ކަށި މިޔަރު ބާނަން ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ކުޅުދުއްފުށީ ރައްޔިތުން ގާތު ވިދާޅުވިއިރު، ހުއްދަ ދެއްވަން ވިދާޅުވި މިޔަރުގެ ވިޔަފާރި ބައިނަލް އަގްވާމީ ގޮތުން ކޮންޓްރޯލު ކުރުމަށް ވެސް ރާއްޖެއިން އޮތީ ތާއީދު ކޮށްފައި ކަން އެނގިއްޖެއެވެ.
މިޔަރުގެ ބައިނަލް އަގްވާމީ ވިޔަފާރި ކޮންޓްރޯލު ކުރުމަށް ރާއްޖެއިން ތާއީދު ކުރާ ކަމަށް ސައިޓީސްގެ ސެކްރެޓޭރިއަޓަށް ދިވެހި ސަރުކާރުން އަންގާފައި އޮތް ކަން އިތުބާރު ހުރި މަސްދަރަކުން މި ނޫހަށް ވަނީ ސާފުވެފައެވެ.
ދިވެހި ރާއްޖެ އަކީ ދުނިޔެއިން މަދުވަމުންދާ ބާވަތްތަކުގެ ދިރޭތަކެތީގެ ބައިނަލް އަގްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ މުއާހަދާ ކޮންވެންޝަން އޮން އިންޓަރނޭޝަންލް ޓްރޭޑް އިން އެންޑެންޖާރޑް ސްޕީޝީސް (ސައިޓީސް) ގެ ބައިވެރިޔެކެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ 24 އިން ޑިސެމްބަރު މަހުގެ 5 ށް އުޒްބަކިސްތާނުގެ ސަމަރުކަންދުގައި ސައިޓީސްގެ މެމްބަރުން ބައްދަލު ކުރާއިރު މިޔަރުގެ ގިނަ ބާވަތްތަކެއްގެ ބައިނަލް އަގްވާމީ ވިޔަފާރި ކޮންޓްރޯލު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެޖެންޑާގައި ވަނީ ހިމަނާފައެވެ.
މި މައްސަލަ އާ ގުޅޭ ގޮތުން މެމްބަރު ގައުމުތަކުން ގޮތެއް ނިންމުމަށް އުޒްބަކިސްތާނުގެ ކޮންފަރެންސަަށް ހުށަހަޅާ ޕްރޮޕޯސަލް މެމްބަރު ގައުމުތަކުގެ ޚިޔާލު ހޯދުމަށް ވަނީ ފޮނުވާފައެވެ. މި ނޫހަށް މި ޕްރޮޕޯސަލްގެ ކޮޕީއެއް ފެނިފައިވާ އިރު، ރައީސް މުއިއްޒު ހުއްދަ ދެއްވަން ނިންމެވި ކަށި މިޔަރު ސައިޓީސްގެ އެޕެންޑިކްސް 2 ގައި ހިމަނަން ވަނީ ނިންމާފައެވެ.
އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހިރާއްޖެ އިން ވަނީ މި ހުށަހެޅުމަށް ތާއީދު ކުރާ ކަން ސައިޓީސް ގެ ސެކްރެޓޭރިއަޓަށް ލިޔުމުން އަންގާފައެވެ.
ނަން ނުޖެހުމަށް ޝަރުތު ކޮށް ވާހަކަ ދެއްކި ތަޖުރިބާކާރަކު ބުނީ، ސައިޓީސް ގެ މަސައްކަތް ހިނގާ ގޮތައް ބަލާއިރު، ކަށިމިޔަރު ކުރި އަށް އޮތް ބައްދަލުވުމުގައި ސައިޓީސް ގެ އެޕެންޑިކްސް 2 ގައި ހިމެނުމަށް ފާސްވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
އެހެން ވެއްޖެ ނަމަ، ރާއްޖޭގައި ކަށި މިޔަރު ބޭނި ނަމަވެސް މިޔަރު ގަންނަން ގައުމުތަކުން ޖެހިލުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ، އެޕެންޑިސް 2 ގައި ހިމެނޭ ބާވަތެއްގެ ވިޔަފާރި ކުރުމަށް އެތަކެތީގެ މާހައުލުން ނެގޭނީވެސް ސައިޓީސް އިން ގަބޫލު ކުރާ މެނޭޖްމަންޓް ޕްލޭނެއް ހަދައިގެން ކަމަށެވެ. އަދި އެފަދަ ޕްލޭނެއް ހެދުމަށް ވެސް ދިގު މުއްދަތެއް ހޭދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހިނގާ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ވަޑައިގެން މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ކަށި މިޔަރުގެ މަސްވެރިކަމަށް ވަންނަން ބޭނުންވާ ފަރާތްތަކުން، އަލުން އެކަން ކުރުމުގެ ފުރުޞަތު 1 ނޮވެންބަރުން ފެށިގެން ލިބިގެންދާނެ އަތީ، އެކަމަށް ތައްޔާރުވާން ބޭނުންވާ ފަރާތްތަކުން ތައްޔާރުވުމަށް ގޮވާލައްވާފައިވެއެވެ.
ކަށި މިޔަރު ދަރިމައި ވަނީ އެންމެ މަދު ވެގެން ވެސް 12 އަހަރު ފުރުމުންނެވެ. އަދި ވިހާ އިރު ވިހަނީ އެންމެ މިޔަރެކެވެ. ވިހެއުމަށް ފަހު އަނެއް ފަހަރު ވިހެއުމާ ދޭތެރޭ މަދުވެގެން 2 އަހަރު ދުވަސް ހޭދަވެއެވެ.
ދިވެހިރާއްޖޭ ގައި 1998 އިން ފެށިގެން މިޔަރުގެ މަސްވެރިކަމާ ގުޅޭ ހަރުދަނާ ޤަވާއިދުތަކެއް ހެދި، 2010 ގައި މިޔަރުގެ މަސްވެރިކަން މުޅިން މަނާ ކުރެވުނެވެ.
2021 ގައި އަލުން މިޔަރުގެ މަސްވެރިކަމަށް ހުޅުވާލަން އުޅޭ ވާހަކަތަކެއް ދެކެވެން ފެށުމާއެކު، ބައިނަލްއަގްވާމީ ފެންވަރުގައި އެކަމަށް ވަރަށް ބޮޑަށް ދެކޮޅު ހަދާ އިހުތިޖާޖު ކޮށްފައިވެއެވެ. ބައެއް ޑައިވަރުން ރާއްޖެ ބޮއިކޮޓް ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ރައީސް މުއިއްޒު ކުޅުދުއްފުއްޓަށް ވަޑައިގެން ވިދާޅުވީ، އެ ސިޓީގެ ރައްޔިތުންނަކީ ޚާއްޞަކޮށް، މީގެ ކުރީގެ ދުވަސްތަކެއްގައި، ކަށިމިޔަރުގެ މަސްވެރިކަން ކުރި ބައެއް ކަމަށާއި، ވަރަށް ބޮޑު އާމްދަނީ އެއް އެކަމުން ލިބެމުންދިޔަ ކަމަށެވެ. އެހެން ނަމަވެސް، ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކާއި، އަދި ބައެއް އެހެން ކަންކަމާހެދި އެކަން ވަނީ ހުއްޓިފައ ކަމަށް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީ އާއި، އެންވަޔަރަންމަންޓް މިނިސްޓްރީއާ ވާހަކަ ދައްކައި، އަދި ގަވާއިދުތަކާ އެއްޗެހި ބަލައި، ވަރަށް ގިނަ މަސައްކަތްތަކެއް ކޮށް، މެނޭޖްމަންޓް ޕްލޭނެއް ޑްރާފްޓްކޮށް ނިމިފައިވާ ކަމުގައެވެ.
މިޔަރުގެ ބާވަތްތުގެ މަސްވެރިކަން މަނާ ކުރެވުނީ މިޔަރު މަސްވެރިކަމުގެ ސަބަބުން ވަރަށް ބޮޑަށް މިޔަރުގެ އާބާދީ ދަށަށް ދާކަން ބައިނަލް އަގްވާމީ ފެންވަރުގައި ފާހަގަ ކުރެވުމާ ގުޅިގެންނެވެ.
ކަށި މިޔަރަކީ އައި.ޔޫ.ސީ.އެން ރެޑް ލިސްޓް އޮފް ތްރެޓަންޑް ސްޕީޝީޒްގައި ނެތިދިއުމުގެ ބިރު ހީވެފައިވާ ބާވަތެއްގެ ގޮތުގައި ލިސްޓު ކުރެވިފައިވާ މިޔަރުގެ ބާވަތެކެވެ.
"އެހެންވީމާ، މި މެނޭޖްމަންޓް ޕްލޭންގެ ދަށުން 1 ނޮވެންބަރުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން." މުއިއްޒު ވިދާޅުވެފައިވެއެވެ.