Advertisement
ކ. މާލެ
|
19 ނޮވެންބަރ 2025 | ބުދަ 18:47
ޓެކްސީ ނަފާ ލޯނު ލިބި މިހާތަނަށް ޓެކްސީ އަތަށް ނުލިބި އެލޯނަށް ފައިސާ ދައްކަމުންދާ އާދަމް ސަލީމް ނޫސްވެރިންނަށް މައުލޫމާތު ދެނީ
ޓެކްސީ ނަފާ ލޯނު ލިބި މިހާތަނަށް ޓެކްސީ އަތަށް ނުލިބި އެލޯނަށް ފައިސާ ދައްކަމުންދާ އާދަމް ސަލީމް ނޫސްވެރިންނަށް މައުލޫމާތު ދެނީ
ރާއްޖެއެމްވީ
ޓެކްސީ ނަފާ ލޯނު
މި ސަރުކާރުން ކާރުއެމްވީއަށް ފައިސާދީގެން ގެންނަން ބުނި ކާރުތައް ނުލިބޭ، ލޯނަށް މަހަކު 7000 ރުފިޔާ އެބަ ކަނޑާ: ޓެކްސީ ޑްރައިވަރު ސަލީމް
ޓެކްސީ ނަފާ ލޯނު ލިބުނު 22 މީހުންނާއި ގެރެންޓީ ދިން 22 މީހުން ހިމެނޭހެން 44 މީހަކު މި ލޯނުގައި ޖެހިފައިވޭ
ރައީސް އޮފީހަށް ސިޓީ ފޮނުވައި ޝަކުވާތައް ހުށަހެޅި ނަމަވެސް މި މައްސަލައިގައި ހައްލެއް އަދިވެސް ނުލިބޭ

މި ސަރުކާރުން އެސްޑީއެފްސީ މެދުވެރިކޮށް ކާރުއެމްވީ ނަމަކަށް ކިޔާ ކުންފުންޏަކަށް ފައިސާދީގެން ގެންނަން ބުނި ކާރުތައް ނުލިބޭ ކަމަށާއި، ކާރު ލޮަލަށް ނުފެނި ލޯނަށް މަހަކު 7000 ރުފިޔާ ކަނޑަން ފަށާފައިވާ ކަމަށް ޓެކްސީ ނަފާ ލޯނު ލިބުނު ޑްރައިވަރެއް ކަމަށްވާ އާދަމް ސަލީމް ބުނެފި އެވެ.

ޑްރައިވަރސް އެސޯސިއޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯނު ލިބުނު ޓެކްސީ ޑްރައިވަރެއް ކަމަށްވާ އާދަމް ސަލީމް ބުނީ "ޓެކްސީ ނަފާ" ލޯނު ކަންތައްތައް ދިމާވީމާ ރައީސް އޮފީހަށް 14 ޖުލައިގައި ހުރި ހުރިހާ ކަންބަޮޑުންތައް ހިމެނޭ ގޮތަށް ރައީސް އާއި ބައްދަލުކުރަން އެދި ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އޭނާ ބުނީ މި މައްސަލައިގައި ޙައްލެއް ދެވޭނީ ރައީސް އަށް ކަމަށް ވާތީ އެފަދައިން އެދިފައިވާނެ ކަމަށެވެ. އޭނާ ބުނީ މި ލޯނުގައި ކާރު ލޯނަށް އެދުނު 22 މީހުންނާއި އެ 22 މީހުންނަށް ގެރެންޓީ ދިން 22 މީހުން ހިމެނޭހެން 44 މީހަކު މި ލޯނުގައި ޖެހިފައިވާ ކަމަށެވެ.

އޭނާ ބުނީ ޓެކްސީ އަތަށް ވެސް ނުލިބޭ ކަމަށާއި، ހެނދުނު ހޭލި އިރު ލޯނަށް ފައިސާ ކަނޑާފައިވާ ކަމަށެވެ. ސަލީމް ބުނީ ރައީސް އޮފީހަށް ގޮސް އެތަނުގެ ބައެއް ފަރާތްތަކާއި ދިމާވެގެން އެ ޝަކުވާތައް ވެސް ހުށަހެޅި ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ހައްލެއް އަދިވެސް ނުލިބޭ ކަމަށެވެ.

ރައީސް އޮފީހަށް އަޅުގަނޑު އިއްޔެ ވެސް ދިޔައިން، އޭގެ ކުރިން ދުވަހު ވެސް ދިޔައިން. އިއްޔެ ރައީސް އޮފީހުގެ އޮފިސަރަކާ ދިމާވީމަ ވިދާޅުވި ރައީސަށް ތި ވާހަކަތައް ދަންނަވާނަމޭ އިރާދަކުރެއްވިއްޔާ ތި ބޭފުޅުންނަށް ޙައްލެއް ދެއްވާނެ. ދެންނެވި ކަމެއް ނުދަންނަވާ ކަމެއް ނޭނގޭ. ހަމައެއާއެއްކޮށް ރައީސް އޮފީހުގެ މިނިސްޓަރު ޙަލީލު އާއި ދިމާވީމަ ޙަލީލު ކައިރީގައި ވެސް ވިދާޅުވީ އަޅުގަނޑުމެންނަށް ގޮތެއް ހޯދައިދޭށޭ. މިނިސްޓަރު އަމީން މަޖިލީހުގެ ތަޅުމުގައި އެންމެ ފަހުން ޕީ.އެން.ސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ފަލާ މި ލޯނުގެ ސުވާލެއް ކުރީމާ މިނިސްޓަރު އަމީން ދެއްވި ޖަވާބަކީ އެއީ ސިޔާސީ ބޭނުމަކަށް ސަރުކާރުން ގަވާއިދާ ޚިލާފު ކަމެކޭ މިނިސްޓްރީއަކުންނެއް ގާނޫނާ ގަވާއިދާ ޚިލާފެއް ނުވާނެ. ހަމައެއާއެއްކޮށް އެ ސުވާލަށްފަހު ވިދިގެން އެހެން މެންބަރަކު ސުވާލުކުރެވެން ވިދާޅުވީ، އަޅުގަނޑުމެން ލޯނު ލިބުނު މީހުންގެ މައްސަލައެއް ނޫނޭ. ދިން ފަރާތުގެ މައްސަލައެކޭ. ފާހަގަކޮށްލަން ބޭނުންވާ އެއްޗަކީ، ސިޔާސީ ގޮތުން ނިމިދިޔަ ސަރުކާރުގެ ބޮލަށެއް މީތި މި ސަރުކާރުން މި ޖަހަނީ.

އާދަމް ސަލީމް

ސަލީމް ބުނީ ކުރީ ސަރުކާރުން ލޯނަށް ގެޒެޓް ކުރެވުުނު ނަމަވެސް، މިހާރުގެ ސަރުކާރު ވުޖޫދުވެފަ ޖަނަވަރީ ފެބުރުއަރީ މަސް ތެރޭގައި އެގްރީމެންޓުތަކުގައި ސޮއިކުރަން ފެށީ މަޖިލިސް އިންތިޚާބު ބޯމަތިވެފައި އޮއްވާ ކަމަށެވެ. އަދި ޓެކްސީގެ ފައިސާ ޑްރައިވަރުންނަށް ނުދީ އެސްޑީއެފްސީ އިން 'ކާރުއެމްވީ' ކިޔާ ކުންފުންޏަކަށް ފައިސާ ޖަމާކުރި ކަމަށެވެ. އަދި ކާރުއެމްވީކިޔާ ކުންފުންޏަށް 22 މީހުންގެ 60 ޕަސެންޓް ލާރި ޖަމާކޮށްފައި އޮތް ނަމަވެސް، މިހާތަނަށް އެ ކުންފުނިން ބުނަމުންދަނީ 14 ކާރު އޮތް އިރު 3 ކާރު އޮތީ ބީ ޒޯނަށް ރަޖިސްޓްރީކުރެވިފައި ކަމަށެވެ. އަދި ދެން ހުރި އެއްޗެއްސަށް ވާނުވާ ނޭނގޭ ކަމަށާއި، ޑޮކިއުމެންޓެއް ހަމައެއް ނުވާ ކަމަށް ސަލީމް ބުންޏެވެ.

އެސްޑީއެފްސީ އަށް ވެސް ވަރަށް ގިނައިން ދެވިއްޖެ. އެ ބޭފުޅުން ވިދާޅުވަނީ ކާރުއެމްވީ އަކުން ޚަބަރެއް ނުވޭ. ތިމަންނަމެންނަކަށް ނެތޭ އޭގައި ކުރެވޭނެ ކަމެއް. ކާރުއެމްވީގެ ބޭފުޅުން ވިދާޅުވަނީ، ތިމަންނަވެސް މަސައްކަތް ކުރަމޭ. ގެޒެޓް ބާތިލުކުރި ހިސާބުންނޭ ތިމަންނަމެންނަށް ހުރިހާ ކަމެއް ނުވެގެން މިއުޅެނީ. މިހާތަނަށް އަހަރެއް ފާއިތުވެގެން ދިޔައިރު ދައުލަތުގެ އެއްވެސް ވުޒާރާއަކަށް މިކަމުން ޙައްލެއް ދެވޭނެ ގޮތެއް ނުވި. ހަމައެއާއެއްކޮށް ހެނދުނު ހޭލިއިރު އަޅުގަނޑުމެން ބީއެމްއެލް އެޕްލިކޭޝަން ބަލާލިއިރު މި އޮންނަނީ މިމަހުން ފެށިގެން ހަތްހާސް ހަހާސް ރުފިޔާ ކެނޑޭގޮތަށް. އެކި ބޭފުޅުންނަށް އެކިވަރު މީގެތެރޭގައި. ކާރު ނުލިބޭ ޑްރައިވަރުން އިއްޔެ އެސްޑީއެފްސީއާ ބައްދަލުކުރީމަ ބުނީ، ކާރު ނެތްކަމުގައި ވިޔަސް ލޯނު ދައްކަން ޖެހޭނެ، ކެންސަލްކޮށްލަންވިޔަސް ކާރުއެމްވީއަށް ޖަމާކޮށްފައިވާ ފައިސާގައި ޒިންމާ ޑްރައިވަރުންނޭ ނަގަންޖެހޭނީ. އެހެންވީމާ ތިބޭފުޅުން ލޯނު ދައްކަން ޖެހޭނޭ.

އާދަމް ސަލީމް

ސަލީމް ބުނީ ކާރު ނުލިބި ލޯނު ދައްކަންޖެހި ފައިދާއެއް ނެތްކަމެއްގައި ގެއްލުން ލިބެމުންދާ ކަމަށެވެ. އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން ދައުލަތުގެ އެއްވެސް ތަނަކުން މައްސަލަ ނުބެލި ކަމަށާއި، ފުލުހަށް ދިއުމުން މިއީ ދައުލަތުގެ އިދާރާއެއް ހިމެނޭ މައްސަލައެއް ކަމުން އޭސީސީއަށް ހުށަހެޅުމަށް އެދުނު ކަމަށާއި، ޑްރައިވަރުން ބޭނުންނަމަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލިދާނެ ކަމަށް ފުލުހުން ބުނި ކަމަށެވެ.

އޭނާ ވަނީ މިއީ އިންސާފުތޯ ސުވާލު އުފައްދާ ރައީސް މުއިއްޒު އަށް ޖުލައި 14 ގައި ފޮނުވި ސިޓީއަށް ޖަވާބު ނުދީ ނިކަމެތިކޮށްފައިވާ ކަމަށް ސަލީމް ބުންޏެވެ. އޭނާ ވަނީ މި މައްސަލައިގައި ސިޔާސީ އިސް ފަރާތްތަކުން ޓެކްސީ ޑްރައިވަރުންނާއި ޑްރައިވަރުންގެ އާއިލާގެ ހައްގުގައި އަޑު އުފުލައިދިނުމަށް ވެސް އެދިފަ އެވެ.

- ކޮމެންޓް