ. ރައީސް މުޢިއްޒު މިއީ އެ ވާހަކަ ދައްކަވަން އެންމެ އައުލާކަން ބޮޑު ބޭފުޅާ ހެއްޔެވެ؟ ހިތަށް ނާރަންވީ ސަބަބެއް ނެތެވެ.

މިނިވަން މީޑިއާގެ އަޑު ކަނޑުވާލައި، މީޑިއާތައް ނައްތާލުމަށް ރައީސް މުޢިއްޒު އާއި ސަރުކާރުން ބޭނުން ވެގެން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވުމަށް ފަހު، ބޭރުގެ ޤައުމު ތަކަށް ވަޑައިގެން ރައީސް މުޢިއްޒު މި ދައްކަވަނީ އަދި ހަމަ ޖެހޭ ވާހަކައެއް ނޫނެވެ. އެއީ އަމުދުން ދެކޮޅު ވެސް ޖެހޭ ވާހަކައެއް ނޫނެވެ. ރައީސް މުޢިއްޒު އަކީ، އަޑު އިއްވުމުގެ ވާހަކަ ދައްކަން ފުރުސަތު އޮތް ބޭފުޅެއް ނޫނެވެ.

ރައީސް މުޢިއްޒު އެވެ. ތިޔަހާ ހުސް ވަގުތު ގިނަ ވެގެން ތިޔަ އުޅުއްވަނީ ޤައުމުގައި ކަމެއް ނެތިގެނެއް ނޫނެވެ. ރަނގަޅަށް ވެރިކަން ހިންގަން ނޭނގި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި އުދާސްތައް ނޭނގި، ތިޔަހެން ހުސް ވަގުތު ގިނަ ވެގެން އުޅޭ ރައީސަކަށް މި ދުނިޔޭގައި ހުންނެވީ މަނިކުފާނު އެކަނި ތޯއްޗެކެވެ. އެހެން ރައީސުން އުޅުއްވަނީ ޤައުމުގައި ހުރި މައްސަލަތައް ޙައްލު ކުރަން ބޭނުން ވެގެންނެވެ. އެކަމަކު މަނިކުފާނު ތިޔަ އުޅުއްވަނީ އެއް ޤައުމުން އަނެއް ޤައުމުގަ އެވެ.

- ކޮމެންޓް