ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަލުން ފުރަތަމަ ޑިވިޝަން އަށް ގެނައުމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގާ ކޮމެޓީގައި ނެގި ވޯޓުގައި އެކަމާ ދެކޮޅަށް ދެ މެމްބަރަކު ވޯޓު ދީފި އެވެ.
ނިއު ރޭޑިއަންޓް އަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ދިނުމާ މެދު ގޮތެއް ނިންމުމަށް އެފްއޭއެމްގެ ހިންގާ ކޮމެޓީ އިން ނިންމީ މި ހަފުތާގެ އާދީއްތަ ދުވަހު އެވެ. އެއީ ފުރަތަމަ ޑިވިޝަންގައި ވާދަ ކުރަމުން އައި، ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) އިން ފުރަތަމަ ޑިވިޝަން އިން ވަކިވާން ނިންމުމުންނެވެ. ސަސްގެ ހިންގާ ކޮމެޓީ އިން އެ ނިންމުން ނިންމާފައި ވަނީ، އެ ކުލަބުގެ މާލީ ޙާލަތު ދަށްވެފައިވާތީ އެވެ.
އެގޮތުން 2025/2026 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޤަވާއިދުގެ ދެ ވަނަ ނަންބަރާއި، އެ ޤަވާއިދުގެ 12.2 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ޙާލަތު ދިމާވެފައިވާތީ، އެ ޤަވާއިދު ބަޔާން ކުރާ ގޮތުން މުބާރާތުން ވަކިވާ ކުލަބު ނިސްބަތްވާ ރީޖަނަލް ލީގުގެ ދެން އެންމެ ނަތީޖާ ރަނގަޅު ކުލަބަކަށް ފުރުސަތު ދިނުމާ މެދު އެފްއޭއެމް އިން ގޮތެއް ނިންމަމް ލާޒިމު ކުރެ އެވެ.
އެފްއޭއެމް އިން ބުނެފައި ވަނީ 2023 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމު އަދި ރަނައަޕް ޓީމު ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވެފައިވާތީ، އެ މުބާރާތުގެ ދެން އެންމެ ރަނގަޅު ނަތީޖާ ނެރެފައިވާ ޓީމަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކޮށްފައިވާ ނިއު ރޭޑިއަންޓާއި، ޓެން ސްޕޯޓްސް ކުލަބުން ނެރެފައިވާ ނަތީޖާތަކަށް ބިނާކޮށް، އެފްއޭއެމްގެ ކޮމްޕެޓިޝަން ކޮމެޓީ އިން، ސްޕޯޓްސް ކްރައިޓީރިއާ އަށް ބެލުމަށް ފަހު ނިއު ރޭޑިއަންޓަށް އެ ފުރުސަތު ދިނުމަށް އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ.
އެކި އެކި މަސްދަރު ތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ނިއު ރޭޑިއަންޓް އަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ދިނުމާ މެދު އެފްއޭއެމްގެ ހިންގާ ކޮމެޓީގައި ނެގި ވޯޓުގައިި، ހިންގާ ކޮމެޓީގެ ދެ މެމްބަރުން ވަނީ އެކަމާ ދެކޮޅަށް ވޯޓު ދީފަ އެވެ. އެއީ ހިންގާ ކޮމެޓީގައި ހިމެނޭ ޓީސީ ސްޕޯޓްސް ކުލަބުގެ އަޙުމަދު އައްބާސް އަދި ބީޖީ ސްޕޯޓްސް ކުލަބުގެ އަލީ ރިޒްވާން އެވެ. ހިންގާ ކޮމެޓީގައި ހިމެނޭ އެހެން މެމްބަރުން ވަނީ އެކަމަށް އެއްކޮޅަށް ވޯޓު ދީފަ އެވެ.
ހިންގާ ކޮމެޓީގައި ހިމެނޭ އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހިމް(ކައްޕި)ގެ އިތުރުން، އެފްްއޭއެމްގެ ނައިބު ރައީސް އަދި ވެމްކޯގެ މެނޭޖިން ޑައިރެކްޓަރު މުޖުތަބާ އަލީ (މުޖޭ) ބައްދަލުވުމުގައި ބައިވެރިވެފައި ނުވެ އެވެ. މި ދެ ބޭފުޅުން ބައްދަލުވުމުގައި ބައިވެރި ނުވެފައި ވަނީ، އެ ބޭފުޅުންގެ މަސްލަޙަތު ހިމެނޭ ކަމެއް ބައްދަލުވުމުގައި ނިންމަން އޮތީމަ އެވެ.
ކައްޕި އާއި މުޖޭ އަކީ ނިއު ރޭޑިއަންޓްގެ ސީނިއަރ ވައިސް ޗެއަރމަން އެވެ. ނިއު ރޭޑިއަންޓްގެ ވައިސް ޗެއަރމަން ކަމުގެ މަގާމަށް ކައްޕި އާއި މުޖޭ އިންތިޚާބު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އޮތް އެ ކުލަބުގެ ކޮންގްރެސްގަ އެވެ. އެ ކޮންގްރެސްގައި ނިއު ރޭޑިއަންޓްގެ ޗެއާމަން ކަމަށް އިންތިޚާބު ކޮށްފައި ވަނީ، އަޙުމަދު މުބީން އެވެ.
އެފްއޭއެމް އިން ނިއު ރޭޑިއަންޓް ސަސްޕެންޑު ކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. ބައެއް ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމް އިން އޭރު ނިއު ރޭޑިއަންޓް ސަސްޕެންޑު ކޮށްފައި ވަނީ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ ދެކޮޅަށް އެ ކުލަބުން މަސައްކަތް ކުރުމުންނެވެ.