Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2025 | ބުދަ 15:55
އެސްޑީއެފްސީ
އެސްޑީއެފްސީ
ޔޫސުފް ސޮފްވާން ރަޝީދު
އެސްޑީއެފްސީ ލޯނު
އެސްޑީއެފްސީގެ ލޯނުތަކަށް ފައިސާ ނުދައްކާތީ 554 މިލިއަން ރުފިޔާ ނުލިބޭ: އޮޑިޓް
2019ން 2023ގެ ނިޔަލަށް އެސްޑީއެފްސީގެ ކީސާއިން 1428 ލޯނަށް 1574 މިލިއަން ރުފިޔާ ދޫކޮށްފައިވޭ
އައުޓްސްޓޭންޑިންގ ގޮތުގައިވާ 878 މިލިއަން ރުފިޔާ ލޯނަށް ގަވާއިދުން ފައިސާ ދައްކާފައިނުވޭ
އޮޑިޓު ރިޕޯޓުގައި ލޯނު ނުދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން ލަސްވެފައިވާކަން ވެސް ފާހަގަކޮށްފައިވޭ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ)ން 2019 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް އެކި ފަރާތްތަކަށް ދޫކުރި ލޯނުތަކަށް ގަވައިދުން ފައިސާ ނުދައްކާތީ އެ ލޯނުތަކުގެ 554 މިލިއަން ރުފިޔާ ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އެސްޑީއެފްސީގެ 2019-2023ގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، 2019 ވަނަ އަހަރު ކުންފުނި އުފެއްދުމަށްފަހު އެކި އަހަރުތަކުގެ މަތިން 2024 ވަނަ އަހަރު ނިޔަލަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން ރައުސުލްމާލުގެ ގޮތުގައި 1،140 މިލިއަން ރުފިޔާ ކުންފުންޏަށް ދޫކޮށްފައިވާއިރު، 2023 ވަނަ އަހަރުގެ ނިޔަލަށް ވެސް ކުންފުންޏަށް ވެފައިވަނީ ގެއްލުން ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ނިޔަލަށް ކުންފުނީގެ އެކިއުމުލޭޓަޑް ލޮސަސް ހުރީ 164.68 މިލިއަން ރުފިޔާގައިކަން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް 2022 ވަނަ އަހަރުން ފެށިގެން ކުންފުނީގެ މާލީ ހާލަތު ރަނގަޅުވަމުން އައިސްފައިވުމުން 2024 ވަނަ އަހަރު ކުންފުންޏަށް 45.21 މިލިއަން ރުފިޔާގެ ފައިދާވެފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، 2019ން 2023ގެ ނިޔަލަށް އެސްޑީއެފްސީގެ ކީސާއިން 1428 ލޯނަށް 1574 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ 50 ޕަސެންޓަކީ ހަރުމުދާ އަދި ރަށު ފަތުރު ޕްރޮޑަކްޓުގެ ގޮތުގައި ދޫކޮށްފައިވާ ލޯނެވެ.

31 ޑިސެންޓަރު 2023 އާ ހަމައަށް އެސްޑީއެފްސީން ދޫކޮށްފައިވާ 1574 މިލިއަން ރުފިޔާގެ ލޯނުތަކުގެ އައުޓްސްޓޭންޑިންގއަކީ 1357 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން 41 ޕަސެންޓް (554 މިލިއަން ރުފިޔާ) އަކީ ނަން-ޕަރފޯމިންގ އެސެޓް (އެން.ޕީ.އޭ) އަށްވެފައިވާ ލޯނު ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ. އަދި ކުންފުނީގެ ރިކަވަރީ މެނުއަލްގެ 4.4ގައިވާ ގޮތުން އެންޕީއޭއަށް ވަނީ އެސެޓަކުން ކުންފުންޏަށް އާމްދަނީ ނުލިބޭތާ 90 ދުވަހަށްވުރެ އިތުރުވުމުން ކަމަށް ފާހަގަކޮށްފައިވެއެވެ.

އޮޑިޓު ރިޕޯޓުގައިވާ ގޮތުން، މިލޯނުތަކަށް 827 އެޕްލިކަންޓުންނަށް ކުންފުނިން ދޫކޮށްފައިވާ ލޯނުތަކުގެ އައުޓްސްޓޭންޑިންގ ގޮތުގައިވާ 878 މިލިއަން ރުފިޔާ ލޯނަށް މަހުންމަހަށް ފައިސާ އަނބުރާ ދައްކަންޖެހޭ ތާރީހާ ހަމައަށް ގަވާއިދުން ފައިސާ ދައްކަމުން އައިސްފައިނުވާ ކަަމަށެވެ. އަދި 31 ޑިސެންބަރު 2023 ގެ ނިޔަލަށް އޯވަރޑިއުގެ ގޮތުގައި ނުލިބިވާ 151 މިލިއަން ރުފިޔާ (17 ޕަސެންޓް) ހުރި ކަމަށެވެ.

އޮޑިޓު ރިޕޯޓުގައި ލޯނު ނުދައްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން ލަސްވެފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

އެސްޑީއެފްސީއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.

- ކޮމެންޓް